ވ. ފުލިދޫގައި އާ އިންޖީނުގެއަކާއި 80,000 ލީޓަރުގެ ތެޔޮ ރައްކާކުރެވޭނެ ޓޭންކެއް ޑިޒައިންކޮށް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން އިއުލާންކޮށްފިއެވެ.
ސްޓެލްކޯއިން ބުނީ މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
މި މަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 20,000 ރުފިޔާ ނުވަތަ އެއަގަށްވާ ޔޫއެސް ޑޮލަރު ހުށަހަޅަންޖެހޭނެއެވެ. އަދި ބިޑް ކާމިޔާބުކުރާ ފަރާތުން ޕާފޯމަންސް ސެކިއުރިޓީ ހުށަހަޅަންޖެހޭނެ ކަމަށްވެސް އެ ކުންފުނިން މައުލޫމާތު ދެއެވެ. ބިޑް ސެކިއުރިޓީ އަދި ޕާފޯމަންސް ސެކިއުރިޓީގެ ގޮތުގައި ބަލައިގަންނާނީ ބޭންކް ގެރެންޓީ ލެޓާ، ބޭންކް ޑްރާފްޓް ނުވަތަ އިންޝުއަރެންސް ޕޮލިސީއެވެ.
ސްޓެލްކޯއިން ހާމަކުރި ގޮތުގައި މި ބީލަމުގައި ބައިވެރިވެވޭނީ އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ކުރާ ފަރާތްތަކުގެ ގަވާއިދުގެ ދަށުން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރެއިން GC01 ގެ ގްރޭޑް 4 ނުވަތަ އެއަށްވުރެ މަތީ ގްރޭޑްތަކަށް ޝަރުތުހަމަވާ ފަރާތްތަކަށެވެ.
މީގެއިތުރުން، ޚިދުމަތް ނުވަތަ ތަކެތި ފޯރުކޮށްދޭ ފަރާތާ ސްޓެލްކޯގެ އެއްވެސް އިސް ވެރިޔަކާ އާއިލީ ނުވަތަ ވިޔަފާރީގެ އެއްވެސް ގުޅުމެއް އޮތްނަމަ، އެކަމުގެ ސާފު މައުލޫމާތު އެނގޭނެ ލިޔުމެއް ބީލަމާ އެކު ހުށަހަޅަންޖެހޭނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ. އެފަދަ ލިޔުމެއް ހުށަނާޅައި އޮއްވައި އެފަދަ ގުޅުމެއް އޮތްކަން ކުންފުންޏަށް އެނގިއްޖެނަމަ، އެ ފަރާތެއްގެ ބީލަން ބާތިލުކުރެވޭނެއެވެ.
ސްޓެލްކޯއިން އިތުރަށް ބުނީ މައުލޫމާތު ފުރިހަމަނުވާ ބިޑްތައް ބާތިލުކުރުމުގެ ފުރިހަމަ އިހުތިޔާރު އެ ކުންފުންޏަށް ލިބިގެންވާ ކަމަށާއި، އަދި ކޮންމެ ވަގުތެއްގައިވެސް ބިޑް ބާތިލުކުރުމުގެ ހައްގު ސްޓެލްކޯއަށް ލިބިގެންވާ ކަމަށެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.