ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ ޢަދަދު 11 އިން 15 އަށް އިތުރުކުރުމަށާއި ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓު އުވާލުމަށް، ކޯޓުތަކުގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލެއް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރުޒޫޤެވެ. މި އިސްލާޙަކީ ޝަރުޢީ ދާއިރާގެ ހިންގުން މިހާރަށްވުރެ ހަރުދަނާކޮށް، ޝަރީޢަތްތައް އަވަސްކޮށް އަދުލު އިންސާފު ޤާއިމުކުރުން އަވަސްކުރުމުގެ ބޭނުމުގައި ހުށަހެޅި ބިލެއް ކަމަށް ސަރުކާރުން ބަޔާންކުރެއެވެ.
ޤާނޫނު މިހާރު އޮންނަ ގޮތުން ހައިކޯޓުގައި ތިއްބަވަނީ އިސްފަނޑިޔާރާއެކު ޖުމްލަ 11 ފަނޑިޔާރުންނެވެ. އެހެންނަމަވެސް، ހުށަހަޅާފައިވާ އިސްލާޙުގައިވަނީ އެ އަދަދު އިސްފަނޑިޔާރާއެކު 15 އަށް އިތުރުކުރުމަށެވެ. އަދި ބިލު ފާސްވެ ޤާނޫނަކަށް ވެގެން ޢަމަލުކުރަން ފަށާތާ ތިން މަސްދުވަހުގެ ތެރޭގައި ހައިކޯޓަށް ބޭނުންވާ އިތުރު ހަތަރު ފަނޑިޔާރުން ޢައްޔަންކޮށް ނިންމަންޖެހޭނެ ކަމަށްވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ. މީގެއިތުރުން، މި ބިލު ޤާނޫނަކަށްވާތާ 30 ދުވަހުގެ ތެރޭގައި ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓު އުވާލަންޖެހޭނެ ކަމަށްވެސް ބިލުގައި ވަނީ ހިމަނާފައެވެ.
ހައިކޯޓަކީ ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމުގައި ސުޕްރީމް ކޯޓަށްފަހު އެންމެ މަތީ ކޯޓެވެ. މާލޭގެ ކޯޓުތަކާއި، ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތައް އަދި ޓްރައިބިއުނަލްތަކުން ނިންމާ މައްސަލަތަކުގެ ތެރެއިން އިސްތިއުނާފުކުރާ މައްސަލަތައް ބެލުމުގެ އެންމެ އިސް ދައުރެއް އަދާކުރަނީ ހައިކޯޓުންނެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.