ރެކޯޑު އަދަދެއް ކަމަށްވާ 330 ދިރާސާ ކަރުދާހާއެކު، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ “ތެވެލި ބައިނަލްއަޤްވާމީ މަހާސިންތާ” ރަސްމީކޮށް ފަށައިފިއެވެ.
މިއަހަރުގެ ކޮންފަރެންސް ރަސްމީކޮށް އިފްތިތާޙްކޮށްފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ އޮޑިޓޯރިއަމްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.
މި ކޮންފަރެންސްގައި ކަރުދާސް ހުށަހެޅުމަށް ހަމަޖެހިފައިވާ މުހިއްމު ދާއިރާތަކުގެ ތެރޭގައި ތިމާވެއްޓާއި މޫސުމީ ބަދަލުތައް، އައު އީޖާދުތަކާއި ޓެކްނޮލޮޖީ، ސައިންސާއި ސިއްޙީ ދާއިރާ، ދުނިޔޭގެ މަސްލަހަތާއި ސުލްޙަ، ތަޢުލީމީ ދާއިރާ، ޖެންޑަރ އިކުއަލިޓީ، އިޤްތިޞާދާއި މާކެޓް، އަދި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ފަދަ ދާއިރާތައް ހިމެނެއެވެ.

އެމްއެންޔޫއިން ބުނީ، ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީތަކުގެ ޕްރޮފެސަރުންނާއި، ދުނިޔެއަށް މަޝްހޫރު ޢިލްމީ ދިރާސާވެރިންގެ އިތުރުން އެކި ކުންފުނިތަކުންނާއި ޤައުމީ ފެންވަރުގައި ހޯދާފައިވާ ހޯދުންތައް ވެސް މި ސެޝަންތަކުގައި ހުށަހެޅިގެންދާނެ ކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒް އާދަމް ވިދާޅުވީ، ތެވެލި ކޮންފަރެންސްއަކީ ޢިލްމާއި، ދިރާސާތަކާއި، އުފެއްދުންތެރިކަން ކުރިއެރުވުމަށް ދަރިވަރުންނަށް ލިބޭނެ ވަރަށް ފަހި ފުރުސަތެއް ކަމަށެވެ.
2017 ވަނަ އަހަރުން ފެށިގެން އެމްއެންޔޫއިން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ މި މަހާސިންތާއަކީ ތެވެލި ކޮންފަރެންސް ބާއްވާ ނުވަ ވަނަ އަހަރެވެ. މިއަހަރުގެ ޝިއާރަކީ “ޓްރާންސްޕޯމޭޓިވް އިނޮވޭޝަން އިން ދަ ޓްވެންޓީފަސްޓް ސެންޗަރީ: ސައިންސް، ޓެކްނޮލޮޖީ އެންޑް ސޮސައިޓީ” އެވެ.
މިމަހުގެ 17 އިން 19 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ކޮންފަރެންސަކީ، ރާއްޖޭގައި މިހާތަނަށް ބޭއްވޭ މިފަދަ ޢިލްމީ ބައްދަލުވުމަކަށް އެންމެ ގިނަ އަދަދަކަށް ދިރާސާ ކަރުދާސް ހުށަހެޅުނު ފަހަރެވެ. އެގޮތުން، ރާއްޖެއިން ބޭރުގެ 25 ގައުމަކުން ހުށަހެޅި ދިރާސާތައް ހިމެނޭހެން ޖުމްލަ 330 ކަރުދާސް ހުށައަޅާފައިވާކަމަށް އެމްއެންޔޫއިން ބުނެފައިވެއެވެ.
މި މަހާސިންތާގެ ތެރެއިން އެމްއެންޔޫގެ ބެޗްލާސް ޑިގްރީ ދަރިވަރުންނަށް ޚާއްސަކޮށްގެން އިއްޔެ ވަނީ “އަންޑަރގްރެޖުއޭޓް ސްޓޫޑެންޓް ރިސާޗް ސިމްޕޯސިއަމް” އެއް ވެސް ބާއްވާފައެވެ. އަދި މި މަހުގެ 20 ވަނަ ދުވަހު “ޕޯސްޓް-ކޮންފަރެންސް ވޯކްޝޮޕް” ތަކެއް ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް އެމްއެންޔޫއިން ބުނެފައިވެއެވެ.
އެމްއެންޔޫ އިން ބުނީ، ތެވެލި ކޮންފަރެންސްގެ މައިގަނޑު މަޤްސަދަކީ ދިރާސާތަކުގެ އަލީގައި ސިޔާސަތުތައް ބިނާކުރުމަށް މަގުފަހިކޮށްދިނުމާއި، ރާއްޖޭގެ މަތީ ތައުލީމީ ނިޒާމަކީ ޢިލްމީ ހޯދުންތަކުގެ މައްޗަށް ބިނާވެފައިވާ ނިޒާމަކަށް ހެދުމެވެ. އަދި އެމްއެންޔޫ އަކީ އައު ޢިލްމު އުފައްދާ ކުރިއަރުވާ ތަނަކަށް ހެދުމާއެކު، ގައުމީ ފެންވަރުގައި ނިންމާ މުހިންމު ނިންމުންތަކަކީ ޢިލްމީ ދިރާސާތަކުގެ އަލީގައި ނިންމާ ނިންމުންތަކަކަށް ހެދުމުގައި އެހީތެރިވުންކަމަށްވެސް ބުންޏެވެ.








ކިޔުންތެރިންގެ ހިޔާލު