ރާއްޖެއަށް ބޭނުންވާ ފެންވަރު ރަނގަޅު ބޭސް ދުރާލައި ރާވައިގެން، އެއްފަހަރާ ދިގު މުއްދަތަކަށް ފުދޭ މިންވަރަށް އެތެރެކުރުމަށްޓަކައި ދުނިޔޭގެ މަޝްހޫރު ބޭސް އުފައްދާ ބޮޑެތި ކުންފުނިތަކާއެކު އެއްބަސްވުންތައް ޤާއިމުކޮށްފައިވާ ކަމަށް ދަޢުލަތުގެ ބޭސް ކުންފުނި، ސްޓޭޓް ފާމާގެ ސީއީއޯ ޑރ. ޝާހު މާހިރު ވިދާޅުވެއްޖެއެވެ.

ސަރުކާރަށް ތިން އަހަރު ފުރުމާ ގުޅިގެން އެމްއެމްޓީވީގެ "ހަފުތާ 156" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޑރ. ޝާހު ވިދާޅުވީ، ރާއްޖެއަށް އެތެރެކުރާ ބޭހުގެ 70 އިންސައްތަ މިހާރު ކޮންޓްރޯލް ކުރަނީ އަމިއްލަ ވިޔަފާރިތަކުން ކަމަށެވެ. އަދި ބޭހާއި ޞިއްޙީ ސާމާނު ލިބުމުގައި ދިމާވާ ދަތިތަކަކީ މާޒީގައި ވެސް އޮތް މައްސަލައެއް ނަމަވެސް، އެކަމަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާވާ ޚާއްޞަ ކުންފުންޏެއް އުފެއްދެވީ މި ސަރުކާރުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޑރ. ޝާހު ފާހަގަކުރެއްވި ގޮތުގައި ބޭހުގެ އަގު އިންތިހާއަށް އުފުލެން މެދުވެރިވާ މައިގަނޑު ސަބަބުތަކަކީ މެދުވެރިން މެދުވެރިކޮށް ބޭސް ގެނައުމާއި، ކުދިކުދި އޯޑަރުތަކުގެ ގޮތުގައި ބޭސް އެތެރެކުރުމެވެ. މިކަމަށް އޮތް ހައްލަކީ ކުރިއަށް އޮންނަ އަހަރަށް ބޭނުންވާނެ ބޭހުގެ މިންވަރު ދުރާލައި އަންދާޒާކޮށް، އަހަރު ނިމުމުގެ ކުރިން އެއްފަހަރާ ބޭސް އެތެރެކޮށް ސްޓޮކް ކުރުމެވެ.

އިޝްތިހާރު އިޝްތިހާރު

މި އަމާޒަށް ވާސިލުވުމަށްޓަކައި އަޅަމުންދާ ފިޔަވަޅުތަކުގެ ތަފްޞީލު ދެއްވަމުން ޑރ. ޝާހު ވިދާޅުވީ، އަގުހެޔޮ ޖެނެރިކް ބޭހުގެ އިތުރުން މަތީ ފެންވަރުގެ ބްރޭންޑެޑް ބޭސްތައް ގެނައުމަށްޓަކައި ބައިނަލްއަޤްވާމީ މަލްޓިނޭޝަނަލް ކުންފުނިތަކާއެކު އެއްބަސްވުންތައް ހަދަމުންދާ ކަމަށެވެ. އެގޮތުން، ދުނިޔޭގެ މަޝްހޫރު ސެނަފީ އަދި އެސްޓްރާޒެނެކާ ފަދަ ކުންފުނިތަކާއެކު މިހާރުވެސް ކޮންޓްރެކްޓްތައް ހަދާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި އެއްބަސްވުންތަކުގެ ދަށުން ރާއްޖެއަށް ބޭނުންވާ ވެކްސިނާއި އަސާސީ ބޭސްތައް ސީދާ އުފައްދާ ކުންފުނިތަކުން ބޮޑެތި ޝިޕްމަންޓްތަކުގެ ގޮތުގައި ގެނެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ. މީގެއިތުރުން ޔޫއެންޑީޕީ ފަދަ ބައިނަލްއަޤްވާމީ ޖަމާޢަތްތަކާ ގުޅިގެން ވެސް ބޭސް ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، ބޭހުގެ މާކެޓު ކޮންޓްރޯލް ދަޢުލަތަށް ގެނައުމުގައި އަމިއްލަ ވިޔަފާރިތަކަށް ގެއްލުން ނުވާނެހެން އެ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރަމުން އަންނަކަމަށް ސްޓޭޓް ފާމާގެ ސީއީއޯ ވިދާޅުވިއެވެ.