ހއ. ކެލާގައި އިމާރާތްކުރި ޤުރްއާން ކުލާހުގެ ތަޅުދަނޑިތައް އެ ރަށު ކައުންސިލާ ހަވާލުކުރުމަށް ކެލާ މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމައިފިއެވެ.

މި މައްސަލައަކީ ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ޝަރީފު އެ ރަށުގައި އިމާރާތް ކުރެއްވި ޤުރްއާން ކުލާހުގެ ތަޅުދަނޑިތައް ކައުންސިލާ ހަވާލުކުރަން އިންކާރު ކުރެއްވުމުން ކޯޓަށް ހުށަހެޅި މައްސަލައެކެވެ. އެ އިމާރާތަކީ ކެލާ ރައްޔިތުންނަށް ޤުރްއާން އުނގަންނައިދިނުމަށް ޓަކައި ކައުންސިލުން ހަމަޖައްސައިދިން ބިމެއްގައި ދެ ކްލާސްރޫމާއި އޮފީހަކާއި ފާޚާނާ ހިމެނޭ ގޮތަށް ޝަރީފު ބިނާކުރެއްވި ތަނެކެވެ.

އިޝްތިހާރު އިޝްތިހާރު

މި މައްސަލައިގައި ކެލާ މެޖިސްޓްރޭޓް ކޯޓުން 7 ޖުލައި ގައި ހުކުމް ކުރީ، އެ އިމާރާތް ކުރުމަކީ ޝަރީފު ކުރައްވާފައިވާ ސަދަގާތެއް ނުވަތަ ތަބައްރުޢެއް ކަމަށް ލިޔުންތަކުން އެނގޭ ކަމަށެވެ. އަދި އެ ތަނަށް ކުރި ޚަރަދު ކައުންސިލުން އަނބުރާ ދޭންޖެހޭނެ ތަނެއް ނެތް ކަމަށް ނިންމައި، ހުކުމް ކުރި ތާރީޚުން ފެށިގެން 7 ދުވަހުގެ ތެރޭގައި ތަޅުދަނޑިތައް ހަވާލުކުރުމަށް އެ ކޯޓުން އަންގާފައިވެއެވެ.

ކެލާ ކޯޓުގެ އެ ހުކުމް ޝަރީފުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށް، މައްސަލައިގައި ވަކި ގޮތެއް ނިންމަންދެން ދަށު ކޯޓުގެ ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރަކަށް އެދުނެވެ. ޝަރީފުގެ ފަރާތުން ފާހަގަކުރެއްވީ، އެ އިމާރާތް އެޅުމަށް އޭނާގެ އަމިއްލަ ޖީބުން 4.88 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށެވެ. އަދި ހުކުމް ތަންފީޒުކުރުން ފަސްނުކޮށްފިނަމަ އިސްތިއުނާފު ކުރުމުގެ ޙައްޤަށާއި ޢަދުލުވެރި ބަދަލު ހޯދުމުގެ ޙައްޤަށް އުނިކަން އަންނާނެ ކަމަށް ވިދާޅުވިއެވެ.

ނަމަވެސް ކެލާ ކައުންސިލުން ފާހަގަކުރީ ތަޅުދަނޑި ނުލިބުމުގެ ސަބަބުން ރައްޔިތުންނަށް ޤުރްއާން ކިޔަވައިދިނުމުގެ މަސައްކަތް ލަސްވަމުންދާ ކަމަށެވެ. އަދި ތަޅުދަނޑި ހަވާލުކުރުމަކުން ޝަރީފަށް ލިބޭނެ ގެއްލުމެއް ނެތް ކަމަށް ކައުންސިލުން ބުނެފައިވެއެވެ.

މި މައްސަލަ ބެއްލެވި ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ނިންމެވި ނިންމެވުމުގައި ފާހަގަކުރެއްވީ ދަށު ކޯޓެއްގެ ނިންމުމެއް އިސްތިއުނާފު ކުރުމަކުން، އޭގެ ޒާތުގައި އެ ހުކުމެއް ތަންފީޒުކުރުން ފަސްވެގެން ނުދާނެ ކަމަށެވެ. އަދި ހުކުމް ތަންފީޒުކުރުން ފަސްނުކޮށްފިނަމަ ޝަރީފަށް ލިބޭނެ ގެއްލުން، އަމުރު ނެރުމުން ކައުންސިލަށް ލިބޭނެ ގެއްލުމަށްވުރެ ބޮޑުކަން ސާބިތުކޮށްދެވިފައި ނުވާ ކަމަށް ނިންމުމުގައިވެއެވެ.

އޭގެ އިތުރުން، އަމުރު ނެރެނުދީފިނަމަ އިސްތިއުނާފީ މައްސަލައިގެ ހުކުމުގެ ބޭނުން ކެނޑިގެންދާނެ ފަދަ ޒަރޫރީ ޙާލަތެއް އޮތްކަން ވެސް ބަޔާންކޮށްދެވިފައި ނުވާ ކަމަށް ހައިކޯޓުގެ ނިންމުމުގައިވެއެވެ.

ފަނޑިޔާރު އިސްމާޢީލް ޝަފީޢުގެ ރިޔާސަތުގައި، ފަނޑިޔާރު ޙުސައިން މަޒީދާއި ފަނޑިޔާރު ޢަބްދުއްރައޫފް އިބްރާހީމްގެ އިއްތިފާގުން ނިންމެވީ ކެލާ މެޖިސްޓްރޭޓް ކޯޓުގެ ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.