މިމަހުގެ 8 ވަނަ ދުވަހާ ހަމައަށް ޓެކުހުގެ ގޮތުގައި ދަޢުލަތަށް ލިބުނު އާމްދަނީ 24 ބިލިޔަން ރުފިޔާއަށް އަރާފައިވާ ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެހެންކަމުން، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 2 ބިލިޔަނަށްވުރެ އިތުރު އަދަދެކެވެ.

އެ ވުޒާރާއިން އާންމުކުރި އެންމެފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުން ދައްކާ ގޮތުގައި، މިމަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 31.5 ބިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ، 30.6 ބިލިޔަން ރުފިޔާއެވެ. އެހެންކަމުން، މިއީ %3 އިތުރުވުމެކެވެ.

އިޝްތިހާރު އިޝްތިހާރު

މި މުއްދަތުގެ ތެރޭގައި ދައުލަތުގެ އާމްދަނީއަށް ލިބުނު ކުރިއެރުމުގެ މައިގަނޑު ސަބަބަކީ، ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުން ކަމަށް މާލީ ވުޒާރާއިން ވިދާޅުވެއެވެ. އެގޮތުން، މި މުއްދަތުގެ ތެރޭގައި ޓެކުހުގެ އާމްދަނީގެ ގޮތުގައި ދައުލަތަށް 24 ބިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިއީ، މިދިޔަ އަހަރުގެ މި މުއްދަތުގައި ޓެކުހުގެ ގޮތުގައި ލިބުނު 22 ބިލިޔަން ރުފިޔާގެ އާމްދަނީއާ އަޅާބަލާއިރު %7.3 އިތުރު އަދަދެކެވެ.

ޓެކުހުގެ އާމްދަނީއަށް ބަލާއިރު މި މުއްދަތުގެ ތެރޭގައި ޓީޖީއެސްޓީގެ އާމްދަނީ ހުރީ، 8 ބިލިޔަން ރުފިޔާގައެވެ. އާންމު މުދަލާއި ޚިދުމަތުގެ ޓެކްސް އާމްދަނީ ހުރީ، 4.3 ބިލިޔަން ރުފިޔާގައެވެ. ބިޒްނަސް އެންޑް ޕްރޮޕަޓީ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ހުރީ، 5.7 ބިލިޔަން ރުފިޔާގައެވެ. އަދި އެއާޕޯޓް ސަރވިސް ޗާޖާއި، ޑިޕާޗަރ ޓެކުހުގެ ގޮތުގައި 1.5 ބިލިޔަން ރުފިޔާ ލިބިފައިވެއެވެ.

މި މުއްދަތުގެ ތެރޭގައި ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވި ނަމަވެސް، ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބުނު މިންވަރު ވަނީ ދަށްވެފައެވެ. މި މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 6.6 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބިފައިވަނީ، 7.6 ބިލިޔަން ރުފިޔާއެވެ.

މިމުއްދަތުގެ ތެރޭގައި ދައުލަތުގެ ޖުމްލަ ޚަރަދު ހުރީ، 35 ބިލިޔަން ރުފިޔާގައެވެ. މިއީ، މިދިޔަ އަހަރުގެ މި މުއްދަތުގައި ޚަރަދުކުރި 30 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު %18 އިތުރު އަދަދެކެވެ. މި މުއްދަތުގައި ރިކަރަންޓް ޚަރަދު ހުރީ، 31 ބިލިޔަން ރުފިޔާގައެވެ. އަދި ކެޕިޓަލް ޚަރަދު 4 ބިލިޔަން ރުފިޔާއަށް މަތިވެފައިވާ ކަމަށްވެސް މާލީ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކައެވެ.