ސަރުކާރުން ތަޢުލީމީ ސިޔާސަތަށް ގެނައި މުހިންމު ބަދަލުތަކާއެކު، ކުރިއަށް އޮތް އަހަރުތަކުގައި ސައިންސްގެ ރޮނގުން ކިޔަވާ ކުދިން ގިނަވާނެކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ޖަލްސާގައި ވާހަކަދައްކަވަމުން، ތައުލީމާއި މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ، ސަރުކާރުން ތަޢުލީމީ ސިޔާސަތުތަކަށް ގެނައި އިސްލާހުތަކުގެ ސަބަބުން ކުރިއަށް އޮތް ދެތިން އަހަރުގެ ތެރޭގައި ސައިންސާއި ޓެކްނޮލޮޖީގެ ރޮނގުން މަތީ ތަޢުލީމު ހާސިލުކުރާ ދަރިވަރުންގެ އަދަދު ބޮޑުތަނުން އިތުރުވެގެންދާނެ ކަމަށެވެ.
ރާއްޖޭގައި މިވަގުތު ހިލޭ ޑިގްރީ އާއި އެކިއެކި ސްކޮލަރޝިޕް އަދި ލޯނު ޕްރޮގްރާމުތަކުގެ ދަށުން 28،000 ދަރިވަރުން މަތީ ތަޢުލީމު ހާސިލުކުރަމުންދާއިރު، ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާއިން ކިޔަވަނީ އެންމެ 11 އިންސައްތަ ކުދިންނެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި މިއީ ކުރީގައި އޯލެވެލް އިމްތިހާނުގައި ހިސާބު މާއްދާ ދޫކޮށްލުމަށް ދީފައި އޮތް ފުރުސަތުގެ ސަބަބުން ކުރިމަތިވި ހުރަހެކެވެ. ނަމަވެސް މިހާރުގެ ސަރުކާރުން އެ މާއްދާ މަޖުބޫރު ކުރުމާއެކު، އޭގެ ހެޔޮ ނަތީޖާ ކުރިއަށް އޮތް ތިން ހަތަރު އަހަރެއްގެ ތެރޭގައި ފެންނާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު، ގްރޭޑް 10 ނިންމާ ދަރިވަރުންގެ ތެރެއިން މަތީ ސާނަވީއަށް ކިޔަވަމުން ދިޔައީ 34 އިންސައްތަ ދަރިވަރުންނެވެ. އެހެންނަމަވެސް އެ އަދަދު މިހާރު 48 އިންސައްތައަށް އިތުރުކުރެވިފައިވާކަން ވަޒީރު އިއުލާނުކުރެއްވިއެވެ. ސަރުކާރުގެ އަމާޒަކީ 2028 ވަނަ އަހަރާ ހަމައަށް އަންނައިރު މަތީ ސާނަވީގައި ތަޢުލީމު ހާސިލުކުރާ ދަރިވަރުންގެ ނިސްބަތް 65 އިންސައްތައަށް އިތުރުކުރުން ކަމުގައިވެސް ޑރ. އިސްމާޢީލް ޝަފީޢު ހާމަކުރެއްވިއެވެ. އަދި ދަރިވަރުންނަކީ ރިވެތި އަޚުލާޤުގެވެރި އަދި ހުނަރުވެރި ބަޔަކަށް ހެދުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަންވެސް ފާހަގަކުރެއްވިއެވެ.
ކިޔަވާ ކުދިންނަށް ގޭތެރެއިންނާއި މުޖުތަމައުގެ ތެރެއިން ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާކަން ފާހަގަކުރައްވަމުން، ވަޒީރު ވަނީ ދަރިވަރުންނަށް މުހިންމު އިރުޝާދުތަކެއް ދެއްވާފައެވެ. ކިޔަވަން ބޭނުންވާ ކޮންމެ ދާއިރާއަކުންވެސް ކުރިއަށް ދިއުމުގެ މަގު ފަހިކޮށްދީފައިވީ ނަމަވެސް، އެ ފުރުސަތުގެ ބޭނުން ހިފުމުގެ ކުރިން ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ފުރުސަތުތައް ހުރިގޮތް ބެލުމަށް އެމަނިކުފާނު ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން، ރައްޔިތުންގެ ފައިސާއިން ތަޢުލީމު ހާސިލުކުރުމަށްފަހު، ޤައުމަށާއި ރައްޔިތުންނަށް ޚިދުމަތްކުރުމުގެ މަތިވެރި ވިސްނުން ކޮންމެ ދަރިވަރެއްގެ ކިބައިގައިވެސް ހުންނަންވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.









ކިޔުންތެރިންގެ ހިޔާލު