ގިރާވަރުފަޅާއި ތިލަފުށި އަދި އުތުރު ތިލަފަޅު ގުޅުވައިދޭ ބްރިޖު މަޝްރޫޢުގެ ފީސިބިލިޓީ ސްޓަޑީޒް ނިމި، އެ މަޝްރޫޢުގެ ޑިޒައިން މަސައްކަތް ފެށުމަށް ބަޔަކު ހޯދަން މާ ލަސްތަކެއް ނުވެ އިއުލާނުކުރައްވާނެ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބު "އަހާ ފޯރަމް" ގައި ވިދާޅުވެއްޖެއެވެ.
ސަރުކާރުން ބޭއްވި "އަހާ ފޯރަމް" ގައި އާންމު ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ތިލަމާލެ ބްރިޖުގެ މަސައްކަތް މިހާރު ކުރިއަށް ދަނީ މާލެއިން ފެށިގެން ތިލަފުއްޓާ ހަމައަށް ކަމަށެވެ. އަދި ތިލަފުއްޓާއި ގިރާވަރުފަޅު އަދި އުތުރު ތިލަފަޅު ގުޅާލުމުގެ ފީސިބިލިޓީ ނިމި، ދެން ކުރިއަށްދާނީ ޑިޒައިން ކުރުމުގެ މަރުޙަލާ ކަމަށް ފާހަގަކުރެއްވިއެވެ.
މާލޭގައި ބޭއްވި މި ފޯރަމްގައި، ގިރާވަރުފަޅުން ގޯތި ލިބުނު ފަރާތްތަކަށް ބިން ހަވާލުކުރުމުގެ މަސައްކަތް ބިން ހިއްކާ ނިމުމާއެކު ކުރިއަށްދާނެ ކަމުގެ ޔަޤީންކަން މިނިސްޓަރު ދެއްވިއެވެ. "ބިންވެރިޔާ ސްކީމް" ގެ ދަށުން ނުހިއްކާ އޮތް ކަނޑުގެ ސަރަޙައްދުން ދޫކުރި ބިންތަކުގެ ތެރެއިން ގިރާވަރުފަޅުގެ މަސައްކަތް މެދުކެނޑުނީ މެދުއިރުމަތީގެ މަޝްރަޙަށް އައި ބަދަލުތަކާއެކު ތެލުގެ އަގަށް އައި ބަދަލުތަކުގެ ސަބަބުން ކަމަށް މުއްޠަލިބު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، ކުޑަ މަޑުޖެހުމަކަށްފަހު ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް މިހާރު ވަނީ އަލުން ފަށާފައެވެ. ބިން ހިއްކާ ނިމެންވާއިރަށް ސާވޭގެ މަސައްކަތްތައް ފަށައި، ވީ އެންމެ އަވަހަކަށް ގޯތިތައް ހަވާލުކުރެވޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ތިލަމާލެ ބްރިޖުގެ މަސައްކަތް 2027 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އަންދާޒާކުރެވޭ ކަމަށް މުއްޠަލިބު ފާހަގަކުރެއްވިއެވެ. ބޭރު ޤައުމުތަކުން ލޯނު ލިބުމުގައި ހުރި ދަތިތަކުގެ ސަބަބުން އިތުރު ފޭސްތަކުގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގައި ދަތިތަކެއް ކުރިމަތިވި ނަމަވެސް، ޑިޒައިން މަސައްކަތަށް ވަރަށް އަވަހަށް އިއުލާނުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
ހިއްކާފައިވާ ސަރަޙައްދުތަކުގައި ފެނާއި، ނަރުދަމާއާއި ކަރަންޓުގެ ޚިދުމަތްތައް ޤާއިމުކުރުމަށް 400 މިލިއަން ޑޮލަރަށްވުރެ ބޮޑު ހޭދައެއް ހިނގާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ދައުލަތުގެ ބަޖެޓުން އެއްފަހަރާ އެ ހުރިހާ ހަރަދެއް ކުރުމުގެ ދަތިކަން ހުރުމުން، ޕަބްލިކް ވޯކްސް ސަރވިސްއާއި އެމްޓީސީސީ ގުޅިގެން ނެޓްވޯކް މަސައްކަތްތައް އަވަހަށް ފެށުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
ކުރީގެ ސަރުކާރުން ތަޢާރަފުކުރި "ބިންވެރިޔާ ސްކީމް" ގެ ދަށުން ގުޅިފަޅާއި ހުޅުމާލެ ފޭސް 3 އިން ބިން ލިބުނު ފަރާތްތަކަށް ވަށާފާރު ރޭނުމުގެ ހުއްދަ އެޗްޑީސީ މެދުވެރިކޮށް ދަނީ ހަމަޖައްސައިދެމުންނެވެ. ގްރޭޓަރ މާލެ ސަރަޙައްދުގެ ދަތުރުފަތުރާއި ލޮޖިސްޓިކްސް ނިޒާމު ގުޅުވާލުމަކީ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށް ސަރުކާރުން އިސްކަންދޭ މުހިންމު ސިޔާސަތެކެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.