ދިވެހި މުޖުތަމައުގެ ލާބަޔާއި މަންފާއަށާއި، ގައުމުގެ ކުރިއެރުމަށް އަންހެނުން ކުރާ އަގުހުރި މަސައްކަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ސަރުކާރުން ދެއްވާ "ރެހެންދި އެވޯޑަށް" ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.

ރެހެންދި އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލާފައިވަނީ މިއަދުން ފެށިގެން 2026 ޑިސެންބަރު 10 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ގެ ނިޔަލަށެވެ.

މި އެވޯޑަކީ، ގައުމީ ހިދުމަތުގައި އެކިއެކި ދާއިރާއިން އަންހެނުން ކުރާ މަސައްކަތްތަކާއި، ދިވެހިރާއްޖޭގެ ގައުމީ ތަރައްގީއަށާއި މުޖުތަމައު ބިނާ ކުރުމަށް އަންހެނުން އަދާކުރާ ދައުރު އަދި މުޖުތަމައުގައި އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށާއި، އަންހެނުންގެ ކުރިއެރުމަށް ވަކި ފަރުދުންނާއި މުއައްސަސާތަކާއި، ޖަމިއްޔާތަކާއި ޖަމާއަތްތަކުން ކުރަމުންދާ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ މަގުސަދުގައި ގައުމީ ފެންވަރެއްގައި ވަޒަން ކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ދެމުން އަންނަ އެވޯޑެކެވެ.

އިޝްތިހާރު އިޝްތިހާރު

މި އެވޯޑަށް ކުރިމަތިލުމުގެ ގޮތުން ވަކިވަކި އަންހެނުންނާއި، ޖަމިއްޔާ ޖަމާއަތްތަކުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުން އަމިއްލައަށް ނަން ހުށަހެޅުމުގެ ފުރުސަތާއި، އެހެން ފަރާތަކުން ނަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މި އެވޯޑަށް ކުރިމަތިލެވޭނީ އަންހެނުންނާއި، ޖަމިއްޔާ ޖަމާއަތްތައް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށެވެ. ވަކިވަކި އަންހެނުންނާއި، ޖަމިއްޔާތަކުގެ ނަން އަމިއްލައަށް ނުވަތަ އެހެން ފަރާތަކަށްވެސް ހުށަހެޅޭނެއެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ނަން އަމިއްލައަށް ނުވަތަ އެ ކޮމިޓީ ނިސްބަތްވާ ސިޓީ ނުވަތަ ރަށެއްގެ ލޯކަލް ކައުންސިލަށް ނުވަތަ އެހެން ފަރާތަކަށްވެސް ހުށަހެޅޭނެއެވެ. ރެހެންދި އެވޯޑަށް ނަން ހުށަހެޅޭނީ އެއް ދާއިރާއަކުންނެވެ.

ވަކިވަކި އަންހެނުންނާއި، ޖަމިއްޔާ ޖަމާއަތްތަކަށް މި އިނާމު ދެވޭނެ ކެޓަގަރީތަކުގެ ތެރޭގައި ލީޑަރޝިޕް އަދި ގަވަނަންސް، އިގްތިސާދީގޮތުން ބާރުވެރިކުރުވުން، އިޖްތިމާއީ ގޮތުން ބާރުވެރިކުރުވުން، އަދި އަންހެނުން އާންމުކޮށް ކޮށް ނޫޅޭ މަސައްކަތްތައް ނުވަތަ ނޮން ޓްރެޑިޝަނަލް ރޯލްސް ހިމެނެއެވެ.

ލިޔެކިޔުންތަކާއި އިންޓަރވިއުއާއި އަދި ކޮށްފައި ހުރި މަސައްކަތްތަކަށް ބަލާފައި އެވޯޑު ލިބޭ ފަރާތްތައް ނިންމާނީ ރެހެންދި އެވޯޑު އިވެލުއޭޝަން ކޮމިޓީއިންނެވެ.

ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހާ ގުޅުވައިގެން ރެހެންދި އެވޯޑު އެންމެ ފުރަތަމަ ދޭން ފަށާފައިވަނީ 2014 ވަނަ އަހަރުއެވެ.