އިސްރާއީލު މީހުންގެ ގޯނާތަކާ ކުރިމަތިލާންޖެހިފައިވާ ފަލަސްޠީނުގެ ރައްޔިތުންނަށް އެހީތެރިވެ، އެމީހުންނާ އެކު ތިބިކަން ދެއްކުމަށް ހިފާފައިވާ ހުޅަނގު އައްސޭރިއަށް ދިޔަ ހުޅަނގުގެ ގައުމުތަކަށް ނިސްބަތްވާ 14 އެކްޓިވިސްޓަކު އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން އެ ގައުމުން ބޭރުކޮށްލައިފިއެވެ.

މި އެކްޓިވިސްޓުން އެ ތަނުގައި މަސައްކަތްކުރަމުން ދިޔައީ ފަލަސްޠީނު ރައްޔިތުން ޒައިތޫނި އެއްކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައިރު އެމީހުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށެވެ. ހިއުމަން ރައިޓްސް ޑިފެންޑަރސް ފަންޑުން ހާމަކުރި ގޮތުގައި، ރާމަﷲ ކައިރިން މި އެކްޓިވިސްޓުން ބަންދުކުރީ ހުކުރު ދުވަހު އިސްރާއީލުގެ ވަޒަންވެރިންގެ ބަޔަކު އެމީހުންނަށް ދިން ހަމަލާތަކަކާ ގުޅިގެންނެވެ.

އިސްރާއީލުގެ ފަރާތުން ބުނެފައިވަނީ އެމީހުން ފޮނުވާލަން ނިންމީ ވިސާގެ ގަވާއިދުތަކާ ހިލާފުވުމުގެ އިތުރުން އާންމު ހަމަޖެހުމަށް ބުރޫއަރާ ފަދަ އަމަލުތަކެއް ހިންގުމުން ކަމަށެވެ.

އިޝްތިހާރު އިޝްތިހާރު

ބޭރުކޮށްލި މީހުންގެ ތެރޭގައި ހިމެނެނީ އެމެރިކާ، ކެނެޑާ، އިޓަލީ އަދި ޖަރުމަނުވިލާތުގެ ރައްޔިތުންނެވެ. އިސްރާއީލުގެ އިންސާނީ ހައްގުތަކާ ބެހޭ ޖަމިއްޔާއެއް ކަމަށްވާ ޔެޝް ދިން އިން ފާހަގަކުރި ގޮތުގައި، ފަލަސްޠީނުގެ ދިރިއުޅުމާއި އިގްތިސާދާ ސީދާ ގުޅިފައިވާ ޒައިތޫނި ކެނޑުމުގެ ވޭތުވެދިޔަ ފަސް ހަފުތާގެ ތެރޭގައި، އިސްރާއީލުގެ ވަޒަންވެރިން ހިންގާފައިވާ 850 އަށް ވުރެ ގިނަ އަނިޔާވެރި އަމަލުތައް ވަނީ ފާހަގަކުރެވިފައެވެ.