ދުނިޔެއަށް އަންނަމުންދާ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ބަދަލުތަކަށް ރާއްޖޭގެ ތައުލީމީ ނިޒާމު އަބަދުވެސް އޮންނާނީ ފަހިކޮށް ކަމަށާއި، އެ ބަދަލުތަކާ ގުޅިގެން މުދައްރިސުން ތަމްރީނުކުރުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެ އެވެ.

ސަރުކާރުން ކުރިއަށްގެންދިޔަ "އަހާ" ފޯރަމްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ދުނިޔެ ވަރަށް ބޮޑަށް ބަދަލުވަމުން އަންނައިރު ޗެޓްޖީޕީޓީ ފަދަ ޓެކްނޮލޮޖީތަކުން ބޮޑެތި ކުރިއެރުންތަކެއް ފެންނަމުންދާ ކަމަށެވެ. އަދި ރާއްޖޭގެ ސެކަންޑަރީ އަދި ހަޔާ ސެކަންޑަރީ ތައުލީމުގައި ބޭނުންކުރަނީ ބައިނަލްއަގުވާމީ ކަރިކިއުލަމެއް ކަމަށްވުމުން، ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުން މަދަރުސީ ނިޒާމަށް ގެންނަ މިފަދަ ޓެކްނޮލޮޖީގެ ބަދަލުތަކަށް ރާއްޖެ އަބަދުވެސް ފަހިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ތައުލީމީ ދާއިރާއަށް ބަދަލެއް ގެނައުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ މުދައްރިސުންނާއި ބެލެނިވެރިން ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ. އެހެންކަމުން މުދައްރިސުންނަށް އޭއައި ޓްރެއިނިން ކެމްޕޭނެއް ހިންގައި، ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކުގެ ތެރެއިން އެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ.

އިޝްތިހާރު އިޝްތިހާރު

މިހާރު ވެސް އެންއައިއީގެ އެކިއެކި ޕްރޮގްރާމްތަކާއި "އެދުރު" ޕްލެޓްފޯމް މެދުވެރިކޮށް މުދައްރިސުން އަހުލުވެރިކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މީގެ ތެރޭގައި ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭ މުދައްރިސުން ވެސް ހިމެނެއެވެ.

މި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ކުރިއަށް އޮތް ދުވަސްތަކުގައި އޭއައި ބޭނުންކޮށްގެން ކިޔަވައިދިނުމުގެ ގާބިލުކަން ހުރި މުދައްރިސުން ރާއްޖޭގައި ތިބޭނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި އެވެ.

މުދައްރިސުންގެ ފަރާތުން މި ޓެކްނޮލޮޖީއަށް ބޮޑު ޝައުގުވެރިކަމެއް އޮތް ނަމަވެސް، އެންމެ ބޮޑު ގޮންޖެހުމަކީ ސްކޫލްތަކުގެ އިންފްރާސްޓްރަކްޗަރާއި ކްލާސްރޫމްތަކުގައި ވަސީލަތްތައް މަދުވުމެވެ. އެހެންވެ އަތޮޅުތަކާއި މާލޭގެ ސްކޫލުތަކުގެ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން އިސްކަންދީގެން ދަނީ މަސައްކަތް ކުރަމުންނެވެ.

ޚާއްސަކޮށް ކޮންމެ މުދައްރިސަކަށް ކޮމްޕިއުޓަރެއް ފޯރުކޮށްދިނުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރެއްވުމުން، އެކަން ހަމަޖެއްސެވުމަށް އެމަނިކުފާނު ވަނީ އިރުޝާދު ދެއްވާފައެވެ. މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ކޮންމެ މުދައްރިސަކަށް ބޭނުންވާ މެޝިން ލިބޭނެ ގޮތް ހަމަޖެއްސެވުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.

މި ވަސީލަތްތައް ފަހިވުމުން ލެސަން ޕްލޭން ހެދުމަށާއި، ކިޔަވައިދިނުމުގެ ނޯޓްސް ތައްޔާރުކުރުމަށާއި އިމްތިހާނު ކަރުދާސްތައް އެކުލަވާލުމުގައި މުދައްރިސުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.