ކޮންމެ ދިރާސީ އަހަރެއްގައި ސްކޫލުތަކުގައި ކިޔަވައިދޭ ދުވަހުގެ އަދަދު މަދުވެގެން 195 ދުވަހަށް ހަމަކުރުމަށްޓަކައި، ތައުލީމާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން މުހިންމު އިސްލާހުތަކެއް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމް ހުށަހެޅުއްވި މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި، ކިޔަވައިދޭ 195 ދުވަސް ކަނޑައެޅުމުގައި ސަރުކާރު ބަންދު ދުވަސްތަކާއި ސްކޫލު ޗުއްޓީތަކެއް ނުގުނޭނެއެވެ.

މީގެއިތުރުން، ދިރާސީ އަހަރު ފަށާ މަހަކީ ޖެނުއަރީ މަސް ކަމުގައި ހަމަޖެއްސުމަށާއި، މަގްބޫލު އުޒުރެއް ނުވަތަ މަޖުބޫރު ހާލަތެއް މެދުވެރިވެއްޖެނަމަ، ފެބުރުއަރީ މަހުގެ ނިޔަލަށް ދިރާސީ އަހަރު ފެށުން ފަސްކުރުމުގެ އިހުތިޔާރު ލިބިދޭ މާއްދާއެއް ވެސް މި ބިލުގައި ވަނީ ހިމަނާފައެވެ.

އިޝްތިހާރު އިޝްތިހާރު

އަންނަ އަހަރުގެ ދިރާސީ ކަލަންޑަރު މިހާރު އެކުލަވާލާފައިވަނީ ސްކޫލްތައް 201 ދުވަހަށް ހުޅުވާގޮތަށް ކަމަށްވީ ނަމަވެސް، ހާއްސަ އެކިއެކި ހަރަކާތްތަކާއި ބަންދުތައް އުނިކުރުމުން، ހަގީގީ މާނައިގައި ކިޔަވައިދިނުމަށް ލިބެނީ އެންމެ 163 ދުވަހެވެ. އެހެންކަމުން، މި އިސްލާހުގެ މައިގަނޑު މަގުސަދަކީ ކިޔަވައިދޭ ދުވަހުގެ އަދަދު އިތުރުކޮށް، ދަރިވަރުންނަށް އުނގަންނައިދިނުމަށް ބޭނުންވާ ފުރިހަމަ ވަގުތު ކަށަވަރުކޮށްދީ، ތައުލީމީ ފެންވަރު މަތިކުރުން ކަމަށް ސަރުކާރުން ހާމަކުރެއެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ބެލެނިވެރިންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން، ޓާމް ބަންދުތައް ހިމެނޭހެން އަހަރަކު 4 ހަފުތާގެ ޗުއްޓީ، ތިން މުއްދަތަކަށް ބަހާލައިގެން ދިނުމަށްވެސް މި އިސްލާހުގެ ދަށުން ވަނީ ރޭވިފައެވެ.

ހަމައެއާއެކު، ރާއްޖޭގެ ތައުލީމީ ނިޒާމަށް އަލަށް ތައާރަފުކުރެވޭ "ހޯމް ސްކޫލިން" އާ ގުޅޭ އުސޫލުތައްވެސް މި ބިލުގައި ހިމަނާފައިވެއެވެ. އެގޮތުން، ކުއްޖާގެ ނުކުޅެދުންތެރިކަމަށް ނުވަތަ ނަފުސާނީ ހާލަތަށް ރިއާޔަތްކޮށް ހެދޭ ހާއްސަ އެސެސްމެންޓަކަށްފަހު، ގޭގައި ތިބެގެން މަދަރުސީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ދަރިވަރުންނަށް ފަހިވެގެންދާނެއެވެ.

މި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްވެ އަމަލުކުރަން ފެށުމުން، މިއީ ދަރިވަރުންނަށާއި ބެލެނިވެރިންނަށް، އަދި މުޅި ތައުލީމީ ދާއިރާއަށްވެސް އޭގެ ހެޔޮ އަސަރު ކުރާނެ މުހިންމު ބަދަލަކަށް ވެގެންދާނެއެވެ.