ޒުވާނުން އިސްނަގައިގެން ޔޫރަޕްގައި ފަށާފައިވާ މުޒާހަރާތަކުގެ ރާޅު މުޅި ސަރަޙައްދަށް ފެތުރިފައިވާއިރު، މުޒާހަރާގެ ބައިވެރިން ދަނީ ތަކެތީގެ އަގު އުފުލުމާއި މުސްތަޤްބަލުގެ ފުރުޞަތުތައް ހަނިވަމުންދާތީ އެކަން ކުށްވެރިކުރަމުންނެވެ.

ފުލުހުން ދަނީ ޤައުމުގެ އެކި ކަންކޮޅުތަކަށް އިތުރު އެތައް ހާސް އޮފިސަރުންނެއް ނެރުމަށް ރާވަމުންނެވެ. އަދި ފޭރުމާއި ހަމަނުޖެހުންތަކުން ރައްކާތެރިވުމުގެ ގޮތުން އަގުބޮޑު ގަހަނާ ވިއްކާ ބައެއް ފިހާރަތަކާއި އަންނައުނު ވިއްކާ ފިހާރަތަކުގެ ބިއްލޫރިގަނޑުތައް ވަނީ ލަކުޑިފިލާ ޖަހައި ބަންދުކޮށްފައެވެ.

ޖަރުމަނުގައި ކުރިއަށްދާ މުޒާހަރާތަކުގެ އިސްސަފުގައި ހަރަކާތްތެރިވަނީ "ޖެންޒީ ރެގެލްޓް!" ނުވަތަ "ޖެން ޒީ މިކަން ހައްލުކުރާނެ!" ގެ ނަމުން ނަންދީފައިވާ ގްރޫޕެކެވެ.

އިޝްތިހާރު އިޝްތިހާރު

ޖަރުމަނުގެ މުޒާހަރާތަކުގެ ބައިވެރިންގެ ޝަކުވާތަކުގެ ތެރޭގައި ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމާއި، ސްކޫލްތައް ރަނގަޅަށް ބަލަހައްޓަމުން ނުދިއުމާއި، ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމުގެ އިތުރުން، އާންމު ގޮތެއްގައި ޒުވާން ޖީލަށް މާބޮޑު ސަމާލުކަމެއް ނުދީ ސިޔާސީ ފަރާތްތަކުން ނިންމާ ނިންމުންތައް ހިމެނެއެވެ.

ފާއިތުވި ހަފުތާތަކުގައި ގިނައިން ޒުވާނުން އިސްނަގައިގެން ކުރިއަށްގެންދާ މުޒާހަރާތަކުގެ ރާޅެއް މުޅި ޔޫރަޕަށް ފެތުރިފައިވާއިރު، އޭގެ ތެރެއިން ގިނަ ބައެއްގެ ޝަކުވާތައް އެއްގޮތެވެ؛ އެއީ ތަކެތީގެ އަގު އުފުލުމާއި، ތަޢުލީމީ ވަސީލަތްތައް ދަށަށް ދިއުމާއި، އަދި ގިނަ މުޒާހަރާވެރިން ދެކޭގޮތުގައި އެމީހުންގެ މުސްތަޤްބަލުގެ ފުރުޞަތުތައް ގެއްލެމުން ދިއުމެވެ.

ފްރާންސް އަނެއްކާވެސް ތައްޔާރުވަނީ
މި ޝަކުވާތަކުގެ ތެރެއިން ގިނަ ކަންކަމަކީ، ވިދިވިދިގެން ތިން ހަފުތާ ބަންދުގައި ފްރާންސްގެ ސިޓީތަކާއި އަވަށްތަކުގައި ހަމަނުޖެހުން އުފެއްދި، ޒުވާނުން އިސްނަގައިގެން ކުރިއަށްގެންދިޔަ މުޒާހަރާތަކުގެ ޝަކުވާތަކާ ދާދި އެއްގޮތް ކަންކަމެވެ.

