ސަރުކާރުގެ ސްކޫލްތަކުގައި މަސައްކަތްކުރާ ހުރިހާ މުދައްރިސުންނަށް އަންނަ އަހަރުގެ ތެރޭގައި ކޮމްޕިއުޓަރު ސިސްޓަމް ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށް ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ސަރުކާރުން ބޭއްވި "އަހާ" ފޯރަމްގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ކިޔަވައިދިނުމާ ގުޅޭގޮތުން ޓީޗަރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، ޒަމާނީ ޓެކްނޮލޮޖީއާއެކު އޭއައި ބޭނުންކޮށްގެން އުނގަންނައިދިނުމަށް ޓީޗަރުން ތަމްރީނުކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި މި ދާއިރާއިން ޤާބިލު، ފުރިހަމައަށް ތަމްރީނުވެފައިވާ "ޓީޗަރުންގެ ފޯސްއެއް" ރާއްޖޭގައި ބިނާވެގެންދާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވި ގޮތުގައި، ސްކޫލްތަކުގެ މުދައްރިސުންނަށް ކޮމްޕިއުޓަރު ފޯރުކޮށްދިނުމުގެ މަޝްރޫޢާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާ މިދިޔަ މަހު މަޝްވަރާކުރައްވާފައިވާނެ ކަމަށެވެ. އަދި އެކަމަށް ބޭނުންވާ ކޮމްޕިއުޓަރުތައް ހޯދައި، އެ މަސައްކަތް ކުރިއަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިރުޝާދު ދެއްވާފައެވެ.
މީގެއިތުރުން ވަޒީރު ފާހަގަކުރެއްވީ، އެހެން ދާއިރާތަކާ ޚިލާފަށް މީގެކުރިން ޓީޗަރުންނަށް ކޮމްޕިއުޓަރު ފަދަ ޒަމާނީ ވަޞީލަތްތައް ހަމަޖައްސައިދިނުމުގައި ފަރުވާކުޑަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން، މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ މާލެއާއި އަތޮޅުތަކުގެ ސްކޫލްތަކުގެ އުމްރާނީ ވަޞީލަތްތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، ދިމާވެފައިވާ ގޮންޖެހުންތައް ޙައްލުކުރުމަށެވެ.
ވަޒީރު ވިދާޅުވީ މުދައްރިސުންނަށް ކޮމްޕިއުޓަރު ފޯރުކޮށްދިނުމުގެ މައިގަނޑު މަޤްޞަދަކީ އެބޭފުޅުންގެ މަސައްކަތުގެ ބުރަ ލުއިކޮށްދީ، ކިޔަވައިދިނުމުގެ ވެށި އިތުރަށް ފަސޭހަކޮށްދިނުން ކަމަށެވެ. އަދި މި އަހަރު ނިމުމާއެކު، އަންނަ އަހަރުގެ ތެރޭގައި ކޮންމެ ޓީޗަރަކަށް ބޭނުންވާ މި ވަޞީލަތްތައް ހުރިހާ ސްކޫލެއްގައި ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް ފެށިގެންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ތަޢުލީމީ ވަޒީރު ވަނީ ދެއްވާފައެވެ.
މޫސާ