ސްޓެލްކޯގެ ދޮރުތަކަކީ އިންޖިނިއަރިންގ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ހުނަރުވެރި ޒުވާނުންނަށް މަރުޙަބާ ކިޔުމަށް އަބަދުވެސް ހުޅުވިފައިވާ ދޮރުތަކެއް ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ޑރ. އަލީ އަޒުވަރު ވިދާޅުވެއްޖެއެވެ.
ޤައުމީ އިންޖީނިއަރުންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚާއްޞަ މެސެޖެއްގައި ޑރ. އަޒްވަރު ވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޚިދުމަތް ކުރައްވަމުން ގެންދަވާ އެންމެހައި ދިވެހި އިންޖީނިއަރުންނަށާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ދުވަހުގެ މަރުޙަބާއާއި ތަހުނިޔާ އަރިސްކުރައްވާފައެވެ.
އިންޖިނިއަރިންގ ދާއިރާއަކީ ކޮންމެ ޤައުމެއްގެވެސް ތަރައްޤީއާއި ތަހުޒީބުގެ މައިބަދަ ކަމަށް މެނޭޖިންގ ޑިރެކްޓަރު ފާހަގަކުރެއްވިއެވެ. ސްޓެލްކޯގެ އެންމެ ބޮޑު އެއް ފަޚުރަކީ އެ ކުންފުނީގެ ޓީމުގައި ތިއްބެވި ޤާބިލު، ސައްތައިންސައްތަ ދިވެހި ހުނަރުވެރި އިންޖިނިއަރުން ކަމުގައި އެމަނާފުއްޕެވިއެވެ. އެކި ދާއިރާތަކުން މަތީ ތަޢުލީމާއި ފަންނީ ތަމްރީނު ޙާޞިލުކޮށްގެން ތިބި ގިނަ ޢަދަދެއްގެ ދިވެހި އިންޖިނިއަރުން ޚިދުމަތުގައި ސާބިތުވެ ތިބުމަކީ ކުންފުންޏަށް ލިބޭ މަތިވެރި ޝަރަފެކެވެ.

ރައްޔިތުންނަށް ދެމުންދާ އަސާސީ ޚިދުމަތްތައް ހުއްޓުމެއްނެތި ސައުވީސް ގަޑިއިރު އެންމެ ފުރިހަމަ ފެންވަރުގައި ފޯރުކޮށްދިނުމުގައި ދެމިތިބުމުގެ އަސްލަކީ މި ހުނަރުވެރި ޓީމުގެ ބުރަ މަސައްކަތެވެ. ވަސީލަތްތައް މަދު، އިންޖިނިއަރިންގ ކިޔެވުން ދަތި ދުވަސްވަރެއްގައި ގޮންޖެހުންތަކާއެކު ތަޢުލީމު ޙާޞިލުކުރައްވައިގެން ސްޓެލްކޯއާ ގުޅިވަޑައިގެންނެވި އިސް ރަން އިންޖިނިއަރުންގެ ޚިދުމަތް މިއަދު ހަނދާން ކުރަންޖެހެއެވެ. މިއަދު ފެންނަ ތަރައްޤީގެ ބިންގަލަކީ އެ ބޭފުޅުންގެ ދަލާއި ލޭ ކަމަށްވެސް މެސެޖުގައި ވިދާޅުވިއެވެ.
މިހާރު ކުންފުނީގެ ހިދުމަތުގައި ތިއްބެވި އިންޖީނިއަރުންނާއި، ޚިދުމަތް ކުރެއްވުމަށްފަހު ރިޓަޔަރ ކުރައްވާފައިވާ އިންޖިނިއަރުންގެ އަގު ވަޒަންކުރައްވާފައިވެއެވެ. އަދި ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވުމަށްފަހު ވަކިވެދިޔަ މުވައްޒަފުންގެ އަގުހުރި ޒިކުރާ އައުކޮށް، އެ މައްޔިތުންގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން އެދި ދުޢާކުރެއްވިއެވެ.
ސްޓެލްކޯއިން އަބަދުވެސް އެންމެ އިސްކަމެއް ދެނީ މުވައްޒަފުންގެ ފަންނީ ޤާބިލުކަން އިތުރުކޮށް، ދުނިޔޭގެ ފެންވަރުގެ ތަމްރީނުތައް ހޯދައިދިނުމަށެވެ. ޔޫރަޕްގެ ޤައުމުތަކަށް ފޮނުވައިގެންވެސް އިންޖިނިއަރުންނަށް ވަނީ ޚާއްޞަ ތަމްރީނުތައް ފޯރުކޮށްދެވިފައެވެ. ނިމިދިޔަ 2024 ވަނަ އަހަރު 535 ފުރުޞަތު އަދި 2025 ވަނަ އަހަރު 947 ތަމްރީނު ފުރުޞަތު މުވައްޒަފުންނަށް ވަނީ ހޯދައިދީފައެވެ.
އިންޖިނިއަރިންގ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލުކުރުމުގެ ފުރުޞަތުތައް ފަހިކޮށްދީފައިވާއިރު، ސްޓެލްކޯގެ ގިނަ އިންޖިނިއަރުންނަކީ އެ ކުންފުނިން އުނގަންނައިދީ ތަމްރީނުކޮށްފައިވާ އަމިއްލަ އުފެއްދުންތަކެކެވެ. މިއަދުގެ ޒުވާން ޖީލަށް ދެއްވި މެސެޖުގައި، އިންޖިނިއަރިންގ ދާއިރާ ޚިޔާރުކުރާ ދަރިވަރުންގެ ޢަދަދު މަދުނަމަވެސް، މިއީ އުފެއްދުންތެރިކަމާއި ކުރިއެރުމުން ފުރިގެންވާ، ފުރުޞަތުތައް ތަނަވަސް ދާއިރާއެއްކަން ފާހަގަކުރެއްވިއެވެ.
ކުންފުނީގެ އަމާޒަކީ ދުނިޔޭގެ އެންމެ ފަހުގެ ޓެކްނޮލޮޖީތަކަށް އަހުލުވެރި، ޤާބިލު ދިވެހި ޖީލެއް ބިނާކުރުމެވެ.
ކޮންމެ ދަތި ވަގުތެއްގައިވެސް އަދި ގޮންޖެހުމެއްގައިވެސް އިންޖިނިއަރުން ދައްކަވާ ސާބިތުކަމަށްޓަކައި ކުންފުނީގެ މެނޭޖްމަންޓުގެ ނަމުގައާއި އަމިއްލަ ނަމުގައި މެނޭޖިންގ ޑިރެކްޓަރު ޝުކުރު އަދާކުރެއްވިއެވެ. މެސެޖު ނިންމަވާލެއްވީ ދިވެހިރާއްޖޭގެ އިންޖިނިއަރިންގ ދާއިރާއަށާއި ސްޓެލްކޯގެ ޚިދުމަތްތަކަށް އިތުރު ފާގަތިކަމާއި ކާމިޔާބީއަށް އެދި ދުޢާކުރައްވަމުންނެވެ.










ކިޔުންތެރިންގެ ހިޔާލު