ކޫރިއަރ މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރަން މަސައްކަތްކުރި އެއް ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން ބުނީ މި ތަކެތި އަތުލައިގަނެފައިވަނީ މިދިޔަ ހަފުތާގެ ހޮނިހިރު ދުވަހުއެވެ. އެއީ ކޫރިއަރ މެދުވެރިކޮށް ގެނައި ޕާރުސަލެއްގެ ތެރޭގައި މަސްތުވާތަކެތި ހުރިކަމަށް ޝައްކުކުރެވިގެން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އެ ޕެކޭޖު އިތުރަށް ޗެކްކުރުމުގެ ތެރޭގައެވެ.

އެ އިދާރާއިން ހާމަކުރި ގޮތުގައި، މި އަތުލައިގަނެވުނު އެއް ކިލޯގެ މަސްތުވާތަކެއްޗަކީ އާންމުކޮށް ޕާޓީތަކުގައި ބޭނުންކުރާ ބާވަތުގެ މަސްތުވާތަކެތި (ޕާޓީ ޑްރަގްސް) އެވެ.

އިޝްތިހާރު އިޝްތިހާރު

މީގެ އިތުރުން، މިދިޔަ ހުކުރު ދުވަހުވެސް ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު ދެ ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން ވަނީ އަތުލައިގެންފައެވެ. އެ ފަހަރު އަތުލައިގަނެވުނު ތަކެއްޗަކީ ވެސް މިފަދަ ޕާޓީ ޑްރަގްގެ ބާވަތެއް ކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.