ބިރުވެރިކަމާއި ތަފާތުކުރުންތަކުން އެއްކިބާވެފައިވާ، އަންހެނުންނާއި އަންހެން ކުދިންނަށް ރައްކާތެރި މުސްތަޤްބަލެއް ހޯދައިދިނުމަށް އެންމެހައި ފަރާތްތަކުން އެކުގައި މަސައްކަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ގޮވާލައްވައިފިއެވެ.

ފަސްޓް ލޭޑީ މިކަމަށް ގޮވާލެއްވީ އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ "16 ޑޭސް އޮފް އެކްޓިވިޒަމް" ކެމްޕޭނާ ގުޅިގެން މީސްމީޑިއާގައި ޙިއްޞާކުރެއްވި މެސެޖެއްގައެވެ.

އެކަމަނާގެ މެސެޖުގައި ވިދާޅުވީ، އަންހެނަކަށްވީތީ ދޭ އަނިޔާތަކުން ސަލާމަތްވެފައިވާ މުޖުތަމަޢެއް ބިނާކުރެވޭނީ، އެފަދަ ނުރައްކާތެރި ޢަމަލުތަކާ ދެކޮޅަށް ހިތްވަރާއެކު ތެދުވެ، އެންމެން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކޮށްގެން ކަމަށެވެ. އަދި މި ދާއިރާއިން މާނަހުރި ހެޔޮ ބަދަލުތަކެއް ގެނައުމަށްޓަކައި ކަމާބެހޭ ހުރިހާ މުއައްސަސާތަކެއްގެ މަސައްކަތްތައް ހަރުދަނާކުރުމަށްވެސް އެކަމަނާ އެދިވަޑައިގެންނެވިއެވެ.

އިޝްތިހާރު އިޝްތިހާރު

މީގެއިތުރުން، އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ރައްކާތެރިކަން ހޯދައިދިނުމާއި، އެފަދަ ފަރާތްތަކަށް ބޭނުންވާ ޞިއްޙީ އަދި ނަފްސާނީ ފަރުވާއާއި އެހީތެރިކަން އަދި އިންސާފު ހޯދައިދިނުމުގައި ޒިންމާދާރު ނިޒާމެއްގެ ތެރެއިން މަސައްކަތްކުރުމުގެ މުހިންމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ފަސްޓް ލޭޑީ ސާޖިދާ އިތުރަށް ވިދާޅުވީ، މިފަދަ މައްސަލަތަކަކީ ކުދި ކަންތައްތަކެއްގެ ގޮތުގައި ދެކި ދޫކޮށްނުލައި، އަނިޔާ ލިބޭ ފަރާތްތަކުގެ ޝަކުވާތައް އަޑުއަހައި، އެހީތެރިކަން އަވަހަށް ލިބޭނެ މަގު ފަހިކޮށްދޭންޖެހޭ ކަމަށެވެ. އަދި އަންހެނުންނާއި އަންހެން ކުދިންނަށް ޤަދަރާއި އިޙްތިރާމް ލިބިގެންވާ އަބުރުވެރި ދިރިއުޅުމެއް ކަށަވަރުކޮށްދިނުމަށް އެންމެހައި ފަރާތްތަކުން އަތުގުޅާލައިގެން މަސައްކަތްކުރުމަށް އެކަމަނާ ވަނީ އިލްތިމާސްކުރައްވާފައެވެ.