ޤައުމީ ބޭސް ކުންފުނި ކަމަށްވާ ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން (ސްޓޭޓް ފާމާ) ގެ ކަސްޓަމަރ ސާވިސް ދާއިރާ ހަރުދަނާކުރުމުގެ ގޮތުން، ސްޓޭންޑާޑް އޮޕަރޭޓިން ޕްރޮސީޖާ (އެސްއޯޕީ) އެއް ތައްޔާރުކޮށްދީ، އެ ދާއިރާއިން މުވައްޒަފުން ތަމްރީނުކޮށްދޭނެ ފަރާތެއް ހޯދަން އެ ކޯޕަރޭޝަނުން މިއަދު އިޢުލާންކޮށްފިއެވެ.
މި މަސައްކަތާ ގުޅޭ ޓާމްސް އޮފް ރިފަރެންސް (ޓީއޯއާރް) ގައިވާ ގޮތުން، މަސައްކަތާ ހަވާލުވާ ފަރާތަކުން ކޯޕަރޭޝަނުގެ ބޭސްފިހާރަތަކުގައި މަސައްކަތްކުރާ ކަސްޓަމަރ ސާވިސް މުވައްޒަފުންގެ ފެންވަރު މަތިކޮށް، ކަސްޓަމަރުންނާ މުއާމަލާތްކުރުމުގެ ހުނަރުތައް ދަސްކޮށްދިނުމަކީ މުހިންމު ޒިންމާއެކެވެ. މީގެއިތުރުން، އެ އެސްއޯޕީތައް ތައްޔާރުކުރުމުގައި ކޯޕަރޭޝަނުގެ މެނޭޖްމަންޓަށް ބޭނުންވާ ތަމްރީނު ދިނުންވެސް މި މަސައްކަތުގެ ތެރޭގައި ހިމެނެއެވެ.
ބީލަން ކާމިޔާބުކުރާ ފަރާތުން އެސްއޯޕީ އެކުލަވާލަން ޖެހޭ މައިގަނޑު ދާއިރާތަކުގެ ތެރޭގައި، ޕްރޮފެޝަނަލްކޮށް ޚިދުމަތް ދިނުމާއި، ކިއުތައް ބެލެހެއްޓުމާއި، ފޯނުންނާއި އޮންލައިންކޮށް މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށް ޖަވާބުދިނުމާއި، ލިބެން ނެތް ބާވަތްތަކާ ގުޅޭ މަޢުލޫމާތު ދިނުން ހިމެނެއެވެ. މީގެއިތުރުން، އާސަންދައާއި ފައިސާ ދެއްކުމުގައި މަޢުލޫމާތު ސާފުކޮށްދިނުމާއި، ތަކެތި އަނބުރާ ގެނެސްގެން ފައިސާ ރިފަންޑްކުރުމާއި، ޝަކުވާ ބަލައިގަނެ ހިތްހަމަނުޖެހޭ ކަސްޓަމަރުން ހަމަޖެއްސުމާއި، އުނދަގޫ ކަސްޓަމަރުން ކޮންޓްރޯލްކޮށް މެނޭޖްކުރުމުގެ ހުނަރުތައްވެސް ހިމަނަން ޖެހެއެވެ. މީގެ އިތުރުން ކަސްޓަމަރުންގެ ފީޑްބެކް ހޯދުމާއި ފޮލޯއަޕްކުރުމާއި، ކަސްޓަމަރުންގެ ޒާތީ މަޢުލޫމާތު ސިއްރުކޮށް ރައްކާތެރިކުރުމުގެ ކަންކަންވެސް ޓީއޯއާރްގައި ހިމަނާފައިވެއެވެ.
މި ބީލަން ކާމިޔާބުކުރާ ފަރާތަކުން ކުރަންޖެހޭނެ އިތުރު ކަމަކީ، މާލޭގައި ހިންގާ، ގިނަ އަދަދެއްގެ ކަސްޓަމަރުން ޒިޔާރަތްކުރާ ބޭސްފިހާރައެއްގައި ޕްރޮފެޝަނަލްކޮށް ކަސްޓަމަރުންނާ މުއާމަލާތްކުރުމުގެ ހުނަރުތައް ދަސްކޮށްދޭ ޢަމަލީ ތަމްރީނު ޕްރޮގްރާމެއް ކޯޕަރޭޝަނުގެ މުވައްޒަފުންނަށް ހިންގައިދިނުމެވެ.
މި މަސައްކަތަށް ޝައުޤުވެރިކަން ފާޅުކުރުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ ބުދަ ދުވަހުގެ މެންދުރުފަހު 2:00 އެވެ. މަސައްކަތާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން ޖެހިގެން އަންނަ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން ހުށަހަޅަންޖެހޭއިރު، އެ ހުށަހެޅުންތަކަށް މި މަހުގެ 15 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން ޖަވާބު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ބިޑު ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ މި މަހުގެ 17 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 އެވެ.
ރާއްޖެއަށް ބޭސް އެތެރެކުރުމާއި ވިއްކުމުގެ މުޅި ވިއުގަ އެސްޓީއޯގެ ދަށުން ވަކިކޮށް، ސަރުކާރުން އަލަށް އުފެއްދި ސްޓޭޓް ފާމާއާ ޙަވާލުކުރީ މިދިޔަ ޖުލައި މަހުގެ ތެރޭގައެވެ. މި ބަދަލާއެކު، މީގެ ކުރިން އެސްޓީއޯއިން ހިންގަމުން އައި ހުރިހާ ފާމަސީތަކެއް މިހާރު ހިންގަމުން ގެންދަނީ ސްޓޭޓް ފާމާގެ ބެލުމުގެ ދަށުންނެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.