ދިވެހިރާއްޖެއާއި ދޭދޭ ޤައުމުތަކާ އޮންނަ ގާތް ގުޅުން ހީނަރުވާ ގޮތަށް ސިޔާސީ ގޮތުން ދެކެވޭ ވާހަކަތަކުގެ ސަބަބުން ލިބޭ ގެއްލުން ކުރިއަށް އޮތް ޖީލުތަކަށް ދެމިގެންގޮސްދާނެ ކަމަށް ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.
ސަރުކާރުން ބޭއްވި "އަހާ" ފޯރަމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ދިވެހިރާއްޖެއިން މިހާތަނަށް 186 ޤައުމާއެކު ސިޔާސީ ގުޅުން ގާއިމުކޮށްފައިވާ ކަމަށެވެ. އަދި އިތުރު ޤައުމުތަކާއެކު ގުޅުން ބަދަހިކުރުމަށާއި، މިހާރު އޮތް ގުޅުންތައް އިތުރަށް ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށްވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
ވަޒީރު އިރުތިޝާމް ވިދާޅުވި ގޮތުގައި، ރާއްޖޭގައި ހިންގާ ތަރައްޤީގެ މަޝްރޫޢުތަކަށާއި އެހެނިހެން ދާއިރާތަކުން އެކި ޤައުމުތަކުން އެހީތެރިކަން ލިބެނީ ޚާރިޖިއްޔާއިން ކުރާ މަސައްކަތްތަކުގެ ސަބަބުންނެވެ. ނަމަވެސް، އެ ގުޅުންތަކަށް އަސަރުކުރާފަދަ ގޮތަކަށް ވާހަކަދެއްކުމަކީ ގުޅުން ރަނގަޅު ޤައުމުތަކާއެކު އޮތް ގުޅުން ހީނަރުވުމަށް ފުރުޞަތު ހުޅުވިގެންދާނެ ކަމެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ.
ރަސްމާލެ މަޝްރޫޢަށް އިޝާރާތް ކުރައްވައި ވަޒީރު ވިދާޅުވީ، އެ މަޝްރޫޢާ ގުޅުވައިގެން ސިޔާސީ ގޮތުން ދެކެވޭ ވާހަކަތަކުގެ ސަބަބުން ކޮންޓްރެކްޓަރ ނިސްބަތްވާ ޤައުމާއެކު އޮތް ގާތް ގުޅުމަށް އަސަރުކުރުން އެކަށީގެންވާ ކަމަށެވެ. މީގެ ސަބަބުން އެ ޤައުމަށް ދަތުރުކުރާ ދިވެހިންނަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމާއި، އިންވެސްޓްމަންޓުތައް ނުލިބުމުގެ ނުރައްކާ އޮތުމުން އެފަދަ ވާހަކަތައް ނުދެއްކެވުމަށް ވަޒީރު އިލްތިމާސްކުރެއްވިއެވެ.
ބޭރު ޤައުމުތަކަށް ދިވެހިން ދަތުރުކުރާއިރު ރާއްޖޭގެ ރީތި ނަމާއި އައިޑެންޓިޓީ ހިފަހައްޓަންޖެހޭ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެހެން ޤައުމުތަކުގެ އަދަބުތަކަށާއި ޤާނޫނުތަކަށް އިހްތިރާމްކޮށް، ދިވެހިންނަށް ލިބިފައިވާ ފައިދާތައް ނުގެއްލޭ ގޮތަށް ޢަމަލުކުރުމުގެ މުހިންމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
ރަސްމާލެ މަޝްރޫޢަކީ ދޭދޭ ޤައުމުތަކާއެކު އޮތް ގުޅުމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ބިނާކުރެވޭނެ ބޮޑު މަޝްރޫޢެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. މިއީ ރާއްޖެއަށް މުހިންމު ޚިދުމަތްތަކެއް ލިބި، ޑޮލަރުގެ މައްސަލަ ހައްލުވެ، ދިވެހީންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެ، ވިޔަފާރީގެ ފުރުޞަތުތައް ފަހިވެގެންދާނެ މަޝްރޫޢެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.