ރާއްޖޭގައި ޒުވާނުން އުނގެނުމުގެ މަރުހަލާއިން އާމްދަނީ ހޯދުމަށް ބަދަލުވުމުގެ މަރުހަލާއާ ގުޅޭ ސިޔާސަތު މަޝްވަރާ ބައްދަލުވުމެއް ގައުމީ ޔުނިވަސިޓީގެ ބައިވެރިވުމާއެކު ކުރިއަށްގެންގޮސްފިއެވެ.
މި މަޝްވަރާ ބައްދަލުވުން ކުރިއަށްގެންދިޔައީ ޔުނިސެފާއި، ތައުލީމާއި މަތީ ތައުލީމާއި ހުނަރު ތަރައްގީކުރުމާ ބެހޭ ވުޒާރާއާ ގުޅިގެންނެވެ. އެ ބައްދަލުވުމުގައި ސަރުކާރު ތަމްސީލުކުރައްވާ ބޭފުޅުންނާއި ތައުލީމީ ދާއިރާއާއި ތަމްރީނު ދޭ މުއައްސަސާތަކާއި ވަޒީފާ ދޭ ފަަރާތްތަކާއި މަދަނީ ޖަމްއިއްޔާތަކައި ޒުވާނުން ތަމްސީލުކުރާ މަންދޫބުން ބައިވެރިވެވަޑައިގެންފައިވެއެވެ.
މި ބައްދަލުވުމުގައި މަޝްވަރާކުރެވުނު މައުޟޫއުތަކުގެ ތެރޭގައި ތައުލީމާއި ހުނަރު ފޯރުކޮށްދިނުމުގެ މަސައްކަތްތަކާއި، މަސައްކަތުގެ ބާޒާރުގެ ބޭނުންތަކާ ދެމެދުގައި ހުރި ފަރަގުތަކާއި، ޑިޖިޓަލް ހުނަރުތަކާއި ނަގުދީ ފިކުރުކުރުމާއި މުވާސަލާތުކުރުމާއި، ލީޑާޝިޕާއި މަސައްކަތުގެ މާހައުލަށް ތައްޔާރުވުން ފަދަ މުސްތަގުބަލުގެ ގޮންޖެހުންތަކަށް ތައްޔާރުވުމަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދިނުން ފަދަ މައުޟޫއުތައް ހިމެނެއެވެ.

މި ބައްދަލުވުމުގައި އެމްއެންޔޫ ތަމްސީލުކުރައްވަމުން އެ ޔުނިވަސިޓީގެ ވައިސް ޗާންސެލާ ޑރ.ޢާއިޝަތު ޝެހެނާޒު ދެއްކެވި ވާހަކަފުޅުގައި ބަދަލުވަމުންދާ މަސައްކަތުގެ މާހައުލަކަށް ޒުވާނުން ބިނާކޮށް ތަރައްގީކުރުމުގައި މަތީ ތައުލީމު ދޭ އިދާރާތަކުގެ ދައުރާއި، އުނގެނުމާއި ހުނަރުތައް ތަރައްގީކުރުމާއި މަސައްކަތް ލިބުމުގެ ގުޅުމުގެ މައްޗަށް އަލިއަޅުވައިލެއްވިއެވެ.
އަދި ހެކީގެ މއްޗަށް ބިނާކޮށް އެމްއެންޔޫގެ ކެރިއާ ގައިޑޭންސް މަސައްކަތްކަމަށްވާ “އެމްއެންޔޫ ފިއުޗާ ރެޑީ ސީރީސް”އަށް ގެންނަންޖެހޭ ބަދަލތައް ގެނެސް އަންނަ ސެމިސްޓާގައި އިފުތިތާހުކުރެވިގެންދާނެ ކަމަަށް ޑރ.ޝެހެނާޒު ވިދާޅުވިއެވެ.
އިއްޔެ ކުރިއަށްގެންދިޔަަ ރަސްމިއްޔާތުގެ ތެރޭގައި އެމްއެންޔޫއާއި ތައުލީމާއި މަތީ ތައުލީމާ ބެހޭ ވުޒާރާ ގުޅިގެން “ލޮސްޓް އިން ޓްރާންސިޝަން”ގެ ނަމުގައި ހާއްސަ ދިރާސާއެއް ފަށާފައިވެއެވެ.








ކިޔުންތެރިންގެ ހިޔާލު