ލ. ހިތަދޫ އަދި ކުނަހަންދޫ ގުޅައިލުމަށް ހަދާ ކޯޒްވޭގެ މަސައްކަތް ނިންމައި، 2028 ވަނަ އަހަރުގެ މެދުތެރޭގައި ރައްޔިތުންނަށް ބޭނުންކުރެވޭނެ ގޮތް ހެދުމަށް އަމާޒުކޮށްގެން މަސައްކަތް ކުރިއަށްދާ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
މިކަން ހާމަކުރެއްވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާވަށު ދާއިރާގެ މެންބަރު އަޙްމަދު ޝާކިލް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން، މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އާބަން ޑިވެލޮޕްމަންޓް ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބެވެ. ކޯޒްވޭގެ މަސައްކަތް ފަށައި، އަދި ނިމޭނެ ތާރީޚަކާ ގުޅޭގޮތުން މެންބަރު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، އެ މަޝްރޫޢުގެ މަސައްކަތް އެދެވޭ ދުވެއްޔެއްގައި ކުރިއަށް ނުދާ ކަމަށެވެ. ނަމަވެސް، 2028 ވަނަ އަހަރުގެ މެދުތެރެއަށް ދާއިރު މަސައްކަތް އެއްކޮށް ނިންމައި، ބުރިޖުމަގު ރައްޔިތުންނަށް ބޭނުންކުރެވޭނެ ގޮތް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ތާރީޚަށް އަލިއަޅުއްވައިލައްވަމުން މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، މި ކޯޒްވޭ ހެދުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 22 ޖެނުއަރީ 2023 ގައެވެ. އަދި އޭގެ ފަހުން، 2 ސެޕްޓެމްބަރު 2023 ގައި މެޝިނަރީއާއެކު ސައިޓް މޮބިލައިޒްކޮށްފައިވާ ކަމަށް ރެކޯޑުތަކުން ދައްކާ ކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް، މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ މި ސަރުކާރުން ކަމަށާއި، އެގޮތުން ޖިއޯ ޓެކްނިކަލް އިންވެސްޓިގޭޝަނާއި ސަރވޭގެ މަސައްކަތް ނިންމައި، ޑިޒައިނަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، ތަފުސީލީ ޑިޒައިން ފާސްކުރުމަށްފަހު ޢަމަލީ މަސައްކަތް ފެށީ 20 އޮކްޓޫބަރު 2025 ގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ޖުމްލަ 81 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢު ނިންމުމަށް ކޮންޓްރެކްޓަރަށް ދީފައިވަނީ 500 ދުވަހުގެ މުއްދަތެކެވެ. ކޮންޓްރެކްޓަރުގެ ސްކޯޕްގައި ހިމެނޭ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، 390 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 157.5 މީޓަރު ދިގުމިނުގެ ދެ ބުރިޖު ހެދުމުގެ އިތުރުން 714 މީޓަރުގެ ދިގު މަގެއް ހެދުން ހިމެނެއެވެ. މިއީ ލާމު އަތޮޅުގެ ގުޅިފައިވާ ރަށްތަކުގެ މެދުގައި ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، އިޤުތިޞާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ރައްޔިތުންނަށް ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެ މުހިންމު މަޝްރޫޢެކެވެ.











ކިޔުންތެރިންގެ ހިޔާލު