އަންނަ އަހަރުން ފެށިގެން ސްކޫލްތަކުގައި ކިޔަވައިދޭ ޤައުމިއްޔަތު މާއްދާއަށް މުހިންމު ބަދަލުތަކެއް ގެނެސް، ދަރިވަރުންގެ އަޚްލާޤާއި ސުލޫކު ބައްޓަންކުރުމުގެ ބައި އިތުރަށް ވަރުގަދަކުރުމަށް ނިންމާފައިވާ ކަމަށް ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ސަރުކާރުން ބޭއްވި "އަހާ" ފޯރަމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މި ސަރުކާރުގެ ފުރަތަމަ އަހަރު ކަމަށްވާ 2024 ވަނަ އަހަރުން ފެށިގެން އެކި މަރުޙަލާތަކަށް ބަހާލައިގެން ޤައުމިއްޔަތު މާއްދާ ތަޢާރަފުކުރަމުން އަންނަ ކަމަށެވެ. އެގޮތުން ފުރަތަމަ އަހަރު ކީސްޓޭޖް 1 އަދި 2 އަށް މި މާއްދާ ތަޢާރަފުކުރި ނަމަވެސް، މިހާރު ކީސްޓޭޖް 3 އާ ހަމައަށް މި ޕްރޮގްރާމް ފުޅާކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މިހާތަނަށް މި މާއްދާ ކިޔަވައިދިނުމުން ލިބުނު މަޢުލޫމާތާއި ތަޖުރިބާއަށް ބަލައި، އަންނަ އަހަރު މުހިންމު އިޞްލާޙުތަކެއް ގެނައުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، ރައްޔިތުންގެ މަޖިލިސް މިއަހަރު ހުޅުވުމުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅަށް ރިޢާޔަތްކޮށް، ދިވެހި ކާބަފައިންގެ ފަރާތުން ވާރުތަވެފައިވާ ރިވެތި އާދަކާދަތަކާއި މުހިންމު ބަހާތައް ހިމެނޭހެން "ބިންގާ" ޕްރޮގްރާމެއް ފަށާފައިވާކަން ވަޒީރު ހަނދާންކޮށްދެއްވިއެވެ.
ސްކޫލްތަކުގައި މިހާރު ކުރިއަށްދާ "ބިންގާ" ޕްރޮގްރާމުގެ ކާމިޔާބީއަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ކޮންމެ މަހަކު ވަކި ޚާއްޞަ ޝިޢާރެއްގެ ދަށުން ކުރިއަށްގެންދާ މި ޙަރަކާތްތަކުގައި، 200 ސްކޫލަކުން 100،000 އެއްހާ ދަރިވަރުން ބައިވެރިވެފައިވާ ކަމަށެވެ. އަދި މިހާތަނަށް 15،700 އަށްވުރެ ގިނަ ޙަރަކާތް މި ޕްރޮގްރާމުގެ ދަށުން ވަނީ ކާމިޔާބުކަމާއެކު ހިންގާފައެވެ.
ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ޤައުމިއްޔަތު މާއްދާގެ މަންހަޖުގެ ތެރެއަށް، ދިވެހި ތާރީޚާއި، ކާބަފައިންގެ އަގުހުރި ވާހަކަތަކާއި، ޤައުމުގެ މައިގަނޑު އަސާސްތަކުގެ އިތުރުން، އެބޭފުޅުންގެ ކިބައިން ވާރުތަވި ރިވެތި އަޚްލާޤާއި ސުލޫކު ފުރިހަމައަށް އެކުލަވާލެވިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ޤައުމިއްޔަތު މާއްދާއަކީ ކުޑަކުދިންގެ ހިތްތަކުގައި ދިވެހިވަންތަކަމާއި އިސްލާމީ ސަޤާފަތަށް ލޯބި ޖެއްސުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ތަޢާރަފުކޮށްފައިވާ ޚާއްޞަ މާއްދާއެކެވެ. މި މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ އަމިއްލަ ވަޒަނަށް ވަފާތެރި، ޤައުމީ ޝުޢޫރުތަކުން ފުރިގެންވާ އަދި އަމިއްލަ އައިޑެންޓިޓީއާމެދު ފަޚުރުވެރިވާ އަދަބުވެރި ޖީލެއް ބިނާކުރުމެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.