ދިވެހިރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޖުމްލަ 150 މެގަވޮޓްގެ ސޯލާ ޕީވީއާއި ބެޓެރި ސްޓޯރޭޖް ހިމެނޭ ހައިބްރިޑް ނިޒާމުތަކެއް ޕަވަރ ޕަރޗޭސް އެގްރީމަންޓް (ޕީޕީއޭ) އުސޫލުން ޤާއިމުކުރުމަށްޓަކައި ފްރޭމްވަރކް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ސްޓެލްކޯ ހޯލުގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކުރީ މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއާއި، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އަދި ޗައިނާގެ ގޯޝެންގ އެނަރޖީ ކޮމްޕެނީ ލިމިޓެޑާ ދެމެދުގައެވެ. މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ވަޒީރު ޢަލީ ޝަރީފް ސޮއިކުރެއްވިއިރު، ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒްވަރެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ޢަލީ ޝަރީފް ވިދާޅުވީ، މިއީ ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 33 އިންސައްތައަކީ އިޔާދަކުރަނިވި ހަކަތައަށް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެއް ކަމަށެވެ. އަދި މި ސަރުކާރު އައިއިރު އިޔާދަކުރަނިވި ހަކަތައިގެ ކެޕޭސިޓީ 56 މެގަވޮޓުގައި ހުރި ނަމަވެސް، މިހާރު އެ އަދަދު 136 މެގަވޮޓަށް އިތުރުކުރެވިފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

އިޝްތިހާރު އިޝްތިހާރު

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒްވަރުވެސް ވަނީ މިއީ ރާއްޖޭގެ ރަށްތަކަށް އިންތިހާއަށް މުހިންމު މަޝްރޫޢެއްކަން ފާހަގަކުރައްވާފައެވެ. މި 150 މެގަވޮޓްގެ ނިޒާމު ފުރިހަމަވުމުން، ސަރުކާރުން ކަނޑައަޅާފައިވާ 33 އިންސައްތައިގެ ލަނޑުދަނޑީގެ 60 އިންސައްތަ ޙާޞިލުވެގެންދާނެއެވެ.

މި މަޝްރޫޢުގެ ސަބަބުން ތެލަށާއި ކަރަންޓު ސަބްސިޑީއަށް ދައުލަތުން ކުރާ ޚަރަދުން އަހަރަކު ގާތްގަނޑަކަށް 1.2 ބިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް ލަފާކުރެވެއެވެ. މީގެއިތުރުން، ޖައްވަށް ބޭރުކުރާ ކާބަންޑައިއޮކްސައިޑްގެ ތެރެއިން އަހަރަކު ގާތްގަނޑަކަށް 198،283 ޓަނު މަދުކުރެވި، ތިމާވެއްޓަށް ބޮޑު ފައިދާއެއް ލިބިގެންދާނެއެވެ. ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ ތެރޭގައި މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފެށުމެވެ.