ށ. ފުނަދޫ ބަނދަރު ސަރަޙައްދުގައި ހުރި ތެޔޮ ޝެޑެއްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު 11 މީހަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމު ނޭޝަނަލް ޑިޒާސްޓާ މެނޭޖުމެންޓު އޮތޯރިޓީ (އެންޑީއެމްއޭ) އިން ހަމަޖައްސައިދީފިއެވެ.
މިއަދު ހެނދުނު ހިނގި މި ހާދިސާގައި އަލިފާންގަނޑު ފުރަތަމަ ރޯވެފައިވަނީ ފުނަދޫ ބަނދަރު ސަރަޙައްދުގައި ހުރި އަމިއްލަ ފަރާތެއްގެ ޕެޓްރޯލް ޝެޑެއްގައެވެ. އަލިފާންގަނޑު ހިފައި ވަރަށް ބޮޑަށް ފެތުރިގެން ދިއުމުގެ ސަބަބުން ކައިރީގައި ހުރި އެއް ގެ އެކީގައިހެން އަނދައި ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު، އެ ސަރަހައްދުގައި ހުރި އިތުރު ތިން ގެއަކަށް ވެސް އެކިވަރުގެ ގެއްލުންތައް ލިބިފައިވެއެވެ.
އެންޑީއެމްއޭއިން މައުލޫމާތު ދޭ ގޮތުގައި، އަލިފާނުގެ ހާދިސާގައި އެންމެ ބޮޑަށް ގެއްލުން ލިބުނު ގޭގައި ދިރިއުޅޭ 11 މީހުންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމު ހަމަޖައްސައިދީފައިވަނީ ކުރިއަށް އޮތް ފަސް ދުވަހުގެ މުއްދަތަށެވެ.
މި ހާދިސާގައި ގެދޮރަށާއި މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ނަމަވެސް، އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައިނުވާކަން އެ އޮތޯރިޓީން ވަނީ ކަށަވަރުކޮށްދީފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.