މިހާރު ފައިސާ ދައްކައިގެން ނަން ނޯޓުކުރާ މީހުންނަށް ޙައްޖަށް ދެވޭނީ 2043 ވަނަ އަހަރު ކަމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ބުނެފިއެވެ.
މި މަޢުލޫމާތު ހާމަކޮށްފައިވަނީ ޢުމުރުން 65 އަހަރު ހަމަވާ ފަހުން ވެސް ރިޓަޔަމަންޓު ސޭވިންގްސް އެކައުންޓުގައިވާ ފައިސާ ފަރުޟު ޙައްޖުވުމަށް ބޭނުންކުރެވޭނެ ގޮތަށް ޕެންޝަނާބެހޭ ޤާނޫނަށް ގެނެވުނު އިސްލާޙުގެ ދަށުން އެކުލަވާލި ޤަވާޢިދަށް ޢަމަލުކުރަން ފެށުމާ ގުޅިގެންނެވެ. އެ ޤަވާޢިދަށް ޢަމަލުކުރަން ފަށާފައިވަނީ ފާއިތުވި ބުރާސްފަތި ދުވަހުއެވެ.
ޕަބްލިކް ސާވިސް މީޑިއާގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޙައްޖު ކޯޕަރޭޝަންގެ މާކެޓިން އެންޑް ޕީ.އާރު. ހެޑް އަބްދުﷲ މުއާޒު ވިދާޅުވީ، ޕެންޝަން ފައިސާއިން ޙައްޖަށް ދެވޭގޮތަށް ގެނެވުނު ބަދަލުގެ ސަބަބުން ޙައްޖު ކިޔޫގެ ތަރުތީބަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. އަދި ޙައްޖަށް ދިޔުމުގެ ޖާގަ ކަށަވަރުވާނީ ފައިސާ ދައްކާ ތަރުތީބުން ކަމަށް އޭނާ ވިދާޅުވިއެވެ.
ޙައްޖަށް ދިޔުމުގެ ކިޔޫގެ މިހާރުގެ ހާލަތު ބަޔާންކުރައްވަމުން މުއާޒު ވިދާޅުވީ، މިހާރު ކިޔޫ ތަރުތީބުން ޖާގަ ލިބެމުންދަނީ 2043 ވަނަ އަހަރަށް ކަމަށެވެ. މިއާއެކު، ޙައްޖު ކިޔޫ ދިގުވެ، ޙައްޖުގެ އަޅުކަން އަދާކުރުމަށް އެތައް އަހަރެއް ވަންދެން މަޑުކުރަންޖެހޭތީ ޢާންމުންގެ ކަންބޮޑުވުންތައް ވަނީ އިތުރުވެފައެވެ.
ޕެންޝަން އޮފީހުން މަޢުލޫމާތު ދޭ ގޮތުގައި، ރިޓަޔަމަންޓު ސޭވިންގްސް އެކައުންޓުގައިވާ ފައިސާއިން ޙައްޖަށް ދިއުމަށް ޖާގަ ރިޒާވްކުރުމަށް ޝަރުޠު ހަމަވާނީ މީގެ ކުރިން ފަރުޟު ޙައްޖު އަދާކޮށްފައިނުވާ އަދި އެ އެކައުންޓުގައި މަދުވެގެން 336,000 ރުފިޔާ ހުންނަ މެންބަރުންނަށެވެ. އަދި ބޯހިޔާވަހިކަމުގެ ބޭނުމަށް ޕެންޝަން ފައިސާ ރަހުނުކޮށްފައިވާ މެންބަރެއްނަމަ، ޝަރުޠު ހަމަވާނީ އެ ޢަދަދު އުނިކުރުމަށްފަހު ވެސް އެކައުންޓުގައި 336,000 ރުފިޔާ ހުންނަ ނަމައެވެ.
މި އުޞޫލުގެ ދަށުން ޙައްޖަށް ދާން އެދޭ މެންބަރުން، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނަށް ޙައްޖު ދަތުރުގެ އަގުގެ 20 އިންސައްތަ ދެއްކުމަށްފަހު ބާކީބައި ހަމަޖެއްސުމަށް ޕެންޝަން އޮފީހަށް ހުށަހެޅުމުން، ކަނޑައެޅިފައިވާ ތަރުތީބުން ޖާގަ ރިޒާވްކޮށްދޭނެއެވެ. ނަމަވެސް، އެ ފައިސާ ވަގުތުން ޕެންޝަން އެކައުންޓުން އުނިނުވާނެ ކަމަށާއި، ޙައްޖު ކޯޕަރޭޝަނާ ފައިސާ ޙަވާލުކުރުމާ ހަމައަށް އެ ފައިސާ ދާނީ އިންވެސްޓްކުރެވެމުން ކަމަށް ޕެންޝަން އޮފީހުން ބުނެއެވެ.
ރާއްޖެއިން ޙައްޖަށް މީހުން ފޮނުވުމަށް ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ރަސްމީކޮށް ދޫކުރަނީ އަހަރަކު 1,000 މީހުންގެ ކޯޓާއެކެވެ. ކޯޓާގެ ޢަދަދު މަދުވުމާއި ޙައްޖަށް ދާން އެދޭ މީހުންގެ ޢަދަދު އަހަރަކަށްވުރެ އަހަރެއް އިތުރުވަމުން ދިއުމަކީ ޙައްޖު ކިޔޫ އިންތިހާއަށް ދިގުވެގެންދާ މައިގަނޑު ސަބަބެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.