މަސްވެރިން ބާނާ މަސް ތާޒާކަމާއެކު ރައްކާކުރުމުގެ ޤާބިލުކަން އިތުރުކުރުމަށް ސަރުކާރުން މިހާރު ފަށާފައިވާ މަޝްރޫޢުތައް ނިމުމުން، ރާއްޖޭގެ މަސްވެރިކަމުގެ ނިސްބަތަށާއި ލިބިފައިވާ ކޯޓާއަށް ބަލާއިރު އިތުރަށް ކޯލްޑް ސްޓޮރޭޖު ޤާއިމުކުރަން ނުޖެހޭނެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ސަރުކާރަށް ތިން އަހަރު ފުރުމާ ގުޅިގެން "ހަފުތާ 156" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، މަސްވެރިކަމުގެ ސިނާޢަތުން ޤައުމަށް ލިބޭ މަންފާ އިތުރުކުރެވެން އޮތީ މަސް ޕްރޮސެސްކުރުމާއި، ގަނޑުކޮށްގެން ރައްކާކުރުމުގެ ޤާބިލުކަން އިތުރުކޮށްގެން ކަމަށެވެ. ނަމަވެސް މާޒީގައި މި ދާއިރާއަށް އެކަށީގެންވާ އިންވެސްޓްމަންޓްތަކެއް ކޮށްފައި ނެތުމުގެ ސަބަބުން، ޤައުމީ އުފެއްދުންތެރިކަމަށް ލިބެންޖެހޭ ފުރިހަމަ ފައިދާ ގެއްލިގެން ގޮސްފައިވާ ކަމަށް ޝިޔާމް ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މި ހާލަތު ބަދަލުކުރުމަށްޓަކައި މަސްވެރިކަމުގެ ތާރީޚުގައި ވެސް ނުކުރާ މިންވަރަށް އިންވެސްޓް ކުރަމުން އަންނަކަން ހާމަކުރައްވަމުން ޝިޔާމް ވިދާޅުވީ، އެ ދާއިރާގެ އުމްރާނީ ތަރައްޤީއަށް ފަސް ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ކެޕިޓަލް އިންވެސްޓްމަންޓް ކުރެވެމުންދާ ކަމަށެވެ.
ވަޒީރު ވިދާޅުވި ގޮތުގައި، މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު މިފްކޯއާއި އަމިއްލަ ފަރާތްތަކުގެ ވަސީލަތްތައް ހިމެނޭހެން މުޅި ރާއްޖޭގައި ހުރީ 9،500 މެޓްރިކް ޓަނުގެ މަސް ރައްކާކުރުމުގެ ޖާގައެވެ. މޫސުމީ ގޮތުން މަސްވެރިކަން ތިޔާގިވާ ދުވަސްވަރު ޖާގަ ނެތުމުގެ ސަބަބުން، ބޭރުގެ ބާޒާރުގައި އަގު ދަށްވެފައި އޮންނަ ވަގުތުތަކުގައި ވެސް މަސް ވިއްކާލަން މަޖުބޫރުވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން، އެކަށީގެންވާ ސްޓޮރޭޖެއް ހުރުމަކީ ބޭރުގެ ބާޒާރުން އެންމެ ރަނގަޅު އަގު ލިބެންދެން މަސް ރައްކާކޮށްފައި ބަހައްޓައިގެން މަސްވެރިންނަށް ބޮޑު އާމްދަނީއެއް ހޯދައިދެވޭނެ ކަމެއް ކަމުގައި ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ އުތުރުން ފެށިގެން ދެކުނަށް، ކޯލްޑް ސްޓޮރޭޖު ނެތް ސަރަޙައްދުތަކުގައި އަލަށް ވަސީލަތްތައް ޤާއިމުކުރުމާއި މިހާރު ހުރި ތަންތަނުގެ ޖާގަ ފުޅާކުރުމެވެ. މި މަޝްރޫޢުތައް އެއްކޮށް ނިމުމުން، ރާއްޖޭގެ ކޯލްޑް ސްޓޮރޭޖް ކެޕޭސިޓީ 9،500 މެޓްރިކް ޓަނުން 25،000 މެޓްރިކް ޓަނަށް އިތުރުވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެއާއެކު، ރާއްޖޭގެ މަސްވެރިކަމުގެ މިންވަރަށް ބަލާއިރު އިތުރު ސްޓޮރޭޖެއް ބިނާކުރަން ނުޖެހި ދާއިމީ ހައްލެއް ލިބިގެންދާނެ ކަމުގެ ޔަޤީންކަން ޝިޔާމް ދެއްވިއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.