ސްޓޭޓް ފާމާއިން ބަޔާންކުރި ގޮތުގައި، ރައްޔިތުންނަށް ކުރިމަތިވާ އުނދަގޫތައް ދެނެގަނެ، އެކަމަށް ދެމެހެއްޓެނިވި ހައްލެއް ހޯދައިދިނުމަށް ދަނީ މަސައްކަތްތަކެއް ކުރެވެމުންނެވެ.
ރާއްޖޭގައި ބޭހުގެ ދަތިކަން ހައްލުކުރުމަށްޓަކައި، ގައުމަށް ބޭނުންވާ ބޭހުގެ މިންވަރު ކުރިއާލައި ދެނެގަތުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށާއި، އެ މައުލޫމާތުތައް ދެނެގަނެވޭނެ ހަރުދަނާ ނިޒާމެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މީގެ ކުރިންވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
ވަކިން ހާއްސަކޮށް، ބޭނުންވާ ބޭސް ލިބެން ހުރީ ކޮން ފާމަސީއަކުންކަން ސާފުނުވުމަކީ ގިނަ ބައެއްގެ މައިގަނޑު ކަންބޮޑުވުމެއް ކަމުގައި އެ ކުންފުނިން ދެކެއެވެ. އެހެންކަމުން، ތައާރަފުކުރެވޭ މި ޕޯޓަލް މެދުވެރިކޮށް، ކޮންމެ ތަނެއްގައި ހުރެގެންވެސް ބޭނުންވާ ބޭސް ލިބެންހުރި ފާމަސީތަކާއި އޭގެ އަގުތައް ފަސޭހަކަމާއެކު ބަލާލެވޭނެ ގޮތް ހަމަޖެހިގެންދާނެއެވެ.
މި މަޝްރޫއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ސްޓޭޓް ފާމާގެ ޗީފް ޓެކްނޮލޮޖީ އޮފިސަރ އަހުމަދު ޒިޔާއު ސައީދު ފާހަގަކުރެއްވި ގޮތުގައި، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އިންސާނީ ވަސީލަތްތައް ބޭނުންކުރާ މިންވަރު މަދުކޮށް، ޚިދުމަތްތައް އަވަސްކުރުމަށް ދަނީ މަސައްކަތް ކުރެވެމުންނެވެ. އަދި އާންމު ރައްޔިތުންނަށް ވީހާވެސް އަވަހަށް ބޭސް ފޯރުކޮށްދިނުމަކީ އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދެވޭ ކަންތައް ކަމުގައި އޭނާ ވިދާޅުވިއެވެ.
ޒިޔާއު އިތުރަށް ވިދާޅުވީ، ރައްޔިތުންނަށް ބޭސް ހޯދުމުގެ ކަންކަން ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ސިޓިޒަން ޕޯޓަލްއެއް ތަރައްގީކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ. މި ޕޯޓަލްގެ އެހީގައި ވަކިވަކި ބޭހުގެ ބާވަތްތަކާއި އެ ތަކެތި ލިބެންހުރި ތަންތަން ސާފުކޮށް އެނގެން ހުންނާނެއެވެ. ހަމައެއާއެކު، ބޭހުގެ އަގާއި އެކު ސްޓޮކް ހުރި މިންވަރު ކޮންމެ މީހަކަށްވެސް ފަސޭހައިން ވަގުތުން ބަލާލެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ރައްޔިތުންނަށް ކުރިމަތިވާ އެންމެ ބޮޑު ތަކުލީފަކީ ބޭސް ލިބެން ހުރީ ކޮން ތަނަކުންތޯ ނޭނގުން. އެއް ފާމަސީއަކުން ބޭސް ނުލިބިއްޖެނަމަ، ޖެހެނީ އެހެން ފާމަސީތައް ހޯދަން ދުވަން. ނޮވެމްބަރު މަސް ނިމުމުގެ ކުރިން މި މައްސަލައަށް އަޅުގަނޑުމެން ހައްލެއް ގެނެސްދޭނަން. މި ޕޯޓަލް ބޭނުންކުރަން ފެށުމުން ބޭސް ވިއްކާ ތަންތަނާއި، އަގުތަކާއި، އަދި ސްޓޮކް ހުރި މިންވަރު ސާފުކޮށް ފެންނަން ހުންނާނެ،" ޒިޔާއު ފާހަގަކުރެއްވިއެވެ.
ސްޓޭޓް ފާމާއިން ފާހަގަކުރި ގޮތުގައި، މި ނިޒާމު ގާއިމުވުމުން ރާއްޖެއަށް ބޭނުންވާ ބޭހުގެ ވައްތަރުތަކާއި ބޭނުންވާނެ މިންވަރު ކުރިއާލައި އަންދާޒާކުރެވޭނެއެވެ. މީގެ ސަބަބުން، ކުރިއަށް އޮތް އަހަރަށް ބޭނުންވާނެ ކަމަށް ލަފާކުރެވޭ ފެންވަރު ރަނގަޅު ބޭސް ރާއްޖެއަށް އެތެރެކުރެވި، އެއްވެސް މެދުކެނޑުމެއްނެތި ކޮންމެ ރައްޔިތަކަށްވެސް ބޭސް ލިބޭނެކަމުގެ ޔަގީންކަން ލިބިގެންދާނެއެވެ. އަދި ރާއްޖެއަށް ބޭނުންވާ ބޭސް ދުރާލައި ދެނެގަނެވުމުން، ގިނަ ދުވަހަށް ރައްކާކުރެވޭ ބޭސްތައް އެތެރެކޮށް، އަތޮޅުތަކުގެ ރަށްރަށުގައި އެތަކެތި ރައްކާކުރެވޭނެ އިންތިޒާމުތައްވެސް ހަމަޖެހިގެންދާނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.