ހޮރްމޫޒު ކަނޑުއޮޅި ހުޅުވާލަން އީރާނުން ހުށަހެޅި ޕްރޮޕޯޒަލްއަށް އެމެރިކާއިން ދިން ޖަވާބަށް އީރާނުން ދެކޮޅު ހަދައިފިއެވެ.
އީރާނުގެ ގައުމީ ސަލާމަތާބެހޭ އެންމެ އިސް ވެރިޔާ މޭޖަރ ޖެނެރަލް މުހްސިން ރިޒާއީ ވިދާޅުވީ، އީރާނުން ހުށަހަޅާފައިވާ 7 ނުކުތާގެ ޕްލޭން އެމެރިކާއިން ފުރިހަމައަށް ތަންފީޒުކުރަން ޖެހޭނޭ ކަމަށެވެ.
މުހްސިން ރިޒާއީ އެކްސްގައި ޕޯސްޓްކުރެއްވި މެސެޖެއްގައި ވިދާޅުވީ، އީރާނުގެ ބްލޮކޭޑް އުވާލުމާއި، ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާއި، ގަނޑުކޮށްފައިވާ ފައިސާ ދޫކޮށްލުން ހިމެނޭގޮތުން، އީރާނުގެ ހުރިހާ ހުށަހެޅުންތަކަށް އެމެރިކާއިން އަމަލުކުރަންޖެހޭނޭ ކަމަށެވެ.
މުހްސިން ރިޒާއީ މިފަދައިން ވިދާޅުވީ، ގަތަރުން ހުށަހެޅި ޑްރާފްޓް އެގްރީމެންޓް އެމެރިކާއިން އެޕްރޫވްކޮށްފައިވާ ކަމަށް މީޑިއާގައި ރިޕޯޓްތައް ފެތުރޭން ފަށާފައި ވަނިކޮށެވެ.
ގަތަރުން އެކުލަވާލައި އެމެރިކާއިން އެޕްރޫވްކުރި ޑްރާފްޓް އެއްބަސްވުމުގައި ހިމެނޭ ކަންކަމަށް އިޝާރާތް ކުރައްވައި މުހްސިން ރިޒާއީ ވިދާޅުވީ، އީރާނަށް ލިބިގެންވާ ހައްގުތަކާއި، އީރާނުގެ ޑިމާންޑްތަކަށް އެމެރިކާއިން ދިން ޖަވާބަކީ ގަބޫލުކުރެވޭ ފަދަ ޖަވާބުތަކެއް ނޫން ކަމަށެވެ.
ހޮރްމޫޒު ކަނޑުއޮޅި އަލުން ހުޅުވާލެވޭނީ އީރާނުގެ ހުށަހެޅުންތައް އެމެރިކާއިން ގަބޫލުކުރުމުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އީރާނު ޚާރިޖިއްޔާގެ ތަރުޖަމާނު އިސްމާއިލް ބަގާޔީ ވިދާޅުވީ، އެއްވެސް ކަމަށް އެއްބަސްވެވިފައި ނުވާ ކަމަށެވެ.
ގަތަރުން ހުށަހެޅި ޑްރާފްޓް އެއްބަސްވުން އެމެރިކާއިން އެޕްރޫވްކުރި ނަމަވެސް، ގަތަރު މެދުވެރިކޮށް މެސެޖްގެ ޒަރީއާއިން ދެ ފަރާތުގެ ދެމެދުގައި މިހާރުވެސް ވާހަކަ ދެކެވެމުންދާ ކަމަށް ބަގާޔީ ވިދާޅުވިއެވެ.
ޑިޕްލޮމަސީގެ ފުރުސަތު އީރާނުން ނަގާނުލާނޭ ކަމަށާއި، ހަމަ އެއާއެކު ގައުމުގެ މިނިވަންކަމާއި އިސްތިގްލާލު ދިފާއުކުރުމަށްވެސް އީރާނު އޮތީ ތައްޔާރަށް ކަމަށް އިސްމާއިލް ބަގާޔީ ވިދާޅުވެފައި ވެއެވެ.

އިޝްތިހާރު އިޝްތިހާރު