ދިރާސީ އަހަރުގެ ކިޔެވުން ކޮންމެ އަހަރެއްގެ ޖެނުއަރީ މަހު ފެށުމަށް ލާޒިމުކުރުމަށް ހުށައަޅައިފިއެވެ. ތަޢުލީމުގެ ޤާނޫނަށް ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް މިއަދު ހުށަހެޅުއްވި ބިލުގައި، ދިރާސީ އަހަރު ފެށުމާ ގުޅޭ މާއްދާތަކުގެ އިތުރުން، "ހޯމް ސްކޫލިން" ތަޢާރަފުކުރުން ފަދަ މުހިންމު ކަންކަންވެސް ހިމަނާފައިވާއިރު، މިއަދުގެ ޖަލްސާގައި ވަނީ ބިލުގެ ފުރަތަމަ ކިއުން އިއްވައިފައެވެ.

ދިރާސީ އަހަރާއި ކަލަންޑަރުގެ އުޞޫލުތައް

މި ބިލުގައި، ރާއްޖޭގެ ދިރާސީ އަހަރު ފަށާނެ ގޮތާއި، ދިރާސީ ކަލަންޑަރު ކަނޑައަޅާނެ ޚާއްޞަ އުޞޫލުތަކެއް ވަނީ ބަޔާންކޮށްފައެވެ. އެގޮތުން:

އިޝްތިހާރު އިޝްތިހާރު
  • ކޮންމެ އަހަރެއްގެ ދިރާސީ އަހަރު ޖެނުއަރީ މަހުގެ ތެރޭގައި ފަށަން ޖެހޭ

  • ކޮންމެ ސަބަބަކާ ހުރެ ޖެނުއަރީ މަހުގައި ކިޔެވުން ނުފެށުނު ނަމަވެސް، އެ އަހަރުގެ ފެބްރުއަރީ މަސް ނިމުމުގެ ކުރިން ދިރާސީ އަހަރު ފަށަން ޖެހޭ

މީގެއިތުރުން، އެޑިއުކޭޝަން މިނިސްޓްރީން ކޮންމެ އަހަރެއްގެ ދިރާސީ ކަލަންޑަރު އެކުލަވާލާއިރު، އަންނަނިވި 8 ކަންތައް ހިމެނުން ލާޒިމުކޮށްފައިވެއެވެ. އެއީ:

  • ދިރާސީ އަހަރު ފެށޭ ދުވަހާއި ނިމޭ ދުވަސް

  • ކިޔަވައިދޭ ދުވަސްތައް

  • ކިޔަވައި ނުދޭ ދުވަސްތައް

  • މުދައްރިސުންގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ދުވަސްތައް

  • އިމްތިހާނު ބާއްވާނެ ދުވަސްތައް

  • ދިރާސީ އަހަރަށް އަލަށް ވަންނަ ދަރިވަރުން ބަލައިގަތުމަށް ހުޅުވާލާ މުއްދަތު

  • އެއް ސްކޫލުން އަނެއް ސްކޫލަށް ދަރިވަރުން ބަދަލުކުރުމަށް ކަނޑައެޅިފައިވާ ދުވަސްވަރު

  • ސްކޫލުގެ ޗުއްޓީ ދުވަސްތައް

ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި، ދިރާސީ އަހަރު ކަނޑައެޅުމުގައި ރަސްމީ ބަންދު ދުވަސްތަކާއި ސްކޫލު ޗުއްޓީ ދުވަސްތައް ނުހިމެނޭ ގޮތަށް މަދުވެގެން 195 ދުވަސް ކަނޑައަޅަން ޖެހޭނެއެވެ. އަދި ކުރިއަށް އޮތް ދިރާސީ އަހަރުގެ ކަލަންޑަރު، ހިނގަމުންދާ ދިރާސީ އަހަރު ނިމުމުގެ ކުރިން ކަނޑައަޅައި އިއުލާނުވެސް ކުރަން ޖެހޭނެ ކަމަށް އެ އުޞޫލުގައިވެއެވެ.

މީގެއިތުރުން، ސްކޫލުތަކުގައި ކިޔަވައިދޭ މާއްދާތަކުން ނަގާ ޓެސްޓުތައް ބާއްވާނެ ނިޒާމެއް މިނިސްޓްރީން ކަނޑައަޅަން ޖެހޭނެ ކަމަށާއި، އެ ގޮތް ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވެސް ހިމަނަން ޖެހޭނެ ކަމަށް އިސްލާޙުގައި ބަޔާންކޮށްފައިވެއެވެ.

ތާރީޚީ ކަންކަމާއި ރިޔާސީ ވައުދު:

ރާއްޖޭގައި ކުރިން ދިރާސީ އަހަރު ފަށަމުން އައީ ކޮންމެ އަހަރެއްގެ ޖެނުއަރީ މަހުގައެވެ. ނަމަވެސް ކޮވިޑް-19 ބަލިމަޑުކަމުގެ ތެރޭގައި ކިޔެވުމަށް އައި ބަދަލުތަކާ ގުޅިގެން 2021 ވަނަ އަހަރު، ކިޔެވުން ހަ މަސް ދުވަހަށް ދަންމާލައި، ދިރާސީ އާ އަހަރު އޮގަސްޓުގައި ފަށާ ގޮތަށް ބަދަލުކުރިއެވެ.

މިކަން ކުރިން އޮތް ގޮތަށް، އެބަހީ ޖެނުއަރީގައި ދިރާސީ އަހަރު ފަށާ ގޮތަށް ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދެކެވެ. އެ ވައުދު ފުއްދުމުގެ ގޮތުން މި އަހަރު ޖެނުއަރީގައި ވަނީ ދިރާސީ އަހަރު ފަށާ ގޮތަށް ބަދަލުކޮށްފައެވެ.

މިކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީޢު މީގެ ކުރިންވެސް ވަނީ ވެރިކަމަށް އަންނަ ކޮންމެ ބަޔަކަށް ބޭނުންވާއިރަށް ދިރާސީ އަހަރަށް ބަދަލު ނުގެނެވޭ ގޮތަށް، ދިރާސީ އަހަރު ތަޢުލީމުގެ ޤާނޫނުގައި ކަނޑައެޅުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވިދާޅުވެފައެވެ.