ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އެލްޖީއޭ ބޯޑުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފިއެވެ.

މި އިންތިޚާބުގައި ވޯޓުލުން ކުރިއަށްދާނީ ހަވީރު 4:00 ހަމައަށެވެ.

ލާމަރުކަޒީ ޤާނޫނުގެ ދަށުން އެލްޖީއޭގެ ބޯޑަށް 3 މެންބަރުން އިންތިޚާބު ކުރަންޖެހެއެވެ. އެއީ ސިޓީ ކައުންސިލަރުންގެ ތެރެއިން އިންތިޚާބު ކުރާ މެންބަރަކާއި ރަށު ކައުންސިލަރުންގެ ތެރެއިން އިންތިޚާބު ކުރާ މެންބަރެއްގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން އިންތިޚާބު ކުރާ މެންބަރެވެ.

އިޝްތިހާރު އިޝްތިހާރު

ސިޓީ ކައުންސިލްގެ ތެރެއިން އިންތިޚާބުކުރަންޖެހޭ މަޤާމަށް ކުރިމަތިލީ ހަމައެކަނި ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު އާތިފް ކަމަށްވާތީ އޭނާ ވަނީ އެ މަޤާމަށް އިންތިޚާބުވެފައެވެ. މިއަދު ކުރިއަށްދަނީ ރަށު ކައުންސިލާއި އަންހެނުންގެ ކޮމިޓީގެ ރައީށުންގެ ތެރެއިން އިންތިޚާބު ކުރާ ދެ މެންބަރުން ހޮވުމަށް ވޯޓުލުމެވެ.

މި އިންތިޚާބުގައި އެލްޖީއޭ އާއި އަތޮޅުތަކުގައި ގާއިމުކޮށްފައިވާ ސަރުކާރުގެ ޚިދުމާތު މަރުކަޒުތަކާއި ހުޅުދޫ އިޖުތިމާޢީ މަރުކަޒުގައި 19 ވޯޓުފޮށި ވަނީ ބަހައްޓާފައެވެ. މާލޭގައި ވޯޓުފޮށި ބަހައްޓާފައިވަނީ އެލްޖީއޭގައެވެ. ވޯޓުފޮށިތަކުގައި އޮފިޝަލުންގެ ގޮތުގައި ތިބޭނީ ޚިދުމާތު މަރުކަޒުތަކުގެ މުވައްޒަފުންނާއި އެލްޖީއޭގެ މުވައްޒަފުންނެވެ. ހުރިހާ ވޯޓުފޮއްޓެއްގައިވެސް ވޯޓުލުން ކުރިއަށްދާގޮތް އެ އޮތޯރިޓީން ބަލާނެ ކަމަށް އެލްޖީއޭއިން ވިދާޅުވެއެވެ.

މިއަދުގެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްގު 807 ފަރާތަކަށް ލިބެއެވެ. އެއީ ކައުންސިލްތަކުގެ 625 ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ 182 ރައީސުންނަށެވެ.

މި އިންތިޚާބުގައި ދެ މެންބަރުން ހޮވުމަށްވެސް ވޯޓު ކަރުދާސް ލާންޖެހޭނީ އެއް ވޯޓުފޮއްޓަކަށެވެ. ނަމަވެސް ރަށު ކައުންސިލްގެ މެންބަރާއި އަންހެނުންގެ ކޮމިޓީގެ ރައީށް ހޮވުމަށް ދޫކުރާ ވޯޓު ކަރުދާހުގެ ކުލަ ތަފާތުވާނެ ކަމަށް އެލްޖީއޭއިން ވިދާޅުވިއެވެ.

މިއަދު ހެނދުނު 10:00 އިން ހަވީރު 4:00އަށް ވޯޓުލުން ކުރިއަށްދިޔަ ނަމަވެސް ވަގުތު ހަމަވާއިރު ކިޔޫގައި އިތުރު މީހުން ތިބިނަމަ ވޯޓުލުމުގެ ފުރުސަތު ދެވޭނެ ކަމަށްވެސް އެލްޖީއޭއިން ވިދާޅުވެއެވެ.

އެލްޖީއޭއިން ވިދާޅުވީ އިންތިޚާބުގެ ވޯޓުލުން ނިންމައި، ވޯޓުފޮށިތައް ބަންދުކުރާތާ 30 މިނެޓް ފަހުން ވޯޓު ގުނަން ފަށާނެ ކަމަށެވެ. އަދި ވަގުތީ ނަތީޖާ މިރޭ އިއުލާންކުރާނެ ކަމަށާއި ގަވާއިދާ އެއްގޮތަށް ދާއިމީ ނަތީޖާ 3 ނޮވެމްބަރުގައި އިއުލާންކުރާނެ ކަމަށް ވިދާޅުވިއެވެ.