ޓޫރިޒަމް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ (ޕީއެސް) މަގާމުން ވަކިކުރުމާއި، އަލުން އެ މަގާމަށް މީހަކު ހޮވުމުގައި ސިވިލް ސާވިސް ކޮމިޝަނުން (ސީއެސްސީ) ތަފާތުކުރުން ގެންގުޅެފައިވާ ކަމަށް ބުނެ ފާޠިމަތު ޝައުފާ ހުށަހެޅުއްވި މައްސަލަ ސާބިތުނުވާ ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅައިފިއެވެ.
މި މައްސަލައަކީ 2025 ވަނަ އަހަރުގެ ޖަނަވަރީ 6 ގައި ޓޫރިޒަމް މިނިސްޓްރީގެ ޕީއެސްގެ މަގާމަށް ޢައްޔަނުކުރި ލ. ފޮނަދޫ، ދޯޅަބުގެ، ފާޠިމަތު ޝައުފާ، ޕްރޮބޭޝަން މުއްދަތުގެ ތެރޭގައި އެ އަހަރުގެ ފެބުރުވަރީ 3 ގައި ވަޒީފާއިން ވަކިކުރުމުން ސީއެސްސީއާ ދެކޮޅަށް ހުށަހެޅި މައްސަލައެކެވެ. ޝައުފާ ވަޒީފާއިން ވަކިކުރީ އެ އަހަރުގެ ފެބުރުވަރީ 1 ގައި ޓޫރިޒަމް މިނިސްޓްރީއާއި އެންވަޔަރަމަންޓް މިނިސްޓްރީ އެއްކޮށްލައި، ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާ އުފެއްދުމަށްފަހުގައެވެ.
ޝައުފާ ހުށަހެޅުއްވި މައްސަލައިގައި ވަނީ، ދެ ވުޒާރާ އެއްކޮށްލުމަށްފަހު އާ ވަޒީރު މަގާމާ ހަވާލުވެވަޑައިގެންނެވިތާ ތިންވަނައަށްވީ ދުވަހު އޭނާގެ ކިބައިން އިސްތިއުފާ ދެއްވުމަށް ސީއެސްސީގެ ސެކްރެޓަރީ ޖެނެރަލް ޢަބްދުﷲ ސަޢީދު އެދިވަޑައިގެންނެވި ކަމަށެވެ. އިސްތިއުފާ ދެއްވުމަށް އިންކާރުކުރެއްވުމުން ޕްރޮބޭޝަން މުއްދަތުގެ ދަށުން ވަކިކުރީ ކުރީގެ ޓޫރިޒަމް ވަޒީރު އިބްރާހީމް ފައިސަލާ އެއް ރަށަކަށް ނިސްބަތްވާތީ ސިޔާސީ ގޮތުންނާއި އުފަން ރަށަށް ބަލައި ތަފާތުކުރުން ގެންގުޅެގެން ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.
މީގެއިތުރުން، އާ މިނިސްޓްރީގެ ޕީއެސް ހޮވުމަށް ބޭއްވި ފުރަތަމަ އިންޓަވިއުއިން އެންމެ މަތިން މާކްސް ލިބިފައިވަނިކޮށް، އެ އިންޓަވިއު ބާޠިލުކޮށް ދެވަނަ އިންޓަވިއުއަކުން އެންވަޔަރަމަންޓް މިނިސްޓްރީގެ ކުރީގެ ޕީއެސްއަށް މަގާމު ދީފައިވަނީ ގަސްދުގައި ވަކި ފަރާތަކަށް މަގާމު ދިނުމުގެ ގޮތުން ކަމަށް ޝައުފާ ތުހުމަތުކުރެއްވިއެވެ. އެހެންކަމުން ވަޒީފާގެ އެއްބަސްވުމުގެ ބާކީ މުއްދަތަށް ވާ މުސާރައާއި އިނާޔަތްތަކުގެ އިތުރުން ވަކީލު ޚަރަދުގެ ގޮތުގައި 35,000 ރުފިޔާ ނަގައިދިނުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.
