ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި 2019 އިން 2023 ވަނަ އަހަރާ ދެމެދު އެކި ސަބަބުތަކާ ހުރެ އެއްބަސްވުން ބާތިލުކުރި 25 މަޝްރޫޢަކަށް ދޫކުރި އެޑްވާންސް ފައިސާގެ ތެރެއިން 136 މިލިއަނަށްވުރެ ގިނަ ރުފިޔާ އަދިވެސް ދައުލަތަށް އަނބުރާ ލިބިފައިނުވާކަން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހާމަކޮށްފިއެވެ.

އުމްރާނީ ތަރައްޤީއާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ 2018 އިން 2023 އަށް އެކުލަވާލި ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި 25 މަޝްރޫޢުގެ އެއްބަސްވުން އުވާލާފައިވަނީ ދައުލަތުގެ ސިޔާސަތަށް އައި ބަދަލުތަކުގެ ސަބަބުންނާއި ކޮންޓްރެކްޓަރުންނަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރިއަށް ނުގެންދެވުމުންނެވެ.

މި މަޝްރޫޢުތަކަށް އެޑްވާންސް ފައިސާގެ ގޮތުގައި ކޮންޓްރެކްޓަރުންނަށް ޖުމްލަ 180.2 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ. ނަމަވެސް، އޭގެ ތެރެއިން ދައުލަތަށް އަނބުރާ ހޯދިފައިވަނީ އެންމެ 43.7 މިލިއަން ރުފިޔާއެވެ. އެހެންކަމުން، ބާކީ ނުލިބިވާ 136.5 މިލިއަން ރުފިޔާ އަދިވެސް އޮތީ ދައުލަތަށް ނުލިބިއެވެ.

އިޝްތިހާރު އިޝްތިހާރު

އޮޑިޓް އޮފީހުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ފައިސާ އަނބުރާ ދެއްކުމަށް އެދި ވުޒާރާއިން ކޮންޓްރެކްޓަރުންނަށް ސިޓީ ފޮނުވި ނަމަވެސް، ދަޢުލަތުގެ މާލިއްޔަތު ޤަވާޢިދުގައި ބަޔާންކޮށްފައިވާ މުހިންމު އިޖުރާއާތުތަކަށް ޢަމަލުކޮށްފައެއް ނުވެއެވެ. އެގޮތުން، ފައިސާ ދައްކަން ދިން މުއްދަތު ހަމަވުމުން، އިތުރު ހަތް ދުވަހުގެ ނޯޓިހެއް ދިނުމަށްފަހު މައްސަލަ ޝަރީޢަތަށް ހުށަހަޅަން ޤަވާޢިދު ލާޒިމުކުރި ނަމަވެސް، އެގޮތަށް ޢަމަލުކޮށްފައި ނުވާކަން ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

އެހެންކަމުން، ކުރިއަށް އޮތް ތަނުގައި މަޝްރޫޢުތައް ޙަވާލުކުރުމުގެ ކުރިން ކޮންޓްރެކްޓަރުންގެ ޤާބިލުކަން ކަށަވަރުކުރުމަށް އޮޑިޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ. މީގެއިތުރުން، މާލިއްޔަތު ޤަވާޢިދާ އެއްގޮތަށް ފައިސާ ހޯދަން މަސައްކަތް ނުކޮށް އިހުމާލުވި ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅުމަށްވެސް އޮޑިޓަރ ޖެނެރަލް ވަނީ ލަފާދެއްވާފައެވެ.