ސަރުކާރުގެ ސްކޫލްތައް އޭސީކުރުމަށްޓަކައި ހިންގާ "ކޫލް ސްކޫލް" މަޝްރޫޢުގެ ދަށުން، ހުރިހާ ސްކޫލެއްގެ ކްލާސްރޫމްތައް އޭސީކުރުމުގެ މަސައްކަތް މިއަހަރު ނިމުމުގެ ކުރިން އެއްކޮށް ނިންމާލެވޭނެ ކަމަށް ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ. ކުރިން ފެނަކަ ކޯޕަރޭޝަނާ ޙަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަސައްކަތްތައް ދެން ކުރިއަށް ގެންދާނީ ސްޓެލްކޯއިންނެވެ.

ސަރުކާރުން ބޭއްވި "އަހާ" ފޯރަމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ކްލާސްރޫމްތައް އޭސީކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި ބައެއް ރަށްރަށުގައި ކަރަންޓުގެ ވިއުގަ ދަށްވުމުގެ ސަބަބުން ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އެގޮތުން 40 ސްކޫލެއްގައި ކަރަންޓު އަޕްގްރޭޑް ކުރުން ފަދަ ދަތިތައް ހުރި ނަމަވެސް، އެ މަސައްކަތްތައް ހައްލުކޮށް، މިއަހަރު ނިމުމުގެ ކުރިން ކްލާސްރޫމްތަކުގައި އޭސީ ހަރުކޮށް ނިންމާލެވޭނެ ކަމުގެ ޔަޤީންކަން ސްޓެލްކޯއިން ދީފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ދައުރު ނިމެންދެން މަޑުކުރާކަށް ނުޖެހޭނެ. އަންނަ ދިރާސީ އަހަރަށް ހުރިހާ ކުދިން ކިޔަވާނީ ފިނި ކްލާސްރޫމްގައި.

ވަޒީރު ވިދާޅުވިއެވެ.

އިޝްތިހާރު އިޝްތިހާރު

ކްލާސްރޫމްތަކާއި ސްޓާފްރޫމްތައް އޭސީކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާއިރު، މި މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން ސްކޫލްތަކުގެ ހޯލްތައްވެސް އޭސީކުރުމަށް ވަނީ ނިންމާފައެވެ.

"ކޫލް ސްކޫލް" މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅުތަކުގައި، ކްލާސްރޫމްތަކުގެ ހޫނުމިން މަތިވުމުގެ ސަބަބުން ދަރިވަރުންނާއި މުދައްރިސުން ތަޙައްމަލުކުރަމުންދިޔަ ދަތިތައް އަމިއްލަފުޅަށް ބައްލަވައި، އެކަމަށް ދާއިމީ ޙައްލެއް ހޯއްދަވައިދެއްވުމަށް އިސްނަންގަވައިގެން ފެއްޓެވި ޚާއްޞަ މަޝްރޫޢެކެވެ.

މިދިޔަ އަހަރުގެ ތެރޭގައި އެއްބަސްވުންތައް އެކުލަވާލައި، މިއަހަރުގެ ޖަނަވަރީ މަހު ޢަމަލީ މަސައްކަތް ފެށި މި މަޝްރޫޢަކީ ރާއްޖޭގެ ތަޢުލީމީ މާޙައުލު ދަރިވަރުންނަށް ފަސޭހަ އަދި އުނގެނުމަށް އެކަށޭނަ ތަނަކަށް ހެދުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެކެވެ.