ވ. ރަކީދޫ ކައުންސިލުގެ ވަގުތީ ސެކެޓަރީ ޖެނެރަލް، އެ މަގާމުގެ މުސާރައިގެ އިތުރަށް ނުގަވައިދުން އިތުރު ދެ މުސާރައެއް ނަގާފައިވާ ކަމަށް އޮޑިޓު ރިޕޯޓަކުން ހާމަވެއްޖެއެވެ.
ވ. ރަކީދޫ ކައުންސިލުގެ ވަގުތީ ސެކެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި ފަރާތުން، އެ މަގާމުގެ މުސާރައިގެ އިތުރުން މިސްކިތު ވޭޖާއި އެހެނިހެން ފައިސާގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ނަގާފައިވާކަން އޮޑިޓް އޮފީހުން ނެރުނު ރިޕޯޓަކުން ވަނީ ފާހަގަކޮށްފައެވެ.
އެ ރިޕޯޓުގައިވާ ގޮތުން، ކައުންސިލުގެ ވަގުތީ އެސްޖީއަށް 2022 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ނިޔަލަށް މަހަކު 9،900 ރުފިޔާގެ މަގުން މިސްކިތު ވޭޖުގެ ގޮތުގައި ފައިސާ ޖަމާކޮށްފައިވެއެވެ. ނަމަވެސް، ކައުންސިލުގެ ވަގުތީ އެސްޖީގެ މަגާމުގެ އިތުރުން މިސްކިތް ބެލެހެއްޓުމުގެ މަސައްކަތް އެ މުވައްޒަފާ ހަވާލުކުރިކަން އެނގޭނެ އެއްވެސް ލިޔެކިޔުމެއް ކައުންސިލް އިދާރާގައި ނެތް ކަމަށް އޮޑިޓުގައި ބުނެފައިވެއެވެ.

މިދިޔަ ހަތަރު އަހަރުގެ ތެރޭގައި އެ މުވައްޒަފުގެ ބޭންކު އެކައުންޓަށް މިސްކިތު ވޭޖުގެ ގޮތުގައި ޖުމުލަ 337،600 ރުފިޔާ ވަނީ ޖަމާކޮށްފައެވެ. އޭގެތެރެއިން އެންމެ ބޮޑު އަދަދެއް ޖަމާކޮށްފައިވަނީ މިދިޔަ އަހަރު ކަމަށްވާއިރު، އެއީ 118،800 ރުފިޔާއެވެ. މިއާ އެކު، އެހެނިހެން ފައިސާގެ ގޮތުގައި އެހެން ފަރާތްތަކަށް ދައްކަންޖެހޭ 79،771 ރުފިޔާވެސް ވަގުތީ އެސްޖީގެ އެކައުންޓަށް ޖަމާކޮށްފައިވާކަން އޮޑިޓުން ދައްކައެވެ.
އެ ފައިސާއާ ގުޅުންހުރި އިންވޮއިސްތަކާއި ހައްގުވެރިންނަށް ފައިސާ ދިންކަމުގެ އެއްވެސް ރެކޯޑެއް ކައުންސިލުގައި ނެތްއިރު، އެ މައްސަލަ ބަލައި ފައިސާ އަނބުރާ ހޯދުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ. އަދި ނުގަވައިދުން ފައިސާ ނަގާފައިވާ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅައިގެން ތަހުގީގު ކުރުމަށްވެސް އޮޑިޓް ރިޕޯޓުގައި ވަނީ ކަމާބެހޭ ފަރާތްތަކަށް އަންގާފައެވެ.










ކިޔުންތެރިންގެ ހިޔާލު