އިސްރާއީލުގެ އީރާނު "މިޝަން" އަދި ނުނިމޭ ކަމަށް އިސްތިއުމާރީ ދައުލަތުގެ ޑިފެންސް މިނިސްޓަރ ޔިސްރައިލް ކާޓްޒް ބުނެފިއެވެ.
ކާޓްޒް ބުނެފައިވަނީ، އީރާނުން މިހާރުވެސް މަސައްކަތް ކުރަމުން ގެންދަނީ ނިއުކްލިއަރ ބޮން އުފެއްދުމަށް ކަމަށެވެ.
އެމެރިކާއާއި އިސްރާއީލުން މިދިޔަ އަހަރުން ފެށިގެން މިހާތަނަށް އީރާނާ ދެކޮޅަށް ދެފަހަރެއްގެމަތިން ހަނގުރާމަ ފަށާފައިވަނީ އީރާނުން ނިއުކްލިއަރ ހަތިޔާރު އުފެއްދުމަށް މަސައްކަތް ކުރާ ކަމަށް ތުހުމަތު ކޮށެވެ.
އެމެރިކާއާއި އިސްރާއީލުން އީރާނަށް ދިން ވަރުގަދަ ވައިގެ ހަމަލާތައް އަމާޒުކުރި ތަންތަނުގެ ތެރޭގައި، އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅުންހުރި ސައިޓްތައް ހިމެނެއެވެ.
އެކަމަކު، އީރާނުން މަސައްކަތް ކުރަނީ ނިއުކްލިއަރ ބޮން އުފެއްދުމަށް ކަމަށް އެމެރިކާއާއި، އިސްރާއީލާއި އަދި ހުޅަނގުގެ ގައުމުތަކުން ކުރާ ތުހުމަތު އީރާނުން އަބަދުވެސް ގެންދަނީ ދޮގުކުރަމުންނެވެ.
އީރާނުން ބުނަމުން ގެންދަނީ، އެގައުމުން ކުރިއަށް ގެންދާ ނިއުކްލިއަރ ޕްރޮގްރާމަކީ މަދަނީ ބޭނުމަށް ނިއުކްލިއަރ ހަކަތަ އުފެއްދުމަށް ހިންގާ ސުލްހަވެރި ޕްރޮގްރާމެއް ކަމަށެވެ. އެއީ، ދުނިޔޭގެ ކޮންމެ ގައުމަކަށްވެސް ލިބިގެންވާ ހައްގެކެވެ.
ނިއުކްލިއަރ ޕްރޮގްރާމްގެ މައްސަލާގައި ކުރާ ތުހުމަތު ދޮގުކޮށް އީރާނުން ގެންދިޔައީ މިހާތަނަށްވެސް އދގެ އިންސްޕެކްޓަރުންނަށް އީރާނުގެ ނިއުކްލިއަރ ސައިޓްތައް ބަލައި ފާސްކުރުމުގެ ފުރުސަތު ދެމުންނެވެ.
އީރާނުން އދގެ އިންސްޕެކްޓަރުން ބޭރުކޮށްލީ އެމެރިކާއި އިސްރާއީލުން މިއަހަރުގެ ފެބްރުއަރީމަހު އީރާނުގެ ނިއުކްލިއަރ ސައިޓްތަކަށް އުދުވާނީ ހަމަލާތައް ދޭން ފެށުމާ ގުޅިގެންނެވެ.
އިސްތިއުމާރީ ދައުލަތުގެ ޑިފެންސް މިނިސްޓަރ ބުނީ، ނިއުކްލިއަރ ބޮން އުފެއްދުމަށް މަސައްކަތް ކުރުމުގެ އިތުރުން، އިސްރާއީލަށް "ނުރައްކާވާ" އެހެން ކަންކަން ހިންގުމަށްވެސް އީރާނުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
ކާޓްޒްގެ އިންޒާރުގައި އީރާނާ ދެކޮޅަށް ހަނގުރާމަ ފަށައިފިނަމަ އެކަމުގެ ތެރެއަށް ނުވަނުމަށް ލުބުނާނުގެ ހިޒްބުﷲއަށްވެސް ވަރުގަދަ އިންޒާރުތަކެއް ދީފައި ވެއެވެ.
އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް މިއަހަރުގެ ކުރީކޮޅު އުދުވާނީ ހަމަލާތައް ފެށުމާއެކު ހިޒްބުﷲއިންވަނީ އިސްރާއީލަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދޭން ފަށާފައެވެ. ހިޒްބުﷲގެ ހަމަލާތަކުގައި އިސްރާއީލަށް ބޮޑެތި އެތައް ގެއްލުންތަކެއް ލިބުނެވެ.
އިސްރާއީލުގެ އީރާނު "މިޝަން" އަދި ނުނިމޭ: އިސްރާއީލު ޑިފެންސް މިނިސްޓަރ
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.