އެކުވެރި އަރަބި އިމާރާތުގެ އީގަލް ހިލްސް ކުންފުންޏާ އެކު ރަސްމާލޭގައި ތަރައްގީކުރާ 20 ބިލިއަން ޑޮލަރުގެ “މޯލްޑިވްސް ވޯޓަފްރޮންޓް އެންޑް މެރީނާ” މަޝްރޫއާ ގުޅިގެން އުފެދިފައިވާ ސުވާލުތަކަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ލިންކްޑްއިންގައި އާންމުކުރެއްވި ލިޔުމެއް މެދުވެރިކޮށް ޖަވާބު ދެއްވައިފިއެވެ.
މިނިސްޓަރު ވިދާޅުވީ މިއީ ރާއްޖޭގެ ތާރީހުގައި ވެސް ހިންގާ އެންމެ ބިޔަ ބޭރުގެ އިންވެސްޓްމަންޓް މަޝްރޫއު ކަމަށްވާތީ ފާޑުކިޔުންތަކާއި ކަންބޮޑުވުންތައް އަމާޒުވުމަކީ ތަބީއީ ކަމެއް ކަމަށެވެ. އެހެންކަމުން އާންމުންނާއި އެކި ފަރާތްތަކުން އުފައްދާފައިވާ ހަގީގީ ސުވާލުތަކަށް ސީދާ ޖަވާބު ދެއްވުމަކީ މުހިންމު ކަމެއް ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
މި މަޝްރޫއުގައި ސަރުކާރުން އެއްވެސް ލޯނެއް ނުނަގާނެ ކަމަށާއި، ސޮވެރިން ގެރެންޓީއެއް އަދި އެއްވެސް ޓެކްސް ލުޔެއް ވެސް ނުދޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މަޝްރޫއުގެ ހުރިހާ ފައިސާއެއް ދިވެހި ބޭންކުތައް މެދުވެރިކޮށް ދައުރުވާނެއެވެ. އަދި ދައުލަތަށް އާމްދަނީ ލިބޭނީ ޓީޖީއެސްޓީ އާއި، މާސްޓަ ޑިވެލޮޕަރުގެ އާމްދަނީގެ 10 ޕަސެންޓުގެ ރެވެނިއު ޝެއާގެ އިތުރުން މުދާ ގަނެވިއްކުމުގެ މުއާމަލާތްތަކުން ނެގޭ 4 ޕަސެންޓުގެ ޓެކްސް މެދުވެރިކޮށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އުފެއްދެވި ސުވާލުތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، އީގަލް ހިލްސްއިން ހުޅުމާލޭގައި 3 ކޮޓަރީގެ 5,000 އެޕާޓްމަންޓް ބިނާކޮށްދޭނެ ކަމަށެވެ. މިއީ 400 މިލިއަނާއި 500 މިލިއަން ޑޮލަރާ ދެމެދުގެ އަގެއް ހިނގާނެ މަޝްރޫއެކެވެ. މިއީ ސަރުކާރުގެ ބަޖެޓުން އެއްވެސް ހަރަދެއް ނުކޮށް، ކުރިއާލައި ފައިނޭންސް ކޮށްގެން ހިންގާ މަޝްރޫއެކެވެ.
ރަސްމާލޭގެ 500 ހެކްޓަރުގެ ބިން ހާއްސަކޮށްފައިވަނީ ދިވެހި ރައްޔިތުންނަށް ކަމަށާއި، އެ ތަނުގައި 150,000 މީހުންގެ އާބާދީއަކަށް ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެ ކަމަށް މުއްތަލިބު ވިދާޅުވިއެވެ. އަދި ބޭރުގެ ފަރާތްތަކަށް މުދާ ވިއްކި ނަމަވެސް ފްރީހޯލްޑް އުސޫލުން މިލްކުވެރިކަން ދޫނުކުރާނެ ކަމަށާއި، ކޮންމެ ވަގުތަކު ވެސް ހިނގާނީ ރާއްޖޭގެ ގާނޫނުތައް ކަމުގެ ޔަގީންކަން ދެއްވިއެވެ.
މަޝްރޫއު އެއްކޮށް ނިމޭއިރު އަހަރަކު މަދުވެގެން 1 މިލިއަން ޓޫރިސްޓުން ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވެއެވެ. މަޝްރޫއު ތަރައްގީކުރާ މުއްދަތުގައި ދައުލަތަށް 11 ބިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް އުންމީދުކުރެވޭއިރު، އިގްތިސާދަށް 54,000 އަށް ވުރެ ގިނަ ވަޒީފާގެ ފުރުސަތު އުފެދިގެންދާނެއެވެ.










ކިޔުންތެރިންގެ ހިޔާލު