ވ. ރަކީދޫގެ ރައްޔިތުން އެއްބަސްވާ ނަމަ، މާލެއާ ކައިރި ސަރަހައްދަކަށް އެ ރަށުގެ ރައްޔިތުން ބަދަލުކުރުމަށް ސަރުކާރު އޮތީ ތައްޔާރަށް ކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މުއްތަލިބު ވިދާޅުވީ، ރަކީދޫ ރައްޔިތުން މިހާތަނަށް އެހެން ރަށަކަށް ބަދަލުނުކުރެވި އޮތީ އެ ރަށުގެ ހުރިހާ ރައްޔިތުން އެކަމަށް އެއްބަސްނުވާތީ ކަމަށެވެ. އަދި ރައްޔިތުން އެހެން ރަށަކަށް ބަދަލުވާން އެދޭ ނަމަ، ރަސްމާލެ ނޫން ނަމަވެސް ވީހާވެސް އަވަހަކަށް އާބާދުކުރެވެން އޮތް، މާލެ ކައިރި ސަރަހައްދަކަށް އެ ރައްޔިތުން ބަދަލުކުރުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރަކީދުއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައިވެސް އެ ރަށުގެ ރައްޔިތުން ވަނީ، ރަށުގައި ދިރިއުޅުމުގައި ގިނަ ދަތިތަކަކާ ކުރިމަތިލާންޖެހިފައިވާކަން ފާހަގަކޮށްފައެވެ. އެގޮތުން ދަރިންގެ ތަޢުލީމާއި އެހެނިހެން ކަންކަމުގައި ދަރިންނާ ވަކިން ބައެއް މައިންބަފައިން އުޅެން މަޖުބޫރުވެފައިވާތީ، މާލެ އަތޮޅާ ކައިރި ރަށަކަށް އެ ރަށުގެ ރައްޔިތުން ބަދަލުވެވޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް ރައްޔިތުންގެ ފަރާތުން ސަރުކާރުގައި އެދިފައިވާކަން ވަނީ ހާމަކޮށްފައެވެ.
ރަތްމަންދޫ ރައްޔިތުން ތުލުސްދޫއަށް ބަދަލުކުރުން
މީގެ އިތުރުން، މ. ރަތްމަންދޫގެ ރައްޔިތުން ކ. ތުލުސްދޫއަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތްތައްވެސް ސަރުކާރުން ކުރިއަށް ގެންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އެގޮތުން ރަތްމަންދޫ ރައްޔިތުންނަށް ތުލުސްދޫން ގޯތި ދީގެން އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހުށަހަޅާފައިވާ ޕްރޮޕޯސަލެއް މިހާރު އިވެލުއޭޓް ކުރަމުން އަންނަ ކަމަށްވެސް މިނިސްޓަރު މުއްތަލިބު ވިދާޅުވިއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.