މިނިސްޓްރީ އޮފް ފައިނޭންސްގެ އެންމެ ފަހުގެ ހިސާބުތައް ދައްކާގޮތުން، އެއާޕޯޓް ޓެކުހާއި އެކިއެކި ފީތަކުގެ ގޮތުގައި ދައުލަތުގެ ބަޖެޓަށް 3.3 ބިލިޔަން ރުފިޔާ ވަނީ ވަދެފައެވެ. މިއީ ވޭތުވެދިޔަ އަހަރުގެ އެއްގޮތް މުއްދަތާ އަޅައިކިޔާއިރު ފާހަގަކުރެވޭ ބޮޑު ކުރިއެރުމެކެވެ.

މާލީ ވުޒާރާއިން ނެރެފައިވާ ހަފުތާގެ މާލީ ހިސާބުތައް ބަޔާންކުރާ ރިޕޯޓުގައިވާ ގޮތުން، ވޭތުވެދިޔަ މަހުގެ 29 ގެ ނިޔަލަށް ފުރާ މީހުންގެ އަތުން ނަގާ ޑިޕާޗަރ ޓެކުހުން އެކަނިވެސް 1.64 ބިލިޔަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި ދުވަސްވަރު ލިބުނު 1.54 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު %6.4 ގެ ކުރިއެރުމެކެވެ.

ޑިޕާޗަރ ޓެކުހުގެ އިތުރުން، އެއާޕޯޓް ތަރައްޤީކުރުމަށް ނަގާ ފީ ނުވަތަ އެއާޕޯޓް ޑިވެލޮޕްމަންޓް ފީ (އޭޑީއެފް) ގެ ގޮތުގައި ލިބުނު ޢަދަދުވެސް ވަނީ މައްޗަށް ގޮސްފައެވެ. އެ މުއްދަތުގެ ނިޔަލަށް އެ ފީގެ ގޮތުގައި 1.68 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނީ 1.56 ބިލިޔަން ރުފިޔާއެވެ. އެހެންކަމުން މިއީ %7.6 ގެ އިތުރުވުމެކެވެ.

އިޝްތިހާރު އިޝްތިހާރު

ޖުމްލަ ގޮތެއްގައި ބަލާއިރު، މިދިޔަ މަހުގެ 29 ވަނަ ދުވަހާ ހަމައަށް ޑިޕާޗަރ ޓެކުހާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އެއްކޮށް ދައުލަތަށް 3.32 ބިލިޔަން ރުފިޔާ ލިބިފައިވެއެވެ. ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި މި ދެ ބައިން ލިބިފައިވަނީ 3.11 ބިލިޔަން ރުފިޔާ ކަމަށްވުމުން، މިއީ %6.8 ގެ އިތުރުވުމެކެވެ.

ރާއްޖެއިން ފުރާ ފަރާތްތަކުގެ އަތުން ޑިޕާޗަރ ޓެކްސް ތަންފީޒުކުރަން ފެށީ 2022 ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެންނެވެ. އަދި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ބޭރަށް ދަތުރުކުރާ ކޮންމެ މީހެއްގެ އަތުން އެއާޕޯޓް ޑިވެލޮޕްމަންޓް ފީ ނަގަން ފަށާފައިވަނީ 2017 ވަނަ އަހަރުގެ މޭ މަހުގެ 1 ވަނަ ދުވަހުއެވެ.

މި ޓެކުހާއި ފީން ދޫދެވިފައިވާ ފަރާތްތަކަށް ބަލާއިރު، ޑިޕްލޮމެޓިކް އިމްތިޔާޒު ލިބިފައިވާ ބޭފުޅުންނާއި، ޓްރާންސިޓް ފަސިންޖަރުންގެ އިތުރުން ދެ އަހަރުން ދަށުގެ ތުއްތުކުދިން ޑިޕާޗަރ ޓެކުހުން އިސްތިސްނާވެއެވެ. ހަމައެއާއެކު، އެއާޕޯޓް ޑިވެލޮޕްމަންޓް ފީ ދެއްކުމުން އިސްތިސްނާވަނީ ޑިޕްލޮމެޓިކް އިމްތިޔާޒު ލިބިފައިވާ ފަރާތްތަކާއި "ޑައިރެކްޓް ޓްރާންސިޓް" ފަސިންޖަރުންނެވެ.

އެއާޕޯޓުން ފުރާ މީހުން އަތުން ނަގާ އެއާޕޯޓް ޑިވެލޮޕްމަންޓް ފީން ލިބޭ އާމްދަނީ ފުރިހަމައަށް ޖަމާކުރަމުންދަނީ ދައުލަތުގެ ސޮވެރިން ފަންޑަށެވެ. މީގެއިތުރުން ވެލާނާ އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ފައިދާއިން ދައުލަތަށް ލިބޭ ޑިވިޑެންޑާއި، އެއާޕޯޓުގެ ބައެއް ޚިދުމަތްތަކުގެ އަގުތަކަށް ގެނައި ބަދަލުތަކުން އިތުރުވާ އާމްދަނީވެސް ޖަމާކުރެވެމުންދަނީ މި ފަންޑަށެވެ.