ޏ. ފުވައްމުލަކު ސިޓީގައި 10 ފަންގިފިލާގެ އޮފީސް އިމާރާތެއް ތަރައްޤީ ކުރުމުގެ މަސައްކަތް ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.

ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއީލް ހަމީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޖަމްޝީދެވެ.

ޖުމްލަ 162.89 މިލިއަން ރުފިޔާއަށް 900 ދުވަސް ތެރޭގައި ނިންމަން ހަވާލުކުރި މި މަޝްރޫޢުގެ ދަށުން ޑިޒައިން އަދި ސަރވޭގެ މަސައްކަތްތައް ކުރިއަށްދާނެއެވެ. މީގެއިތުރުން 8042 އަކަފޫޓުގެ ސަރަހައްދެއްގައި 10 ފަންގިފިލާގެ އިމާރާތެއް ހެދުމާއި، 2 މީޓަރު އުސް ވަށާފާރެއް ރޭނުމުގެ އިތުރުން ލޭންޑްސްކޭޕިންގ މަސައްކަތްތައް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އިޝްތިހާރު އިޝްތިހާރު

ފުވައްމުލަކަކީ 14000 މީހުންގެ އާބާދީއެއް އޮންނަ ސިޓީއަކަށް ވެފައި، އެ ސިޓީގައި ސަރުކާރުގެ ގިނަ އޮފީސްތަކެއް ހުންނައިރު ޖާގައިގެ ދަތިކަން ވަނީ ވަރަށް ބޮޑަށް ދިމާވެފައެވެ. މި މަޝްރޫޢުގެ މަސައްކަތް ނިމުމުން، ސަރުކާރު އޮފީސްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ލިބި، އެއް އިމާރާތަކުން ގިނަ އޮފީސްތަކެއްގެ ޚިދުމަތް ފަސޭހަކަމާއެކު ލިބުމަށް މަގުފަހިވެގެންދާނެއެވެ.

ވޭތުވެދިޔަ 45 އަހަރުތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގައި ކާމިޔާބުކަމާއެކު ނިންމައިފައެވެ. 1980 ވަނަ އަހަރު އުފެދުނު އެމްޓީސީސީއަކީ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރަމުންދާ ކުންފުންޏެކެވެ.