ދިވެހި އަސްކަރިއްޔާއަށް އެންމެ ބޮޑު ތަރައްގީއަކާއި ކުރިއެރުމެއް އައިސްފައިވަނީ މި ހިނގާ ވެރިކަމުގެ ދައުރުގައި ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހިމް ހިލްމީ ވިދާޅުވެއްޖެއެވެ.
ޗީފް އޮފް ޑިފެންސް ފޯސް މިހެން ވިދާޅުވީ، މިއަހަރުގެ ނަސްރުގެ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ކުރިއަށްގެންދިޔަ ސިފައިންގެ ހެވިކަމުގެ ހަރަކާތްތައް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހިލްމީ ވަނީ ޤައުމުގެ އަސްކަރިއްޔާއަށް މި ފާއިތުވެދިޔަ ދުވަސްތަކުގެ ތެރޭގައި އައިސްފައިވާ ބޮޑެތި ކުރިއެރުންތަކުގެ ތަފްސީލު ހިއްސާކުރައްވާފައެވެ.
ހިލްމީ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ރާއްޖޭގެ މިނިވަންކަން ދިފާޢު ކުރުމަށާއި، ރާއްޖޭގެ ސަރަހައްދު އަމިއްލައަށް ބެލެހެއްޓުމަށްޓަކައި ދިވެހި އަސްކަރިއްޔާ ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށެވެ. އެގޮތުން، ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމަށް ޔޫއޭވީ (ޑްރޯން) ހޯއްދަވައި އެމްއެންޑީއެފްގެ އެއަރކޯ އުފައްދަވާފައިވާ ކަމަށާއި، އައްޑޫ ގަމުގައި އެމްއެންޑީއެފްގެ އެއަރ ސްޓޭޝަނެއް ގާއިމުކޮށް، ށ. ފޮނަދޫގައި އެއަރސްޓޭޝަނެއް ގާއިމުކުރުމުގެ މަސައްކަތް މިހާރުވެސް ބާރަށް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން ކުރިއަށް އޮތް ދުވަސްތަކުގައިވެސް ވައިގެ ދިފާއީ އިތުރު ގާބިލުކަން ސަރުކާރުން ހޯއްދަވައިދެއްވާނެ ކަމަށް ވިދާޅުވިއެވެ.
ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ ގާބިލުކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ހިލްމީ ވިދާޅުވީ، ކޯސްޓްގާޑުގެ ފްލީޓް ބޮޑުކުރުމަށްޓަކައި ތުރުކީ ވިލާތުގެ ނޭވީ މަނަވަރަކާއި އޮސްޓްރޭލިއާގެ މަނަވަރެއް ހޯއްދަވައިދެއްވާފައިވާ ކަމަށެވެ. އަދި ރައީސް މުޢިއްޒު ހޯއްދަވައިދެއްވާނެކަމަށް ވިދާޅުވި 20 އިންޓަސެޕްޓަރ ބޯޓުގެ ތެރެއިން މިހާތަނަށް 5 ބޯޓު ލިބިފައިވާ ކަމަށްވެސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ސީ އެމްބިއުލާންސް ފްލީޓަށް 12 އުޅަނދު އިތުރުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހާލުގައި ޖެހޭ އުޅަނދުފަހަރާއި މީހުން ސަލާމަތްކުރުމުގެ ނިޒާމު ހަރުދަނާކޮށް އަވަސްކަމާއެކު ރައްޔިތުންނަށް ޚިދުމަތްދިނުމަށްޓަކައި ވިލިމާލޭގައި މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު، ޒަމާނީ ވަސީލަތްތަކާއެކު ގާއިމުކޮށްދެއްވާފައިވާކަމަށް ޗީފް ވިދާޅުވިއެވެ. އަދި ފަޔަރ އެންޑް ރެސްކިޔު ސަރވިސް ތަރައްގީކުރުމުގެ ގޮތުން އދ. މާމިގިލީގައި ފަޔަރ ސްޓޭޝަނެއް ގާއިމުކޮށްދެއްވައި، ކ. މާފުށީގައި އަލިފާން ނިއްވުމުގެ ޚިދުމަތް ފައްޓަވާފައިވާއިރު، ރާއްޖޭގެ ހުރިހާ އަތޮޅެއްގައި މި ޚިދުމަތް ގާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ތަސައްވުރެއް ކަމުގައި ވިދާޅުވިއެވެ.
އަސްކަރިއްޔާގެ ތަމްރީނުތަކާއި އިންފްރާސްޓްރަކްޗަރ ވަރުގަދަކުރުމަށް ޅ. މާފިލާފުށި ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރާއި، ބ. ކިހާދޫގައި ލޮޖިސްޓިކްސް ސްކޫލް އަދި ސ. ގަމާއި ލ. ކައްދޫގައި ހުންނަ ސިފައިންގެ ތަމްރީނު މަރުކަޒުތައް ތަރައްގީކުރުމުގެ މަސައްކަތް ކުރެވެމުންދާކަން ޗީފް ފާހަގަކުރެއްވިއެވެ. އަދި ކަޅުތުއްކަލާކޮށި އަދި ގިރިފުށީގެ ތަރައްގީއަށް އަލިއަޅުއްވާލައްވަމުން، ގިރިފުށީގެ ބިން ހިއްކައި ކުރިއަށްވުރެ ތިންގުނަ ބޮޑުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
ސިފައިންގެ ވެލްފެއާއާއި އިންސާނީ ވަސީލަތް އިތުރުކުރުމުގެ ގޮތުން މިހާތަނަށް 806 ޒުވާނުންނަށް އަސްކަރިއްޔާއިން ވަޒީފާގެ ފުރުސަތު ފަހިކޮށްދެއްވާފައިވާ ކަމަށާއި، ސިފައިން ދިރިއުޅޭ ތަންތަނުގެ ހާލަތު ރަނގަޅުކުރުމަށް ކަޅުތުއްކަލާކޮށީގައި 15 ބުރީގެ އިމާރާތެއް އެޅުމަށް ކޮންޓްރެކްޓަރާ ހަވާލުކުރެވިފައިވާ ކަމަށްވެސް ހިލްމީ ވިދާޅުވިއެވެ. އަދި ބަނޑޭރިކޮށި 1 ތަރައްގީކުރުމުގެ އަމަލީ މަސައްކަތްވެސް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހިމް ހިލްމީގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.