އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިސްނަގައިގެން ބާއްވާ "އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތް ކޮންފަރެންސް 2026" ގައި، ވޮލަންޓިއަރ ސްޕީކަރުންނާއެކު މުހިންމު ދާއިރާތަކަށް ހައްލު ހޯދުމަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ ހޮސްޕިޓަލުން ހާމަކޮށްފިއެވެ.
އޭއީއެޗްގެ ހެލްތްކެއަރ އެޑްމިނިސްޓްރޭޝަންސްގެ ޑިރެކްޓަރ ޖެނެރަލް ޝާހު ސަޢީދު ފާހަގަކުރެއްވި ގޮތުގައި، ހިލޭސާބަހަށް ޚިދުމަތްދޭ ވިއްސަކަށް ސްޕީކަރުން މި ބައްދަލުވުމުގައި ތަގުރީރުކުރާނެއެވެ. މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ރައްކާތެރިކަމުގެ ދާއިރާއަކީ ރާއްޖޭގައި އަދި ފެށިގެން އަންނަ ދާއިރާއަކަށް ވާތީ، މި ކޮންފަރެންސްގެ އެންމެ ބޮޑު އަމާޒަކީ އާންމުންނާއި މުވައްޒަފުން މިކަމަށް އަހުލުވެރިކުރުވުމެވެ.
ޝާހު އިތުރަށް ވިދާޅުވީ، ދާއިރާގެ އެކި ފަރާތްތަކުގެ މެދުގައި ވާހަކަދެކެވި ގުޅުން ބަދަހިކުރެވިއްޖެނަމަ މި ދާއިރާ އިތުރަށް ތަރައްގީކުރުމުގެ ފުރުސަތު ތަނަވަސްވެގެންދާނެ ކަމަށާއި، އަދި މަސައްކަތުގެ މާހައުލުގައި ހާދިސާތަކުން ރައްކާތެރިވުމުގެ އާދަ އަށަގެންނެވުމަކީވެސް މުހިންމު މަގުސަދެއް ކަމަށެވެ.
ޖުމްލަ 100 އަށްވުރެ ގިނަ ފަރާތްތަކުން ބައިވެރިވާ މި ކޮންފަރެންސް ކުރިއަށްދާނީ ނޮވެމްބަރު 4 އިން 5 އަށް އައްޑޫ ސިޓީގައެވެ. މި ބައްދަލުވުން ޚާއްސަކޮށްފައިވަނީ މަސައްކަތުގެ މާހައުލަކީ ދުޅަހެޔޮ އަދި ރައްކާތެރި ތަނަކަށް ހެދުމަށާއި، އަލަށް އުފެދޭ ސިނާއަތްތަކުގައި ރައްކާތެރިކަމުގެ މިންގަނޑުތައް އެންމެ މަތީ ދަރަޖައިގައި ދެމެހެއްޓުމަށެވެ.
މި ކޮންފަރެންސްގައި ސިއްހީ ދާއިރާގެ އިސް ތަޖުރިބާކާރުންގެ އިތުރުން، އިންޓަނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން (އައި.އެލް.އޯ) އަދި ތަޢުލީމީ އަދި ސިއްހީ ހިންގުމުގެ ދާއިރާތަކުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެއެވެ.
އޭއީއެޗް އިން މިފަދަ ބޮޑު ހަރަކާތެއް އިންތިޒާމުކުރަން ނިންމި ސަބަބަކީ، މަސައްކަތުގެ މާހައުލުގައި ހިނގާ ތަފާތު ހާދިސާތަކުގައި ލިބޭ އަނިޔާތަކަށް ފަރުވާދޭ ބަޔަކަށް ސިއްހީ ޚިދުމަތްތެރިން ވެފައި، މިފަދަ ކަންކަން އެންމެ ގާތުން ތަޖުރިބާކުރަނީ އެ ފަރާތްތަކަށް ވާތީ ކަމަށް ޝާހު ވިދާޅުވިއެވެ. އެހެންކަމުން މުސްތަގުބަލުގައި މިފަދަ ހާދިސާތައް މަދުކޮށް، ކަންކަން ރަނގަޅުކުރުމަކީ ހޮސްޕިޓަލުގެ ފަރާތުން ކޮނޑުގައި އަޅަންޖެހޭ ބޮޑު ޒިންމާއެއް ކަމުގައި ދެކޭ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، މުވައްޒަފުންގެ ހައްގުތައް ކަށަވަރުކުރުމަކީ ސަރުކާރުގެވެސް މުހިންމު ސިޔާސަތަކަށްވާއިރު، މަސައްކަތުގެ ވެށީގެ ރައްކާތެރިކަމާ ގުޅޭ ގާނޫނީ އޮނިގަނޑުތަކަށް ހޭލުންތެރިކަން އިތުރުކޮށް، ގުޅުންހުރި އެންމެހައި ފަރާތްތައް އެއްތަނަކުން ބައްދަލުވެ މަޝްވަރާކޮށް އެކަށީގެންވާ ހައްލުތައް ފޯރުކޮށްދެވޭނެ މާހައުލެއް ބިނާކުރުމަކީ މި ކޮންފަރެންސްގެ މުހިންމު ބޭނުމެއްކަން ޝާހު ފާހަގަކުރެއްވިއެވެ.
މި ކޮންފަރެންސްގެ ޕާޓްނަރުންގެ ގޮތުގައި ހަމަޖެހިފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އަދި އެސްޓީއޯ ހެލްތްކެއާ ސޮލިއުޝަންސްއެވެ.
މި ކޮންފަރެންސްގެ ބައިވެރިއެއްގެ ގޮތުގައި މަސައްކަތްކޮށް، ރައްކާތެރި އަދި ދުޅަހެޔޮ މަސައްކަތު މާހައުލެއް ގާއިމުކުރުމަށް އެޅޭ މި މުހިންމު ފިޔަވަޅުގައި ބައިވެރިވެވުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށް އެމްއެންޔޫއިން ވަނީ ބުނެފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.