ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ދައުލަތުގެ ބަޖެޓުން ކަނޑައަޅާފައިވާ މިންވަރަށްވުރެ ބޮޑަށް އެ އޮތޯރިޓީން ޚަރަދުކޮށްފައިވާ ކަމަށް ބުނެ ބައެއް ނޫސްތަކުގައި ޝާއިޢުކޮށްފައިވާ ޚަބަރުތަކަކީ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށް އެލްޖީއޭ އިން ބުނެފިއެވެ.

އެލްޖީއޭ އިން މިކަން ހާމަކޮށް މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، މިނިސްޓްރީ އޮފް ފިނޭންސުން އާންމުކޮށްފައިވާ މަޢުލޫމާތުތަކަކާ ޙަވާލާދީ، އެ އޮތޯރިޓީގެ ބަޖެޓަށްވުރެ އިތުރަށް ޚަރަދުކޮށްފައިވާ ކަމަށާއި އަދި އެކަމާ ގުޅޭގޮތުން މައުލޫމާތު ދީފައިނުވާ ކަމަށް ބުނެ ނޫސްތަކުގައި ލިޔެފައިވާ ކަންކަމުގެ އަސްލު ޙަޤީޤަތް ރައްޔިތުންނަށް ސާފުކޮށްދޭން ބޭނުންވާ ކަމަށެވެ.

އެގޮތުން އެލްޖީއޭ އިން ފާހަގަކޮށްފައިވާ ގޮތުގައި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ގެނެވުނު 17 ވަނަ އިޞްލާޙާ ގުޅިގެން، ކުރިން ހިންގަމުން އައި އަތޮޅު ކައުންސިލް އިދާރާތައް އުވާލައި، 2026 މޭ 17 އިން ފެށިގެން އެލްޖީއޭގެ ގޮފިތަކެއްގެ ގޮތުގައި އަތޮޅުތަކުގައި ވަނީ ޤާއިމުކޮށްފައެވެ. އަދި އެ އިދާރާތަކުގެ މުވައްޒަފުންގެ މުސާރައާއި، ޢިނާޔަތްތަކާއި، ދައްކަންޖެހޭ އެހެނިހެން ފައިސާއާއި އިދާރީ ހުރިހާ ޚަރަދެއް ކުރުމުގެ ޒިންމާ ޙަވާލުވީ އެ އޮތޯރިޓީއާއެވެ.

އިޝްތިހާރު އިޝްތިހާރު

އެލްޖީއޭ އިން ހާމަކުރި ގޮތުގައި 2026 ވަނަ އަހަރަށް އެ އޮތޯރިޓީއަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދީފައިވަނީ 37.3 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެއީ އަތޮޅު ގޮފިތައް އުފެއްދުމުގެ ކުރިން އޮތޯރިޓީގެ ކުރީގެ ހިންގުމުގެ އޮނިގަނޑަށް ބަލައި ފާސްކުރި ބަޖެޓަކަށް ވާތީ، އަތޮޅު ގޮފިތައް ހިންގުމުގެ ޚަރަދު އެ ބަޖެޓުގައި ހިމެނިފައެއް ނުވެއެވެ. އޮތޯރިޓީގެ އަސްލު ބަޖެޓުން 06 އޮކްޓޯބަރ 2026 ގެ ނިޔަލަށް ހިންގުމަށާއި މުސާރައަށް ޚަރަދުވެފައިވަނީ 18.5 މިލިއަން ރުފިޔާއެވެ.

މީގެއިތުރުން، އަތޮޅު ގޮފިތަކުން ރައްޔިތުންނަށް ދޭ ޚިދުމަތްތައް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށާއި މުވައްޒަފުންގެ ޚަރަދުތަކަށް ބޭނުންވާ ފައިސާ ފިނޭންސް މިނިސްޓްރީގައި އެދުމުން، އެ މިނިސްޓްރީން ވަނީ އެލްޖީއޭގެ ބަޖެޓަށް ފައިސާ އިތުރުކޮށްދީފައެވެ. އެގޮތުން 17 މޭ 2026 އިން ފެށިގެން 06 އޮކްޓޯބަރ 2026 ގެ ނިޔަލަށް ކުރީގެ އަތޮޅު ކައުންސިލްތައް ހިންގުމަށް ޖުމްލަ 61.2 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވަނީ ފިނޭންސުން އިތުރުކޮށްދިން ފައިސާއިން ކަމަށް ބަޔާނުގައިވެއެވެ.

އެހެންކަމުން، ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން އެލްޖީއޭގެ ޚަރަދު ބަޖެޓަށްވުރެ އިތުރުވެފައިވާ ކަމަށް ދައްކަނީ، އަތޮޅު ގޮފިތަކުގެ ޚަރަދުތައް އެލްޖީއޭގެ ޚަރަދުގެ ތެރޭގައި ހިމަނާފައިވުމުން ކަމަށާއި، މި ހުރިހާ ޚަރަދެއްވެސް ކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތު ޤާނޫނާއި ގަވާއިދާ އެއްގޮތަށް ފިނޭންސް މިނިސްޓްރީގެ ހުއްދައާއެކު ކަމަށް އެ އޮތޯރިޓީން ބަޔާންކުރެއެވެ.

އެލްޖީއޭ އިން ވަނީ އެ އޮތޯރިޓީގެ މާލީ އަދި އިދާރީ ހުރިހާ ކަމެއް ހިނގަނީ ޤާނޫނާއި ގަވާއިދުތަކާ އެއްގޮތަށްކަމުގެ ޔަޤީންކަން އަރުވާފައެވެ. އަދި މީޑިއާތަކަށް މަޢުލޫމާތު ދިނުމަށް ކަނޑައެޅިފައިވާ އުޞޫލުން އަބަދުވެސް މަޢުލޫމާތު ފޯރުކޮށްދެމުންދާނެ ކަމަށާއި، އޮތޯރިޓީއާ ގުޅޭ ޚަބަރުތައް ޝާއިޢުކުރުމުގެ ކުރިން އޮތޯރިޓީ މެދުވެރިކޮށް މަޢުލޫމާތުގެ ޞައްޙަކަން ކަށަވަރުކުރުމަށް ހުރިހާ މީޑިއާތަކަށް އެލްޖީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.