އެއާޕޯޓްސް ކައުންސިލް އިންޓަނޭޝަނަލް (އޭސީއައި) ގެ އޭޝިއާ-ޕެސިފިކް އެންޑް މިޑްލް އީސްޓް ރީޖަނަލް އޮޕަރޭޝަނަލް ސޭފްޓީ ކޮމިޓީ ބައްދަލުވުމުގެ ބައިވެރިންނަށް އެމްއޭސީއެލް އިން މަރުޙަބާ ކިޔައިފިއެވެ.
ހުޅުލެ އައިލެންޑް ހޮޓެލް (އެޗްއައިއެޗް) ގައި ނޮވެންބަރު 23 އިން 25 އަށް ހިނގަމުންދާ މި ބައްދަލުވުމުގައި، އެ ކޮމިޓީ ތަމްސީލުކުރައްވާ 23 މެންބަރުންގެ އިތުރުން 7 އޮބްޒާވަރުން ބައިވެރިވެވަޑައިގަންނަވައެވެ. މި ބައްދަލުވުން ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީއޭއޭ) ގެ ޑިރެކްޓަރ އޮފް ފްލައިޓް އޮޕަރޭޝަންސް، މުޙައްމަދު މަންޞޫރެވެ. އަދި މިރަސްމިއްޔާތުގައި އެމް.އޭ.ސީ.އެލްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޖުތަބާ ލަޠީފްގެ އިތުރުން ކުންފުނީގެ ސީނިއަރ މެނޭޖްމަންޓް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުމަކީ ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ހަރަކާތްތެރިވާ ފަންނީ ފަރާތްތަކުން އެބޭފުޅުންގެ ތަޖުރިބާތައް ޙިއްޞާކޮށް، ދަތުރުފަތުރުގެ އޮޕަރޭޝަންތަކުގައި އަލަށް ކުރިމަތިވެދާނެ ގޮންޖެހުންތަކުން އަރައިގަންނާނެ ގޮތްތައް ހޯދުމަށާއި، ސަރަޙައްދީ ފެންވަރުގައި ސަލާމަތީ ކަންކަން އެއް މިންގަނޑަކަށް ގެނައުމަށް މަގުފަހިކޮށްދޭ އަގުހުރި ފުރުޞަތުތަކެއް ހުޅުވިގެންދާނެ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގެ މަޝްވަރާތައް މައިގަނޑު ގޮތެއްގައި އަމާޒުކުރެވިފައިވަނީ އެއާސައިޑްގެ ރައްކާތެރިކަމާއި، ގްރައުންޑް ހޭންޑްލިންގ އޮޕަރޭޝަންތަކާއި، ރަންވޭގެ ސަލާމަތީ ކަންކަމުގެ އިތުރުން، ވައިގެ ދަތުރުފަތުރަށް އަލަށް ތަޢާރަފުކުރެވެމުންދާ ޒަމާނީ ޓެކްނޮލޮޖީތަކުގެ މައްޗަށެވެ.
މީގެ އިތުރުން، މި ޕްރޮގްރާމުގެ ބައިވެރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޒިޔާރަތްކޮށް، އެތަނުގެ އޮޕަރޭޝަންތައް ކުރިއަށްގެންދާގޮތް ބަލާލުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުގެ ސަބަބުން ދުނިޔޭގެ ފެންވަރުގައި ހިންގަމުން އަންނަ ރާއްޖޭގެ ސީޕްލޭން އޮޕަރޭޝަންތައް ބަލާލެވި، ދިވެހިރާއްޖޭގެ ރަށްތައް ގުޅުވައިދިނުމުގައި ވައިގެ ދަތުރުފަތުރު އަދާކުރާ މުހިންމު ދައުރު ބައިވެރިންނަށް ޢަމަލީ ގޮތުން ފެނިގެންދާނެއެވެ.
ސަރަޙައްދީ މިފަދަ މުހިންމު ހަރަކާތެއް ރާއްޖޭގައި ބޭއްވުމަކީ އެމް.އޭ.ސީ.އެލްގެ އިތުރުން މުޅި ރާއްޖެއަށް ވެސް ލިބުނު ފަޚުރެކެވެ. މިއިން ހާމަކޮށްދެނީ ބައިނަލްއަޤްވާމީ ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ދިވެހިރާއްޖޭގެ ބައިވެރިވުން ފުޅާވަމުންދާ މިންވަރާއި، ސަރަޙައްދީ އެއްބާރުލުން ވަރުގަދަކޮށް، އައު ވިސްނުންތައް ކުރިއަރުވައި، ވައިގެ ބަނދަރުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ރާއްޖެއިން ދޭ އަހައްމިއްޔަތުކަމެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.