ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކޮށްދޭ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި ދައުރުވަމުންދާތީ، އެފަދަ ކަންކަން ހިންގާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅަންޖެހޭނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިރޭ ވިދާޅުވެއްޖެއެވެ.
އެ މައްސަލަ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ތަޙުޤީޤުކޮށްދިނުމަށް އެދި ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހަޅާފައެވެ. އެއާއެކު ފުލުހުން ވަނީ އެ މައްސަލައިގެ ތަޙުޤީޤު ފަށާފައިވާކަން ކަށަވަރުކޮށްދީފައެވެ.
މި މައްސަލައާ ގުޅިގެން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކާ ޚިލާފަށް މިފަދަ ކަންކަން ހިންގާ ފަރާތްތަކާމެދު ފިޔަވަޅު އަޅަންޖެހޭނެ ކަމަށެވެ. އަދި މިދިޔަ ބުދަ ދުވަހު އެ ވުޒާރާއިން ފުލުހުންގެ ކިބައިން އެކަމަށް އެދިފައިވާނެ ކަމަށް ވިދާޅުވިއެވެ.
ރާއްޖެ މާއްދިއްޔަތުގެ ތެރެއަށް ވައްޓާލައި އިސްލާމީ ޝަޚްޞިއްޔަތު ކިލަނބުކޮށްލަން ހިންގާ މިފަދަ ޖަރީމާތަކުން ޤައުމު ސަލާމަތްކުރުމުގައި ދެމިތިބެންޖެހޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ދީނީ އަދި ޝަރުޢީ އުޞޫލުތަކާއި ޤާނޫނުތަކާ ޚިލާފު އެފަދަ ޢަމަލުތައް އެއްވެސް ފަރާތަކުން ނުހިންގުމަށް އިލްތިމާސްކޮށްފައެވެ. ވަކިން ޚާއްޞަކޮށް ރިސޯޓުތަކާއި ގެސްޓްހައުސްތަކުގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންވެސް އެފަދަ ކަންކަމަށް ފުރުޞަތު ނުދިނުމަށް ފުލުހުން ވަނީ އެދިފައެވެ.
ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ދަށުން އެއްޖިންސުން ގުޅުން ހިންގުމާއި ކައިވެނިކުރުމަކީ ޖިނާއީ ބޮޑު ކުށެކެވެ. އެފަދަ ޢަމަލުތައް ހިންގާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން ވަނީ ދީފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.