ރަސްމާލެ މަޝްރޫއުގެ ދަށުން އިސްރާއީލުގެ ރައްޔިތުންނަށާއި އެ ގައުމާ ގުޅުންހުރި ކުންފުނިތަކަށް ޕްރޮޕަޓީ ނުގަނެވޭނެ ހަރުކަށި ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްޠަލިބު އިއުލާންކުރައްވައިފިއެވެ.
ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްޠަލިބު މިކަން ހާމަކުރެއްވީ އިއްޔެ ލިންކްޑްއިންގައި އާންމުކުރެއްވި ލިޔުމެއްގައެވެ. ފަލަސްޠީނާ މެދު ދިވެހިރާއްޖެއިން ގެންގުޅޭ ސިޔާސަތަށް ބަދަލެއް ނުގެނެސް ރަސްމާލެ މަޝްރޫއު ކުރިއަށް ގެންދެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. މުއްޠަލިބު ވިދާޅުވި ގޮތުގައި، މި މަޝްރޫއުގެ ދަށުން ބިން އެއްކޮށް މިލްކުނުކުރެވޭނެ ކަމަށާއި، ބިން ދޫކުރާނީ ހަމައެކަނި ހުއްދަދެވޭ ފަރާތްތަކަށް ކުއްޔަށެވެ.
ރަސްމާލޭގައި ތަރައްގީކުރާ މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މަރީނާ މަޝްރޫއު ކުރިއަށް ގެންދިއުމަށް ދިވެހިސަރުކާރާއި ޔޫއޭއީގެ އީގަލް ހިލްސްއާ ދެމެދު ކޮމާޝަލް ޓާމްސް އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ މިދިޔަ ސެޕްޓެންބަރު މަހުއެވެ. ވިހި ބިލިއަން ޑޮލަރުގެ މި އިންވެސްޓްމަންޓުގެ ދަށުން ހޮޓާތަކާއި، މަރީނާއެއްގެ އިތުރުން ވިޔަފާރިކުރާނެ ތަންތަން ހިމެނޭނެއެވެ. ނަމަވެސް، މި މަޝްރޫއުގެ ތެރެއިން އިސްރާއީލުގެ މީހުންނަށް އެ ސަރަހައްދުން ޕްރޮޕަޓީ ގަނެވިދާނެ ކަމުގެ ކަންބޮޑުވުން ރާއްޖޭގެ ބައެއް ސިޔާސީ ފަރާތްތަކާއި އެކްޓިވިސްޓުން ވަނީ ފާޅުކޮށްފައެވެ.

މުއްޠަލިބު ވިދާޅުވި ގޮތުގައި، މި ފިޔަވަޅުތަކުގެ ދަށުން ޕްރޮޕަޓީ ގަންނަ ފަރާތްތަކާއި، ހިއްސާދާރުންނާއި، ފައިނޭންސްކުރާ ފަރާތްތަކުގެ އިތުރުން ސޭލްސް އޭޖެންޓުންގެ ތެރޭގައި ވެސް އިސްރާއީލާ ގުޅުންހުރި ފަރާތްތައް ނުހިމެނޭކަން ކަށަވަރުކުރާނެއެވެ. އަދި ޕްރޮޕަޓީ ގަންނަ ފަރާތްތަކުން އެ މީހުންގެ އަތުގައި އޮތް ނުވަތަ ކުރިން އޮތް ހުރިހާ ގައުމެއްގެ ރައްޔިތުކަން ހާމަކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި މައުލޫމާތު އޮޅުވާލައިފިނަމަ، އެއްބަސްވުން ބާތިލުކޮށް، ޕްރޮޕަޓީ ދައުލަތަށް ނެގުމުގެ އިތުރުން ދައްކާފައިވާ ފައިސާ ވެސް އަތުލެވޭނެ ނިޒާމެއް ގާއިމުކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެ އިތުރުން، ވަކި ގައުމެއްގެ ބަޔަކަށް ނުވަތަ ފަރުދަކަށް ގަނެވޭނެ ޕްރޮޕަޓީގެ އަދަދު ލިމިޓުކުރާނެ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ދިވެހިސަރުކާރުން މިދިޔަ އަހަރުގެ އޭޕްރީލް މަހު ވަނީ އިސްރާއީލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކޮށްފައެވެ. ނަމަވެސް، މުއްޠަލިބު ފާހަގަކުރެއްވި ގޮތުގައި، މި މަނާކުރުން އޮތީ ހަމައެކަނި ޕާސްޕޯޓަށް ކަމަށްވުމުން، ދެ ގައުމުގެ ރައްޔިތުކަން އޮންނا އިސްރާއީލު މީހުންނަށް އެހެން ޕާސްޕޯޓެއްގައި ރާއްޖެ އެތެރެވުމުގެ ފުރުސަތު އޮވެއެވެ.
ރަސްމާލެ މަޝްރޫއުގެ ތެރެއިން ޕްރޮޕަޓީ ގަންނައިރު ގައުމިއްޔަތު ކަށަވަރުކުރުމަކީ މި މައްސަލަ ހައްލުކުރުމަށް ލިބޭނެ މުހިންމު ފުރުސަތެއް ކަމަށް ލިންކްޑްއިން ޕޯސްޓުގައި އޭނާ ވިދާޅުވިއެވެ. ހަމަ އެއާއެކު، ރަސްމާލޭގެ ކޮންމެ ފިޔަވައްސަކުން ވެސް ދިވެހިންނަށް އިސްކަންދީގެން ދިވެހި ރުފިޔާއިން ޕްރޮޕަޓީ ގަނެވޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށާއި، ބިދޭސީންނަށް ކަނޑައަޅާ ލިމިޓުތައް ދިވެހިންނަށް ނޯންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ދެއްވި އިންޓަވިއޫއެއްގައި އަބޫދާބީގެ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން މުޙައްމަދު އަލް އަލްޢައްބާރު ވިދާޅުވީ އެ ކުންފުނިން ވިޔަފާރީގެ މުއާމަލާތ୍ތައް ހިންގަނީ އެ ގައުމެއްގެ ގާނޫނުތަކަށް އިހުތިރާމު ކޮށްގެން ކަމަށެވެ. ރާއްޖޭގައި ވެސް ކުރާ އިންވެސްޓްމަންޓުން ދިވެހީންނަށް ގިނަ ގުނަ ފައިދާތަކެއް ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.











ކިޔުންތެރިންގެ ހިޔާލު