ދިވެހިރާއްޖޭގެ އަންހެނުންނާއި އަންހެން ކުދިންނަށް އަނިޔާއިން ރައްކާތެރިކަން ހޯދައިދީ، އަނިޔާ ލިބޭ ފަރާތްތަކަށް އިންސާފު ހޯދައިދިނުމުގައި ސަރުކާރު ސާބިތުކަމާއެކު ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމުގެ ދުވަހާ ގުޅުވައިގެން ފޮނުއްވި ޚާއްޞަ މެސެޖެއްގައެވެ.
އެމަނިކުފާނުގެ މެސެޖުގައި ވިދާޅުވީ، އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ހިމާޔަތް ދިނުމާއި، އެފަދަ ކުށްތައް ކުރާ މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަކީ މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭ އެއް ކަންތައް ކަމަށެވެ. އަދި އަނިޔާވެރި އަމަލުތައް ހިންގުމަށްފަހު ފިޔަވަޅެއް ނޭޅި ސަލާމަތްވެގެން ތިބޭ ސަގާފަތް ނައްތާލުމަށް ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން ޢަމަލީ ގޮތުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ގެވެށި އަނިޔާ ލިބޭ މީހުންނަށް ރައްކާތެރި މާޙައުލަކާއި ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭ މަރުކަޒުތައް އިތުރުކޮށް، އެ ތަންތަނުގެ ޚިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އަނިޔާ ލިބޭ މީހުންނަށް އޯގާތެރިކަމާއި އަދުލުވެރިކަމާއެކު އަވަހަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ކަމާގުޅުންހުރި މުއައްސަސާތަކާއި ޝަރުޢީ ދާއިރާގެ ޤާބިލުކަން އިތުރުކުރުމުގެ މަސައްކަތްތައްވެސް ކުރިއަށްދާކަން އެމަނިކުފާނު ބަޔާންކުރެއްވިއެވެ.
ރައީސް ޑރ. މުޢިއްޒު އިތުރަށް ވިދާޅުވީ، އަނިޔާއިން މުޖުތަމަޢު ސަލާމަތްކުރުމަށްޓަކައި އަންހެނުން އިޤްތިޞާދީ އަދި އިޖުތިމާޢީ ގޮތުން ބާރުވެރިކުރުވުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި އަންހެނުންނާއި އަންހެން ކުދިންނަށް ބިރުވެރިކަމެއް ނެތި، އަމާންކަމާއެކު އުޅެވޭނެ މާޙައުލެއް ބިނާކުރުމަށް އެންމެހައި ފަރާތްތަކުން ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލައްވަމުން، އަންހެނުންނަށް ކުރާ އެއްވެސް ބާވަތެއްގެ އަނިޔާއަކަށް އެއްވެސް ޖާގައެއް ނޯންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކޮންމެ އަހަރެއްގެވެސް ނޮވެންބަރު 25 އިން ފެށިގެން ޑިސެންބަރު 10 އަށް ފާހަގަކުރާ ބައިނަލްއަޤްވާމީ "އަނިޔާއާ ދެކޮޅު 16 ދުވަހުގެ" ކެމްޕޭނަކީ، އަންހެނުންނަށް ކުރާ އެކި ބާވަތުގެ އަނިޔާތަކާ ދެކޮޅަށް ހޭލުންތެރިކަން އިތުރުކޮށް، އަޑުއުފުލުމަށް މުޅި ދުނިޔޭގައިވެސް ކުރިއަށްގެންދާ ޚާއްޞަ ހަރަކާތެކެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.