މި މައްސަލައިގައި ސީއެސްސީން ދިފާޢުގައި ބުނީ، ޝައުފާ މަގާމުން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނާއި ސިވިލް ސާވިސްގެ ޤަވާޢިދުގެ ދަށުން ޕްރޮބޭޝަން މުއްދަތުގައި، އެއްވެސް ނޯޓިހެއް ދިނުމަކާ ނުލައި ވަޒީފާއިން ވަކިކުރުމަށް ވަޒީފާދޭ ފަރާތަށް ލިބިދޭ ޤާނޫނީ އިޚްތިޔާރުގެ ތެރެއިން ކަމަށެވެ. އަދި އޭނާއާމެދު އެއްވެސް ތަފާތުކުރުމެއް ގެންގުޅެފައިނުވާނެ ކަމަށާއި، ތަފާތުކުރި ކަމަށް ބުނާ ވާހަކަތަކަށް ބާރުދޭ އެއްވެސް ހެއްކެއް ނެތް ކަމަށް ކޮމިޝަނުން ފާހަގަކުރިއެވެ.
މައްސަލަ ބެއްލެވި ޓްރައިބިއުނަލުގެ މެންބަރު ޝުޢައިބު ޔޫސުފްގެ ރައުޔުގައި ފާހަގަކުރެއްވީ، ޕްރޮބޭޝަން މުއްދަތުގައި ނޯޓިހަކާ ނުލައި ވަޒީފާއިން ވަކިކުރުމުގެ ބާރު ވަޒީފާދޭ ފަރާތަށް އޮންނަ ކަމަށެވެ. އަދި އެ މަރުޙަލާގައި ވަޒީފާއިން ވަކިކުރުމަކީ އެކަށީގެންވާ ސަބަބެއް އޮތްތޯ ވަޒަންކުރަންޖެހޭ ކަމެއް ނޫން ކަމަށް މަތީ ކޯޓުތަކުގެ ނިންމުންތަކުން އެނގޭ ކަމަށް ރައުޔުގައި ވެއެވެ.
ޝައުފާއާއި ކުރީގެ ވަޒީރު އިބްރާހީމް ފައިސަލް އެއް ރަށަކަށް ނިސްބަތްވުމަކީ އޭގެ ޒާތުގައި ތަފާތުކުރުމެއް ހިނގި ކަމަށް ބެލޭނެ ހަމައެއް ނޫން ކަމަށް ޓްރައިބިއުނަލުން ކަނޑައެޅިއެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުންތަކަށް ބަލާއިރު، ތަފާތުކުރުމުގެ ދަޢުވާއެއް ސާބިތުކުރުމަށްޓަކައި އެކަށީގެންވާ ހެއްކާއި ޤަރީނާ ހުށަހަޅަންޖެހޭނެ ނަމަވެސް، މި މައްސަލައިގައި އެފަދަ އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާ ކަމަށް ނިންމުމުގައި ފާހަގަކޮށްފައިވެއެވެ.
ފުރަތަމަ އިންޓަވިއު ބާޠިލުކުރީ ހުރިހާ ފަރާތްތަކަށްވެސް އެއް ހަމައަކުން ކަމަށާއި، ދެވަނަ އިންޓަވިއުއިން ޝައުފާ ނުހޮވުމަކީ ތަފާތުކުރުމެއް ކަމަށް ނުބެލޭނެ ކަމަށް ޓްރައިބިއުނަލުން ނިންމިއެވެ. ސީއެސްސީން ޝައުފާއާމެދު ތަފާތުކުރުމުގެ އިދާރީ ފިޔަވަޅެއް އަޅާފައިވާކަން ސާބިތުނުވާތީ، ބާކީ މުއްދަތުގެ މުސާރައާއި ވަކީލު ފީގެ ގޮތުގައި އެދުނު 35,000 ރުފިޔާ ނަގައިދެވޭނެ ޤާނޫނީ ހަމައެއް ނެތް ކަމަށް ކަނޑައަޅައި ޓްރައިބިއުނަލުން ވަނީ މައްސަލަ ނިންމާފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.