ހުކުރު ދުވަހު ޕެރިހާއި އެހެނިހެން ސިޓީތަކުގެ ފިހާރަތަކާއި ވިޔަފާރިތަކުގެ ބިއްލޫރިގަނޑުތައް ދިޔައީ ލަކުޑިފިލާ ޖަހައި ބަންދުކުރަމުންނެވެ.

ފްރާންސްގެ ފުލުހުން ދަނީ މުޅި ޤައުމަށް 70،000 ފުލުހުން ނެރެ، ކުރިއަށް އޮތް ހަފުތާ ބަންދުގައި ހިނގައިދާނެ މުޒާހަރާތަކަށާއި ހަމަނުޖެހުންތަކަށް ތައްޔާރުވަމުންނެވެ. އަދި ޕެރިހުގެ 40 އަށް ވުރެ ގިނަ މެޓްރޯ ސްޓޭޝަން ބަންދުކުރާނެއެވެ.

މީގެ އިތުރުން މުޒާހަރާތަކުގައި މޫނު ނިވާކުރާ މާސްކު އެޅުން މަނާވާނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.

ފްރާންސްގެ ދާޚިލީ ވަޒީރު ވަނީ މި ހަފުތާ ބަންދުގައި ހަމަނުޖެހުން ހިނގުމުގެ "ވަރަށް ބޮޑު ނުރައްކަލެއް" އެބައޮތް ކަމަށް ވިދާޅުވެ އިންޒާރު ދެއްވާފައެވެ.
ދިރިއުޅުމުގެ ޚަރަދުތަކާއި ސްކޫލްތަކުގެ ހާލަތާ ދެކޮޅަށް ކުރި މުޒާހަރާތައް ފުޅާ ދާއިރާއެއްގައި ވައްކަންކުރުމާއި ހަމަނުޖެހުންތަކަކަށް ބަދަލުވެގެން ދިއުމާ ގުޅިގެން، މީގެ ދެ ހަފުތާ ކުރިން ފްރާންސްގެ އެކި ސިޓީތަކާއި އަވަށްތަކުގައި ވަނީ ބޮޑެތި ހަމަނުޖެހުންތަކެއް ހިނގާފައެވެ.

އޭގެ ފަހުން ފްރާންސްގެ ކަމާބެހޭ ފަރާތްތަކުން ވަނީ އަނިޔާވެރި މުޒާހަރާތައް ހުއްޓުވުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް ވޭތުވެދިޔަ ހަފުތާ ބަންދުގައިވެސް މުޅި ޤައުމުގައި އިތުރު މުޒާހަރާތައް ކުރިއަށްދިޔައިރު، ދޭތެރެދޭތެރެއިން ފުލުހުންނާ ދެމެދު ކުރިމަތިލުންތައް ހިނގާފައިވެއެވެ.

ފްރާންސްގެ ޗެމްބަރ އޮފް ކޮމާސްގެ ރައީސް އެލެން ޑި ކްރެސެންޒޯ ވިދާޅުވީ ވިޔަފާރިވެރިން ތިބީ ކަންބޮޑުވެފައި ކަމަށެވެ.

"ފިހާރަތަކުގެ ވެރިން ތިބީ ހޮނިހިރު ދުވަސް ނިމޭނެ އިރަކަށް ކެތްމަދުވެފައި،" ޑި ކްރެސެންޒޯ ބްރޯޑްކާސްޓަރ ފްރާންސް އިންޓަރ އަށް ވިދާޅުވިއެވެ.

ހެލޮވީންގެ ސަބަބުން "ކަންކަން ރަނގަޅެއް ނުވޭ،" އޭނާ ވިދާޅުވިއެވެ. "ސަބަބަކީ މީހުން ތިބޭނީ މާސްކު އަޅައިގެން ކަމަށްވާތީ."