ދަރިވަރުންނަށް ހާސިލްކުރެވޭ މިންވަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު ގްރޭޑް އެކެއްގެ ފޮތްތަކަށް ބޮޑު ބަދަލެއް އަންނާނެ ކަމަށާއި، ނަމަވެސް ހަގީގީ ބަދަލެއް އަންނާނީ މުދައްރިސުން ކުރާ މަސައްކަތުން ކަމަށް ތައުލީމާއި މަތީ ތައުލީމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާއީލް ޝަފީއު މިއަދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ޝަހީދު އަލީ ސްކޫލުގައި މިއަދު ހެނދުނު ބޭއްވި އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސްގެ އަށްވަނަ އެޑިޝަން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިފަދަ ކޮންފަރެންސެއް ބޭއްވުމުގެ އެންމެ ބޮޑު ބޭނުމަކީ މުދައްރިސުން، ސިޔާސަތުތަކަށް އަންނަ ބަދަލުތަކާއި ކްލާސްރޫމްތަކުގެ އަމަލީ މަސައްކަތްތައް ދިރާސާތަކާ ގުޅުވާލުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

އިޝްތިހާރު އިޝްތިހާރު

ކުއްޖާގެ ހަޔާތަށް ހަގީގީ ބަދަލު ގެންނަނީ މުދައްރިސުން ކަމަށާއި، ބެލެނިވެރިންނާއި މައިންބަފައިންނާ ގުޅިގެން ތަފާތު ކަމެއް ދަރިވަރުންނަށް ސާބިތުކޮށްދިނުމުގެ މުހިންމުކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ ފަރާތުން ތައުލީމީ ނިޒާމު ހަރުދަނާކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅާ އެއްގޮތަށް އަދި މެނިފެސްޓޯގައިވާ ގޮތުގެ މަތިން ގެންނަންޖެހޭ ބަދަލުތައް ގެންނަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

ދަރިވަރުންނަށް ހާސިލްކުރެވޭ މިންވަރު އިތުރުކުރުމަށްޓަކައި ވުޒާރާގެ ފަރާތުން ދޭންޖެހޭ އެހީތެރިކަން ދެމުންދާ ކަމަށާއި، އޭގެ ތެރޭގައި ކަރިކިއުލަމްގެ ކޮންޓެންޓަށް ގެންނަންޖެހޭ ބަދަލުތައް ގެންނަމުންދާކަން ވަޒީރު ހާމަކުރެއްވިއެވެ.

އަންނަ އަހަރު ކީސްޓޭޖް 1 ނުވަތަ ގްރޭޑް އެކެއްގެ ފޮތްތަކަށް ބޮޑު ބަދަލެއް އައި ނަމަވެސް، އެކަނި ފޮތެއް އޮތުމަކުން އެދުރަކަށް ނުވެވޭނެ ކަމަށާއި، އެންމެ މުހިންމު ކަމަކީ ތުއްތު ދަރިވަރުންގެ ތައުލީމު ބައްޓަންކުރުމަށް މުދައްރިސުން ކުރާ މަސައްކަތް ކަމަށް ވިދާޅުވިއެވެ.

ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިިއިރު ސާނަވީ ތައުލީމަށްފަހު މަތީ ސާނަވީއަށް ބަދަލުވާ ދަރިވަރުންގެ އަދަދު މަދު ނަމަވެސް، މިހާރު އެ އަދަދު ފަންސާސް އިންސައްތައާ ގާތްކުރާ މިންވަރަށް މަތިވެފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މާލޭގައި ވޮކޭޝަނަލް ހައިސްކޫލެއް ގާއިމުކުރެވި، ކުރިއަށް އޮތް ތަނުގައި މަތީ ތައުލީމުގެ މަރުހަލާގައި ފަންސާސް ފަސް އިންސައްތައާއި ފާސް އިންސައްތައާ ހަމައަށް ދަރިވަރުންނަށް ޖާގަ ދެވޭނެ ފުރުސަތު ފަހިވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

މުދައްރިސެއްގެ ބާރާއި އިހުތިޔާރު ގަބޫލުކުރަންޖެހޭ ކަމަށާއި، ކުއްޖާ ބައްޓަންކުރުމުގައި މުދައްރިސަށް ލިބޭ ފުރުސަތު ހަނަކޮށްފިނަމަ ކުއްޖާގެ ހަޔާތުން މުހިންމު ބައެއް އުނިވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ސްކޫލްތަކުގެ ޕްރިންސިޕަލުން ކެއްތެރިކަމާއި ހިކުމަތްތެރިކަމާއެކު މުޖުތަމައުއާއި ބެލެނިވެރިންނާ ގުޅިގެން، ކަންކަމުގައި މުދައްރިސުން ޝާމިލުކޮށްގެން ސްކޫލްތައް ހިންގެވުމަށް ވަޒީރު އިލްތިމާސްކުރެއްވިއެވެ.