ކަސްޓަމްސް މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ އާމްދަނީގެ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު މާލީ ވުޒާރާގެ ދަށަށް ބަދަލުކުރުމުން، ޤަވާޢިދުތައް ތަންފީޒުކުރުމުގެ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާވެގެންދާނެ ކަމަށް މާލީ ވުޒާރާއިން ހާމަކޮށްފިއެވެ.
އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓު ފޮތުގައިވާ ގޮތުން، ދައުލަތުގެ އާމްދަނީގެ ސިޔާސަތުތައް ހަރުދަނާކުރުމަށްޓަކައި ޤާނޫނަށް ބަދަލު ގެނެސް، ކަސްޓަމްސްގެ ރެވެނިއު އެޑްމިނިސްޓްރޭޝަން ނުވަތަ އާމްދަނީގެ އިދާރީ ކަންކަން މާލީ ވުޒާރާގެ ދަށަށް ގެންނަން ވަނީ ނިންމާފައެވެ. މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވަޒީރު ޙަސަން ޒަރީރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ބަޖެޓު ބަޔާނުގައިވެސް ވަނީ މިކަން ފާހަގަކުރައްވާފައެވެ.
މާލީ ވުޒާރާއިން ފާހަގަކުރި ގޮތުގައި، ވޭތުވެދިޔަ އަހަރު ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީގެ 10 އިންސައްތައަކީ ކަސްޓަމްސް މެދުވެރިކޮށް ލިބިފައިވާ އާމްދަނީއެވެ. ނަމަވެސް، ކަސްޓަމްސްއިން ނަގާ ޑިއުޓީއާއި ފީތައް ތަންފީޒުކުރުމުގައާއި ފައިސާ ހޯދުމުގައި ޤާނޫނީ އަދި އިދާރީ ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން އެ އިދާރާއާ ހަވާލާދީ ވަނީ ބަޔާންކޮށްފައެވެ. އެހެންކަމުން، ދައުލަތުގެ ފިސްކަލް ސިޔާސަތުތައް ބަލަހައްޓާ މައި ވުޒާރާގެ ހައިސިއްޔަތުން މާލީ ވުޒާރާގެ ދަށަށް މި ނިޒާމު ބަދަލުކުރުމަކީ ދައުލަތަށް ލިބެންޖެހޭ ފައިސާ ކަށަވަރުކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ.
ބަޖެޓު ފޮތުގައި ބަޔާންކޮށްފައިވާ ގޮތުގައި، ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައިވެސް މި ނިޒާމު ހިންގަނީ މިފަދަ އުޞޫލަކުންނެވެ. އެގޮތުން، ސިންގަޕޫރުގައި ކަސްޓަމްސްއަކީ އެ ޤައުމުގެ މާލީ ވުޒާރާގެ ސްޓެޓިއުޓަރީ ބޯޑެއްގެ ގޮތުގައި ހިންގާއިރު، ބޯޑަރު ބަލަހައްޓަނީ ވަކި އިދާރާއަކުންނެވެ. އަދި އިނގިރޭސިވިލާތުގައިވެސް އާމްދަނީއާއި ޓެކުހުގެ ކަންކަން އެޗްއެމް ރެވެނިއު އެންޑް ކަސްޓަމްސްއިން ބަލަހައްޓާއިރު، ބޯޑަރުގެ ކަންކަން ބަލަހައްޓަނީ ހޯމް އޮފީހުންނެވެ.
މި ބަދަލު ރާއްޖޭގެ ނިޒާމަށް ގެނައުމަށްޓަކައި ކަމާގުޅޭ ޤާނޫނުތަކަށް އިޞްލާޙު ގެނައުމުގެ ބިލު މިއަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ވަނީ ތާވަލުކޮށްފައެވެ.
ކަސްޓަމްސްގެ އާމްދަނީ ނެގުމުގެ ނިޒާމު އިޞްލާޙުކުރަން ނިންމާފައިވާއިރު، އޮޑިޓަރ ޖެނެރަލްގެ އޮފީހުން މިދިޔަ އޮކްޓޫބަރު މަހު ނެރުނު ރިޕޯޓުގައިވާ ގޮތުން، 2023 ވަނަ އަހަރުގެ ނިޔަލަށް ކަސްޓަމްސްއަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ނުލިބިވާ 461 މިލިއަން ރުފިޔާ އެބައޮތެވެ. އަދި އަހަރުން އަހަރަށް މި ޢަދަދު އިތުރުވަމުންދާކަންވެސް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.