ސަރުކާރާއި ރައްޔިތުން އެދޭ ފަދަ ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދީ، އެ އުންމީދުތައް ޙަޤީޤަތަކަށް ހެދުމަށް ސްޓެލްކޯގެ މުވައްޒަފުން މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންދާނެ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރު ވިދާޅުވެއްޖެއެވެ.
ޑރ. އަޒުވަރު މިހެން ވިދާޅުވީ، ފެނަކަ ކޯޕަރޭޝަނުން ދެމުން އައި ޚިދުމަތްތައް ސްޓެލްކޯގެ ބެލުމުގެ ދަށަށް ބަދަލުކުރުމުގެ މަރުޙަލާގައި ބުރަކޮށް މަސައްކަތްކުރި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޑރ. އަޒުވަރު ވަނީ، ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޔުޓިލިޓީ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، ދެމެހެއްޓެނިވި ގޮތެއްގައި އިތުބާރު ހުރި ޚިދުމަތެއް ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމަށް ތަޢުރީފު ކުރައްވައި، އެމަނިކުފާނަށް ޝުކުރު އަދާކުރައްވާފައެވެ.
މާލެ ސަރަޙައްދުގެ އިތުރުން މީގެކުރިން ސްޓެލްކޯއިން ޚިދުމަތް ދެމުން އައީ ކަ، އއ، އދ އަދި ވ. އަތޮޅުގައެވެ. ނަމަވެސް، ފެނަކަ އުވާލުމުގެ މަރުޙަލާގެ ތެރެއިން ފުރަތަމަ ބ. އަތޮޅާއި، ޅ. އަތޮޅު އަދި މ. އަތޮޅުގެ ރަށްތައް ސްޓެލްކޯއާ ޙަވާލުކުރިއެވެ. އަދި އޭގެ ފަހުން ބާކީ ހުރި އަތޮޅުތަކުގެ 127 ރަށެއްގެ ޔުޓިލިޓީ ޚިދުމަތްތައް މިހާރު ވަނީ ރަސްމީކޮށް ސްޓެލްކޯގެ ދަށަށް ބަދަލުކޮށްފައެވެ.
ފެނަކައިގެ ދަށުގައި ހުރި ރަށްތައް ސްޓެލްކޯގެ ބެލުމުގެ ދަށަށް ގެނައުމުގެ ޢަމަލީ މަސައްކަތުގައި އެ ކުންފުނީގެ ހަތަރު ޓީމަކުން ވަނީ އަތޮޅުތަކުގައި ހަރަކާތްތެރިވެފައެވެ. މި ބަދަލާ ގުޅިގެން، އެ ރަށްތަކުގެ އިންޖީނުގެތަކުގެ ހިންގުން ހަރުދަނާކޮށް، ސްޓެލްކޯގެ މިންގަނޑުތަކަށް ޚިދުމަތްތައް ފެއްތުމަށްޓަކައި އެ ކުންފުނީގެ އިދާރީ އޮނިގަނޑަށް ބަދަލުތައް ގެނެސް، އައު އޮނިގަނޑު ތަންފީޒުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.