މޫސުމީ ބަދަލުތަކާއި، ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ހިންގާ "އެކްސެލަރޭޓިންގރިނިއުބަލް އެނާޖީ އިންޓަގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނާޖީ" (އެރައިޒް) މަޝްރޫޢުގެ ދަށުން، 15 މެގަވޮޓްގެ ސޯލާ ޕީވީ ޤާއިމުކުރުމަށް ބޭނުންވާ ޕަވަރޕަރޗޭސް އެގްރީމަންޓް (ޕީ.ޕީ.އޭ) އާއި އިމްޕްލިމެންޓޭޝަން އެގްރީމަންޓްގައި މިއަދު ސޮއިކޮށްފި އެވެ.
މިއީ ރާއްޖޭގައި މިހާތަނަށް ސޮއިކުރެވުނު އެންމެ ބޮޑު ސޯލާ ޕީވީ އެއްބަސްވުމެވެ.
ސިނަސޯ ހައިބްރިޑް ޓެކްނޮލޮޖީ އާ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީއާ ދެމެދު ސޮއި ކުރެވުނު ޕަވަރ ޕަރޗޭސް އެގްރީމަންޓްގައި ސޮއިކުރެއްވީ ސިނަސޯގެ ކަންޓްރީ މެނޭޖަރ ޗާއޮ ޝޯމިންގް އަދި ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރ ޑރ. ޢަލީ އަޒްވަރެވެ. ސިނަސޯ އާއި ތިމާވެއްޓާ ބެހޭ ވުޒާރާއާ ދެމެދު ވެވުނު އިމްޕްލިމެންޓޭޝަން އެގްރީމަންޓުގައި ސޮއިކުރެއްވީ ޗާއޮ ޝޯމިންގް އަދި ތިމާވެއްޓާބެހޭ ވަޒީރު ޢަލީ ޝަރީފެވެ.
މި މަޝްރޫޢަކީ އަމިއްލަ ފަރާތްތަކުގެ އިންވެސްޓްމަންޓްތައް ބޭނުންކޮށްގެން "ޑިޒައިން،ބިލްޑް، ފައިނޭންސް، އޯން، އޮޕަރޭޓް އެންޑް ޓްރާންސްފަރ" (ޑީ.ބީ-ފޫޓް) މޮޑެލްގެދަށުން 20 އަހަރުގެ މުއްދަތަށް ކުރިއަށްގެންދާ މަޝްރޫޢެކެވެ.
މިއީ ވާދަވެރި ބީލަންއުޞޫލުން ކުރިއަށް ގެންގޮސް، އިންވެސްޓަރުންނަށް ހުރި ހިރާސްތައް ކުޑަކުރުމަށްވާރލްޑް ބޭންކް (އައި.ޑީ.އޭ)، ކްލައިމެޓް ޓެކްނޮލޮޖީ ފަންޑް (ސީ.ޓީ.އެފް)، އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް (އޭ.އައި.އައި.ބީ) އަދި މަލްޓިލެޓަރަލް އިންވެސްޓްމަންޓް ގެރެންޓީ އޭޖެންސީ (މީގާ) ގެ މާލީ އަދި ފަންނީ އެހީތެރިކަމާއެކު އެކުލަވާލެވިފައިވާ ޚާއްޞަ ރިސްކް މިޓިގޭޝަން ފްރޭމްވަރކެއްގެ ދަށުން ހިންގޭ މަޝްރޫޢެކެވެ.
މި 15 މެގަވޮޓްގެ ސޯލާ މަޝްރޫޢު ބެހިފައިވަނީ ދެ ލޮޓަކަށެވެ:
ލޮޓް 1: (ލ. އަތޮޅު ކްލަސްޓަރ - 2 މެގަވޮޓް): ލ. މާމެންދޫ (0.61 މެގަވޮޓް)،ލ. މާވަށް (0.44 މެގަވޮޓް)، ލ. މާބައިދޫ (0.38 މެގަވޮޓް)، ލ. ހިތަދޫ (0.3 މެގަވޮޓް)، ލ. ކުނަހަންދޫ (0.25 މެގަވޮޓް) އަދި ލ. ދަނބިދޫ (0.2 މެގަވޮޓް)
ލޮޓް 2: (ސަރަޙައްދީ ބޮޑެތި މަރުކަޒުތައް - 13 މެގަވޮޓް): ލ. ގަން (4 މެގަވޮޓް)، ލ. ފޮނަދޫ (3 މެގަވޮޓް)، ޅ. ނައިފަރު (2.3 މެގަވޮޓް)، ގއ. ވިލިނގިލި (1.65 މެގަވޮޓް)، ށ. ފުނަދޫ (1.25 މެގަވޮޓް)، ލ. އިސްދޫ (0.7 މެގަވޮޓް) އަދި ލ. ކަލައިދޫ (0.6 މެގަވޮޓް)
މި މަޝްރޫޢާއެކު އެރައިޒް އަދި އެސްޕަޔަރ މަޝްރޫޢުގެ ދަށުން ޤާއިމުކުރެވޭ ސޯލާހަކަތައިގެ މިންވަރު 34 މެގަވޮޓަށް އިތުރުވެގެންދާނެ އެވެ. މިއީ 2025 ވަނަ އަހަރުގެނިޔަލަށް ރާއްޖޭގައި ޤާއިމުކުރެވިފައިވާ ޖުމްލަ ރިނިއުބަލް އެނާޖީ ކެޕޭސިޓީ (110 މެގަވޮޓް) ގެ 30 އިންސައްތަ އެވެ.
މި މަޝްރޫޢުގެ ސަބަބުން އަހަރަކު އެތެރެކުރާ ޑީސަލުން 15 މިލިއަން ލީޓަރު ސަލާމަތްކުރެވި، ދައުލަތުގެ ބަޖެޓުން ހޭދަކުރާ ތެލުގެ ހަރަދުން އަހަރަކު 180 މިލިއަން ރުފިޔާ ސަލާމަތް ކުރެވިގެންދާނެ އެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަމާޒުކުރައްވާފައިވާ، ރާއްޖޭގެ ހަކަތައިގެ 33 އިންސައްތައިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމުގެ ޤައުމީ އަމާޒަށް ދިއުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.